އަރީޖް: ގާނޫނީ ދާއިރާ އިން ގިނަ ތަޖުރިބާތަކެއް ގެންދަވަނީ ހޯއްދަވަމުން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަރީޖް: އެންމެ ބޮޑު އުފަލަކީ މީހެއްގެ ހާލަތު ބަދަލުކޮށްދެވުން

އިންސާފު ހޯދައިދިނުމަށް ގާނޫނީ ވަކީލެއްގެ ގޮތުގައި ކުރައްވާ މަސައްކަތްތަކުން އަރީޖް ގެންދަވަނީ ތަފާތުދައްކަވަމުން
7 އޭޕްރީލު 2022

ގާނޫނީ ވަކީލެއްގެ ވަޒީފާ ފަސޭހައެއް ނޫނެވެ. މައްސަލައެއްގައި ޝަރީއަތުގެ މަރުހަލާ ނިމޭއިރު އެއްކޮޅަށް ކާމިޔާބު ލިބުނަސް އެއީ އަދި ފުރިހަމަ ނަތީޖާއެއް ކަމަށް ނުވެދާނެ އެވެ. އާމިނަތު އަރީޖް ހުސެއިން ވިދާޅުވާގޮތުގައި، ޝަރުއީ ނިޒާމް އޮންނަ ގޮތުން، އަލަށް ކުށްކުރާ އިރު އާއި އަންހެނުންގެ ހައްގުތަކާއި ޖިންސީ ތަފާތުކުރުމާއި އަނިޔާ އާއި ފުރައްސާރައިގެ އަމަލުތައް ހިމެނޭ މައްސަލަތަކުގައި ކޯޓުގެ މަރުހަލާއިން ކާމިޔާބުވުމަކީ އިންސާފުގެ ހަމައެކަނި ފެށުމެވެ.

"މޮޅެއް ކަމުގައި ގަބޫލު ކުރެވެނީ، ހައްގުތައް ގެއްލިފައިވާ މީހާއަށް އޭނާއަށް ދިމާވި ކަމަކުން ފުރިހަމައަށް އަރައިގަނެވުން. އެއީ ކޯޓުގެ މަރުހަލާތައް ނިމި، ނުވަތަ އަނިޔާ ލިބޭ ފަރާތަށް ކޯޓުން ބޭރުން ލިބެން ޖެހޭ އެކި ފަރުވާ އާއި އެއްބާރުލުން ލިބުމަށް ފަހު، ބައެއް ފަހަރު އެތައް އަހަރެއް ފަހުން ލިބޭ އެއްޗަކަށް ވެސް ވެދާނެ،" އަރީޖް، 31، ވިދާޅުވި އެވެ.

އެންމެ މުހިއްމީ އިންސާފު ގާއިމުވުން.

އަރީޖް
އަރީޖް 'ދައުރު'އަށް އިންޓަވިއު ދެއްވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަރީޖް ކިޔަވައިގެން އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވި އިރު އެކަން އެހާ ބޮޑަކަށް ފަހުމެއް ނުވެ އެވެ. އެހެންވެ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އިރު ކޭސްތަކުން މޮޅުވާން ވަރަށް ހިތްވަރުކުރައްވަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ދައުލަތުގެ ފަރާތުން ވަކާލަތު ކުރާއިރު، އެންމެ މުހިންމު ކަމަކީ މޮޅުވުމެއް ނޫނެވެ.

"އެންމެ މުހިއްމީ އިންސާފު ގާއިމުވުން،" އަރީޖް ވިދާޅުވި އެވެ.

އުމުރުން 30 އަހަރުގެ އަހަރުތައް ފެއްޓެވި އިރު ގާނޫނީ ދާއިރާއިން އަރީޖް ގެންދަވަނީ ގިނަ ތަޖުރިބާތަކެއް ހޯއްދަވަމުންނެވެ. ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރެއްވުމަށް ފަހު އޭނާ ދެން ގުޅިވަޑައިގަތީ މާލީ އިދާރާތަކަކާ އެވެ. މޮރިޝަސް ކޮމާޝަލް ބޭންކްގެ ލީގަލް ކޮމްޕްލަޔަންސް ބައިގައި އަދި ކެޕިޓަލް މާކެޓް ޑިވޮލަޕްމަންޓް އޮތޯރިޓީގެ ލީގަލް ކައުންސެލްގެ ގޮތުގައި އުޅުއްވި އެވެ.

ބްލޮގަރު ޔާމީން ރަޝީދު މަރާލުމާ ގުޅިގެން 'ދުލެއް ނުކުރާނަން' ނަމުގައި ކުރިއަށް ގެންދިޔަ ހިނގާލުމެއްގައި އަރީޖް ހަރަކާތްތެރިވެވަޑައިގަންނަވަނީ.

ގާނޫނީ ދާއިރާއިން ކުރިއަށް ވަޑައިގަތުމުގެ ޝައުގުވެރިކަން އުފެދުނީ، އަރީޖް ވިދާޅުވި ގޮތުގައި، 2008ގެ ރިޔާސީ އިންތިހާބާ ހަމައަށް ރާއްޖޭގައި އޮތް ސިޔާސީ ހަމަނުޖެހުންގަނޑުގެ ތެރެއިން ދިމާވި ކަންކަމުގަ އެވެ. އޭނާ އޭ ލެވެލް ނިންމެވި އިރު ގާނޫނީ ދާއިރާއަށް މާ ބޮޑު ޝައުގުވެރިކަމެއް ވެސް ނެތެވެ. ނަމަވެސް ސިޔާސީ ހަމަނުޖެހުންތަކުގައި ގާތް މީހުންނަށް ކުރި އަސަރާ އެކު ހަގީގީ ޑިމޮކްރެޓިކް ނިޒާމެއްގައި އިންސާފު ގާއިމްކުރުމުގެ ދާއިރާ ދަސްކުރައްވަން ބޭނުންވި އެވެ. މައިންބަފައިންގެ ފަރާތުން ލިބުނު ހިތްވަރާއި ސަޕޯޓް އަރީޖް ފާހަގަކުރެއްވި އެވެ.

ޔުނިވާސިޓީ ކޮލެޖް ލަންޑަންގައި މާސްޓާ އޮފް ލޯސް، ލޯ އެންޑް ސޯޝަލް ޖަސްޓިސް ފުރިހަމަކުރެއްވި އެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓާ ފައުންޑޭޝަން އޮފް ޑިމޮކްރަސީ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ވެސް މެ އެވެ.

މާސްޓާސް ރިސާޗުން މުހިއްމު ހޯދުންތަކެއް

ރާއްޖޭގެ ގާނޫނީ ދާއިރާގައި މީގެ ކުރިން އަންހެނުން ވަރަށް މަދެވެ. އަރީޖް 2021 ގައި ފުރިހަަމަ ކުރެއްވި މާސްޓާސްގެ  ތީސިސް ބިނާކުރެއްވީ ރާއްޖޭގެ ގާނޫނީ އަދި ޝަރުއީ ދާއިރާގައި ދެ ޖިންސްގެ ބައިވެރިވުމާއި މުޅި ރާއްޖެއަށް އެ ދާއިރާގެ މަސައްކަތް ބެހިފައިވާ ގޮތާ ބެހޭ ގޮތުންނެވެ. އަދި މި ދާއިރާ އިތުރަށް ފުޅާވެ، ބެހިގެންދާން ހުރި ދަތިތަކާއި ހުރަސްތަކުގެ މައްޗަށެވެ. 

މީގެ 30 އަހަރު ކުރިއަށް، 1990ގެ އަހަރުތަކަށް ބަލާ އިރު، އަރީޖްގެ ދިރާސާއިން އެނގުނީ، އޭރު ރާއްޖޭގައި މަސައްކަތްކުރި 71 ވަކީލުންގެ ތެރެއިން އަންހެނުންގެ އަދަދަކީ އެންމެ ތިނެެއް ކަމެވެ. 

އަރީޖް: ރާއްޖޭގެ 2008ގެ ސިޔާސީ ހަމަނުޖެހުންގަނޑުގެ ތެރެއިން އުފެދުނު ޝައުގުވެރިކަމާ އެކު ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކޮށް ކެރިއާ ބިނާކުރެއްވި.

އެކަމަކު އެ ހާލަތު މިހާރު ވަނީ ބަދަލުވެފަ އެވެ. ބާ ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ 1،772 ވަކީލުންގެ ތެރެއިން %48 އަކީ އަންހެނުންނެވެ. މިއީ ތަހުޒީބުވެފައިވާ ގައުމުތަކާ ދާދި އެއް ނިސްބަތެކެވެ. އިނގިރޭސިވިލާތުގެ ސޮލިސިޓާ ރެގިއުލޭޝަންސް އޮތޯރިޓީގެ ތަފާސްހިސާބަށް ބަލާއިރު އިންގްލެންޑާއި ވޭލްސްގައި އަންހެން ވަކީލުންގެ ނިސްބަތަކީ %49 އެވެ. 

އަރީޖްގެ މާސްޓާސްއަށް މިދިޔަ އަހަރު ހެއްދެވި ދިރާސާ ބުނާ ގޮތުގައި ރާއްޖޭގެ ގާނޫނީ ވަކީލުންގެ %29 އުޅެނީ މާލޭގަ އެވެ. އަދި ރާއްޖޭގެ އެހެން ސިޓީތަކާއި މާލެ އެއްކޮށްލައިގެން ބަލައިފި ނަމަ، ވަކީލުންގެ %43 ތިބީ ސިޓީތަކުގަ އެވެ.

އަރީޖް 'ދައުރު'އަށް އިންޓަވިއު ދެއްވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަރީޖް ފާހަގަކުރެއްވިގޮތުގައި ވަކީލުންގެ ބޮޑު ބައެއް ސިޓީތަކުގައި މަސައްކަތްކުރާކަމުން ދައްކުވައިދެނީ ގާނޫނީ ދާއިރާއަށް ވަންނަން އިޖްތިމާއީ އަދި އިގްތިސޯދީ ހުރަސްތަކެއް އެބަހުރި ކަމެވެ. 

މިއީ އެހެން ދާއިރާތަކުން ވެސް ފެންނަ ކަމެއް ނަމަވެސް، ގާނޫނީ މަސައްކަތުގައި ގިނަ ބައެއްގެ ބައިވެރިވުން ބޮޑުކުރުމަކީ އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރަން ވަރަށް މުހިންމު ކަމެއްކަން ތަޖުރިބާކާރުން ފާހަގަކުރާ ކަމަށް އަރީޖު ވިދާޅުވި އެވެ. 

އަންހެނުންނަށް ގޮންޖެހުން

އަންހެނަކަށް ވީތީ އަރީޖްއަށް ވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު.

ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުން ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުންނަށް ފުރުސަތު ލިބުނީ 2020ގަ އެވެ. ސިވިލް ކޯޓުގައި މަސައްކަތް ކުރައްވާ 11 ފަނޑިޔާރުންގެ ތެރެއިން އަންހެނުންގެ އަދަދަކީ ހަތަރެކެވެ. ގާނޫނީ ދާއިރާގައި އަންހެނުން ގިނަ ނަމަވެސް، އަރީޖް ފާހަގަކުރެއްވި ގޮތުގައި، ޝަރުއީ ދާއިރާއަށް ކުރިމަތިލާން ޖެހިލުންވެ، އަންހެނުންނަށް އުނދަގޫތަކެއް ކުރިމަތިވެ އެވެ. 

ގާނޫނީ ދާއިރާއިން ސަނަދު ލިބިފައިވާ މީހުންނަށް، ފަނޑިޔާރުންނާއި ގާޒީންނާއި މެޖިސްޓްރޭޓުންނަށް ވާން ފުރުސަތު އޮވެ އެވެ. އެކަމަކު ރާއްޖޭގެ ޝަރުއީ ދާއިރާގައި ޖުމްލަ 164 ފަނޑިޔާރުން ތިބިއިރު، އަންހެނުންގެ އަދަދަކީ އެންމެ 17 އެވެ. މިންތީގެ ހަމަހަމަކަން ނެތުމުގެ އިތުރުން، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ހުންނަ ފަރަގުތައް ވެސް ޝަރުއީ ދާއިރާއަށް ވަނުމަށް އޮންނަ ހުރަހަކަށްވެ އެވެ.

އެ ނަތީޖާއަކީ ވަރަށް އުއްމީދީ އެއްޗެއް. ކުރިމަގުގައި ޝަރުއީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ޕޮލިސީ ލެވެލްގައި މަސައްކަތްތަކެއް ކުރަން ޖެހޭކަން ހާމަވެގެން މި ދިޔައީ.

އަރީޖް 

މާސްޓާސް ފުރިހަމަ ކުރެއްވި އިރު އަރީޖް ހެއްދެވި ރިސާޗުގައި ބައިވެރިވި %84 ލޯ ފާމްއިން ދެކޭ ގޮތުގައި ޝަރުއީ ދާއިރާގައި އަންހެނުންގެ ދައުރު ބޮޑުކުރަން ޖެހެ އެވެ.

"އެ ނަތީޖާއަކީ ވަރަށް އުއްމީދީ އެއްޗެއް. ކުރިމަގުގައި ޝަރުއީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ޕޮލިސީ ލެވެލްގައި މަސައްކަތްތަކެއް ކުރަން ޖެހޭކަން ހާމަވެގެން މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.

އަރީޖް ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނުންނަށް ވަޒީފާގެ ހުރަސްތައް އޮތީ ގާނޫނީ ދާއިރާއިން އެކަންޏެއް ނޫނެވެ.

"ހަމައެކަނި ގާނޫނީ ދާއިރާއޭ ބުނެފި ނަމަ އެ ވާނީ ގާނޫނީ ދާއިރާއަށް ބޭއިންސާފަކަށް. އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެކި ކަހަލަ ތަފާތުކުރުމާއި އަންހެނަކަށް ވީތީ ވަކި ކަމެއް ނުކުރެވޭނެ ކަމުގެ ވިސްނުންތަކާ ކުރިމަތިލާން ޖެހޭ. މިކަންކަން ހުއްޓުވަން އެޅިފައިވާ ފިޔަވަޅުތައް އެންމެ ހަރުދަނާއެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މަސައްކަތުގެ މާހައުލުގައި ހިންގާ ފުރައްސާރާ އާއި ތަފާތުކުރުމަށް ފުރިހަމަ ހައްލެއް އަދި ރައްކާތެރިކަމެއް އަމަލީ ގޮތުން އައިސްފައެއް ނުވޭ.

އަރީޖް

އޭގެ މިސާލެއްގެ ގޮތުން އަރީޖް ނެންގެވީ ޖިންސީ ފުރައްސާރަ ހުއްޓުވުމާ ބެހޭ 2014ގެ ގާނޫނެވެ.

"މި ގާނޫނަށް ހަތް އަހަރު ވެއްޖެ. އަދިވެސް މަސައްކަތުގެ މާހައުލުގައި ހިންގާ ފުރައްސާރަ އާއި ތަފާތުކުރުމަށް ފުރިހަމަ ހައްލެއް ވެސް، ރައްކާތެރިކަމެއް ވެސް އަމަލީ ގޮތުން އައިސްފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އަރީޖް (ކ-2): މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް އަޑު އުފުލައްވާ.

އަރީޖް ވިދާޅުވި ގޮތުން ނަމަ އޭނާއަށް ވެސް އެކަހަލަ ތަފާތުކުރުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.

"އެންމެ ހީނުކުރާ މީހުންގެ ފަރާތުން ތަފާތުކުރުން އަންނާތީ އެންމެ ހިތްހަމަނުޖެހެނީ،" އަރީޖް ވިދާޅުވި އެވެ.

އޭނާ ހިތްވަރުދައްކަވާ އެއް ދާއިރާއަކީ މިންތީގެ ހަމަހަމަކަން ގާއިމްކުރުމެވެ. އެކަމުގައި އުޅުއްވާތީ، ރާއްޖޭގައި އަންހެނުންނަށް ކުރާ ފުރައްސާރަ ތަފާތު ކަމަށް ގަބޫލުކުރައްވަ އެވެ. އަދި އެފަދަ ފުރައްސާރަތައް ރާއްޖޭގައި ކޮންމެ އަންހެނަކަށް ވެސް ތަހައްމަލު ކުރަން ޖެހިފައިވާނެ ކަމަށް އޭނާގެ ހިތް ބުނެ އެވެ.

ކެރިއަރު އޮތީ ކުރިއަށް

އަރީޖް: މުސްތަގުބަލުގައި ކުރިއަށް ދިއުމަށް ގަސްދުކުރައްވަނި ލީގަލް ރިސާޗް އަދި ޕޮލިސީ ކޮންސަލްޓޭޝަން އިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަރީޖް މިހާރު މަސައްކަތްކުރައްވަނީ ގާނޫނީ ލަފާދިނުމާއި ތަރައްގީގެ އެކި ކަންކަމުގަ އެވެ. ގާނޫނުތައް ތަންފީޒުކުރަން ހުރި ހުރަސްތައް ދެނެގަތުމާއި ގާނޫނުތައް ހަދަނީ ފަސޭހައިން ތަންފީޒުކުރެވޭ ގޮތަށްތޯ އޭނާ ދިރާސާކުރައްވަ އެވެ. މުސްތަގުބަލުގައި ކުރިއަށް ދާން އޭނާ ބޭނުންވަނީ ލީގަލް ރިސާޗް އާއި ޕޮލިސީ ކޮންސަލްޓޭޝަންގަ އެވެ.

ހެޔޮ ބަދަލެއް ބޭނުން ނަމަ އަސާސީ ގޮތުން ކުރަންވީ ދެ ކަމެއް. އެއީ އުނގެނި، ހައްގު ބަސް ބުނުމަށް ފަސް ނުޖެހުމާއި އެކަކު އަނެކަކަށް ކަރާމަތްތެރިކަމާ އެކު ހިތުން،

އަރީޖް 

އަރީޖް ގަބޫލުކުރައްވަނީ ކެރިއަރާ މެދު މާ ބޮޑަށް ހިތްހަމަޖެހިގެން ހުރުމަކީ ވެސް ގޯހެއް ކަމުގަ އެވެ.

"ކުރިމަތިވި ގޮންޖެހުންތަކަށް ބަލާ އިރު، މިހާރު އާދެވިފައިވާ ހިސާބާ މެދު ހިތްހަމަޖެހޭ. އެކަމަކު ހާސިލްކުރަން ބޭނުން ކަންކަން އަދިވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މުޖުތަމައުގައި ކަމެއް ބަދަލުކުރުމާ މެދު ގޮތެއް ކިޔާ ނަމަ އެ މަޝްވަރާތައް އެތައް ދުވަހަކަށް ދެމިގެން ހިނގައިދާނެ އެވެ. އަރީޖް ދެކެވަޑައިގަންނަވާ ގޮތުގައި ހެޔޮ ބަދަލެއް ބޭނުން ނަމަ އަސާސީ ގޮތުން ކުރަންވީ ދެ ކަމެކެވެ. އެއީ ހައްގު ބަސް ބުނަން ފަސްނުޖެހުމާއި އެކަކު އަނެކަކަށް ކަރާމަތްތެރިކަމާ އެކު ހިތުމެވެ. 

އެންމެ ބޮޑު ހިތްވަރު: ގޮންޖެހުންތަކުން އަރައިގަންނަ ކްލަޔަންޓުން

އަރީޖް ވިދާޅުވި ގޮތުގައި ހިތްވަރު ލިބެނީ އިންސާނިއްޔަތަށް ލޯބި ހުންނަ މީހުންގެ ފަރާތުން އަދި މަަސައްކަތުގެ އުފަލަކީ އެފަދަ ކްލަޔަންޓުންގެ ފީޑްބެކް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަރީޖް ވިދާޅުވިގޮތުގައި ނިޒާމީ އެތައް ތަފާތުކުރުންތަކެއް އޮތް ދުނިޔެއެއްގައި، އެ ތަފާތުކުރުންތަކުގެ ސަބަބުން ލިބިފައިވާ އިމްތިޔާޒުތަކަކުން ކުރިއަރާ މީހުންގެ ކިބައިން ހިތްވަރެއް ނުލިބެ އެވެ. އޭނާއަށް، ހިތްވަރަކީ އެފަދަ ތަފާތުތަކާ ދެކޮޅަށް މަސައްކަތްކުރާ މީހުންނެވެ. 

"އިންސްޕަޔާ ވަނީ ކައިރީގައި އުޅޭ މީހުންގެ ކިބައިން. އާއިލާގެ ކިބައިން. ދިމާވާ ގޮންޖެހުންތަކާއި އަނިޔާ އާއި ތަފާތުކުރުމަށް ފަހުގައި ވެސް، އިންސާނިޔައްތަށް ލޯބި ހުންނަ މީހުންގެ ކިބައިން. މި ދާއިރާގައި އުޅޭއިރު އެންމެ ގިނައިން ހިތްވަރު ލިބިފައިވަނީ އެފަދަ ކްލަޔަންޓުންގެ ސަބަބުން. މަސައްކަތުގައި ލިބޭ އެންމެ ބޮޑު އުފަލަކީ ވެސް އެފަދަ ކްލަޔަންޓެއް ދޭ ފީޑްބެކް،" އަރީޖް ވިދާޅުވި އެވެ.

 ގާނޫނީ ދާއިރާ އިން ކުރައްވާ މަސައްކަތަކުން ނުވަތަ ކަމަކަށް އަޑުއުފުލުމުގެ ސަބަބުން މީހެއްގެ ހާލަތު ހެޔޮގޮތުގައި ބަދަލުވުމަކީ އަރީޖަށް އަބަދުވެސް އެންމެ ބޮޑު އެއް އުފަލެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް