7 ސުވާލު

ރޮޒައިނާގެ އަޒުމް: އަންހެނުން ސިޔާސީ ބާރުވެރިންނަށް ހެދުން

އެމްޑީޕީގެ އަންހެނުންގެ ރޫހު ހިންގަމުން އައި ގޮތުން އެ މަގުސަދު ހާސިލެއް ނުވޭ

މުހިންމު ނުކުތާތައް

މަޖިލީހުގައި އަންހެނުން އިތުރުކުރުމަކީ ފިރިހެނުންނަށް އޮތް ނުރައްކަލެއް ނޫން

ބޭނުމަކީ ކަންކަން ނިންމާ އިރު އަންހެނުން ބައިވެރިކުރުން

2024ގެ އިންތިހާބަށް ގިނަ އަންހެނުން ތައްޔާރުކުރަން ރޮޒައިނާ ބޭނުންވޭ

ރާއްޖެއަށް ސިޔާސީ ޕާޓީތައް ވުޖޫދުވެ، މިއަދާ ހަމައަށް 15 ވަރަކަށް އަހަރު ވީއިރު އަދިވެސް ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން ކުޑަ އެވެ. ސިޔާސަތުތައް ނިންމުގައި އަންހުންގެ ހިއްސާ ބޮޑުކުރަން މިފަހުން ކައުންސިލްތަކުން އަހްނެހުންނަށް %33 ގޮނޑި ލިބޭ ގޮތަށް ހެދި ނަމަވެސް، އަދިވެސް ޝަކުވާއެއް ނިމުމެއް ނެތެވެ. އެންމެ ބޮޑު އެއް ދަލީލަކީ، މަޖިލީހުގައި ވެސް އެންމެ ހަތަރު އަންހެން މެންބަރުން ތިބުމެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ އަންހެންގެ ރޫހުގެ އިންތިހާބު މިދިޔަ މަހު ކާމިޔާބު ކުރެއްވި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުންނެވީ މި ހަގީގަތް ބަދަލުކުރައްވަން ނުކުންނަވަ އެވެ. ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް ބޮޑު އަގުލަބިއްޔަތަކުން އިންތިހާބުވި ރޮޒަައިނާ ދެކެވަޑައިގަންނަވާ ގޮތުގައި މިވީހާ ދުވަހު ސިޔާސީ ދާއިރާގައި އަންހެނުން ބޭނުންކުރަމުން ދިޔައީ 'ސައި ހެދުން' ފަދަ ކަންކަމުގަ އެވެ. 

"ސިޔާސީ ދާއިރާގައި އަންހެނުން ހަރަކާތްތެރިވުމަކީ، ހަމައެކަނި މުޒާހަރާ ކުރުމާއި ހަރުގެތަކުގައި ހެދިކާ ހެދުމާއި ސައި ހެދުމާ އަދި ކެމްޕެއިންތަކުގައި ޑޯ ޓު ޑޯ [ޖެއްސުން]، މިކަހަލަ ކަންތައްކެއް އެކަންޏެއް ނޫން،" މި ފަހުން 'ދައުރު'ގެ 'ހަތް ސުވާލު' ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ރޮޒައިނާ ވިދާޅުވި އެވެ.

އެކަމަކު "މައިގަނޑު ގޮތެއްގައި ފެނިގެން މިދިޔައީ އެ ކަންތައް." 

މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ރާއްޖޭގެ ރަށެއްގައި އަންހެނުން މާފަތި އަޅުވަން ނުކުމެ: ރޮޒައިނާ ވިދާޅުވީ، މިއަދާ ހަމައަށް ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް އަންހެނުން ބޭނުން ކުރަމުން އައީ މިފަދަ ކަންކަމަށް ކަމަށް (ފޮޓޯ/ އެމްޑީޕީ)

އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުގައި އަންހެނުންގެ ރޫހު ވެސް އޮތީ އޭގެ މަގްސަދު ހާސިލްވާ ގޮަތަކަށް ނޫން ކަމަށެވެ. ސިޔާސީ ގޮތުން ބާރުވެރިކުރުވުމުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ ތަން މިހާތަނަށް ފެނިވަޑައިގެންފައި ނެތް ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެކަމަކު މިއަދު އޭނާ ދެއްވަނީ ނަމޫނާ ބަޔަކަށް އެމްޑީޕީގެ އަންހެނުންގެ ރޫހު ހަދައިދޭނެކަމުގެ ޔަގީންކަމެވެ.

"ހަގީގަތުގައި ސިޔާސީ ޕާޓީއެއްގެ އަންހެނުންގެ ގޮފި، އެމްޑީޕީގެ ނަމަ އަންހެނުންގެ ރޫހުގެ އެންމެ މައިގަނޑު މަގްސަދަކަށް ވާން މި ޖެހެނީ އަންހެނުން ސިޔާސީ މައިދާނަށް ނެރުމަށް މަސައްކަތް ކުރުން. އޭގެ ތެރޭގައި އަންހެން ސިޔާސީ ލީޑަރުން އުފެއްދުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕެއިން ލޯނުޗުކުރަން ށ. މިލަންދޫގައި އޮތް ޖަލްސާގައި ރޮޒައިނާ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މިހާތަނަށް އައި އިރު، އެއްވެސް ސިޔާސީ ޕާޓީއަކުން އަންހެން ލީޑަރުން އުފައްދަން އެކަށީގެންވާ މަސައްކަތްތެކް ކޮށްފައެއް ނުވެ އެވެ.

"އެހެންވީމަ އަޅުގަނޑު މި އުންމީދުކުރަނީ، އަޅުގަނޑުގެ ދައުރުގެ ތެރޭގައި އަންހެން ލީޑަރުން އުފެއްދުމުގެ މަސައްކަތްތަކެއް އެމްޑީޕީ ތެރެއިން ކުރުން [އަދި] ކުރެވޭނެ ކަމަށް،" ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އަންހެނުން ތައްޔާރުވާންވީ 2024ގެ އިންތިހާބަށް

މީގެ ކުރިން ބޭއްވި އަންހެނުންގެ ރޫހުގެ ބައްދަލުވުމުގެއް ތެރެއިން: ރޮޒައިނާ ވިދާޅުވަނީ2024 މަޖިލިސް އިންތިހާބަށް ގިނަ އަންހެނުން ކުރިމަތިލުމަށް ތައްޔާރު ކުރާނެ ކަމަށް

މިއަދު މަޖިލީހުގައި އެންމެ ހަތަރު އަންހެން މެންބަރުން ތިއްބެވި ނަމަވެސް ރޮޒައިނާގެ އުންމީދަކީ ދެން އޮތް 2024ގެ މަޖިލިސް އިންތިހާބަށް ގިނަ އަންހެން ތައްޔާރުކުރެމެވެ. މިފަދަ އިންތިހާބަކަށް އަންހެނުން ނުކުންނަވަރު މަދުވަނީ، ރޮޒައިނާ ދެކެވަޑައިގަންނަވާ ގޮތުގައި، އިންތިހާބު ބޯމަތިވެގެން އަންނަ އިރު ވެސް ކުރިމަތިލާން އަންހެނުން ތައްޔާރުވެފައި ނެތުމެވެ.

"އެހެންވީމަ [މަސައްކަތް ކުރާނީ] މިހާރުއްސުރެ، މަޖިލިސް އިންތިހާބަށް އެމްޑީޕީ ތެރެއިން ޝައުގުވެރިކަން ހުރި އަންހެން ބޭފުޅުންނަކީ ކޮބައިކަން ހޯދަން. ހޯދާފައި އެބޭފުޅުން [އިންތިހާބަށް ތައްޔާރުކުރުވަން]،" ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑީޕީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން އަންހެނުން މެންބަރުން: ރޮޒައިނާގެ އަމާޒަކީ މި ދާއިރާއަށް ގިނަ އަންހެނުން ނެރުން

އިންތިހާބަށް އިއުލާން ކުރަންވާ އިރަށް ރޮޒައިނާ ބޭނުންވަނީ އެކަމަށް އަންހެނުން 'ދޮންކޮށް، ފައްކާކުރާށެ'ވެ. ތަމްރީނާއި ތަޖުރިބާ ހޯދައިދީ ސިޔާސީ ދާއިރާއަށް ތައާރަފްކުރާށެވެ.

"އަޅުގަނޑުމެންގެ ޕޯޑިއަމްތަކުން ވެސް އެބޭފުޅުން ފެންނަން ޖެހޭ. ޓީވީތަކުން ވެސް ފެންނަން އެބަ ޖެހޭ. އޭގެ އިތުރުން، އިންތިހާބުތަކުގައި ވާދަކުރަން ބޭނުންވާ ސްކިލްސް އެބޭފުޅުންނަށް ހޯދައިދޭން ޖެހޭ. އެ މަސައްކަތް އަޅުގަނޑު ވަރަށް އަވަހަށް ފަށާނަން،" އެންމެ އިސްކަން ދެއްވާނެ ކަންކަން ކިޔައިދެއްވަމުން އޭނާ ވިދާޅުވި އެވެ.

މަޖިލީހަށް އަންހެނުން ނެރުމުގައި ކައުންސިލްތަކެކޭ އެގޮތަށް ވަކި ކޯޓާއެއް ކަނޑައަޅަން ވެސް ރޮޒައިނާ ތާއީދުކުރައްވަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އާބާދީގައި ފިރިހެނުންނަށް ވުރެ އަންހެނުން ގިނައިރު، މަޖިލީސް ތެރެއިން ވެސް އެ ހަމަހަމަކަން އޮންނަން ޖެހޭކަން ގަބޫލުކުރައްވާ ކަމަށެވެ.

އަންހެނުން މުހިންމު ވަނީ ކީއްވެ؟

'ދައުރު'ގެ ސްޓޫޑީއޯގައި އިންނަވާ ރޮޒައިނާ ވިދާޅުވި ގޮތުގައި އަންހެނުން ސިޔާސީ ދާއިރާއަށް ނެރޭ ވާހަކަ ދެއްކުމުން ބައެއް މީހުން ސުވާލު އުފައްދަ އެވެ. އެއީ، ފިރިހުންނަށް އޮތް ބިރެއް ކަމަށް ބައެއް މީހުންނަށް ހީވާ ހިސާބަށް ދާކަމަށް ވެސް ވިދާޅުވި އެވެ. 

"މި ވާހަކަ ދެއްކި ވަރަކަށް ބައެއް ފަހަރު ފިރިހެން ބޭފުޅުންނަށް ތްރެޓްނިން އެބަވޭ އެބޭފުޅުންގެ މަގާމެއް ހޯދަން އަޅުގަނޑުމެން އުޅެނީއޭ. މިއުޅެނީ މީހެއްގެ މަގާމެއް ހޯދާކަށް ނޫން އަސްލު. އަަސްލު ކުރަން މިއުޅޭ ކަމަކީ، ސިޔާސަތުތައް ބައްޓަން ކުރާއިރު [އަދި] ގާނޫނުތައް ހަދާއިރު، ދެ ޖިންސުގެ ވިސްނުން ވެސް އެތަނުގައި ތިބޭނެ ގޮތް ހެދުން،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ދައުރުގެ ހަތް ސުވާލު ޕްރޮގްރާމަށް އިންޓަވިއު ދެއްވަނީ

އޭގެ މިސާލުތަކެއް ވެސް އޭނާ ދެއްކެވި އެވެ؛

"މިސާލަކަށް އެއާޕޯޓަކަށް ގޮސް އަންހެން ފާހާނައަށް ވަންނަ އިރު، ދަބަސް އަޅުވާނެ ތަނެއް ނެތީމަ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވޭ. އެއީ އަޅުގަނޑުމެން އަބަދުވެސް އުޅެނީ ހޭންޑް ބޭގެއް ހިފައިގެން. އެކަމަކު އެ ޑިޒައިން ކުރައްވާ ބޭފުޅަކީ ފިރިހެން ބޭފުޅެއްކަމަށް ވާ ނަމަ، އެބޭފުޅާއަށް އަސްލު ނުވިސްނޭނެ އަޅުގަނޑުމެން ހޭންޑް ބޭގް ހިފައިގެން އުޅޭތީ މީތި އެތާނގައި އިންނަ ޖެހޭކަން،" އިންތިހާބުގެ ކެމްޕެއިންގައި ގިނަ އެއާޕޯޓުތަކެއްގެ ހާލަތު ހުރި ގޮތް ކިޔައިދެއްވަމުން ރޮޒައިނާ ވިދާޅުވި އެވެ.

ރަޮޒައިނާ ރާއްޖޭގެ ރަށަކަށް ވަޑައިގެންނެވުމް އަންހެނަކު ބައްދަލަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
މިލަންދޫގައި ބޭއްވި ކެމްޕެއިން  ޖަލްސާގައި ރޮޒައިނާ އޭނާގެ ސަޕޯޓަރަކާ އެކު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"ދަންނަވަން މިއުޅޭ ވާހަކައަކީ ދެބައި މީހުން ވެގެން ކަންކަން ޕްލޭންކުރާ ނަމަ، ކަންކަން ހުންނާނީ ދެބައި މީހުންނަށް ވެސް ފަސޭހަވާ ގޮތަށޭ. އެއްކަލަ ފާހާނާ ހެދި އިރު ވެސް އަންހެން ބޭފުޅުން ކައިރީ، ތިބޭފުޅުން ބޭނުންވަނީ މިތާނގައި ކޮންކޮން ކަމެއްްތޯ އަހާލި ނަމަ އެނގޭނެ ހޭންޑް ބޭގް އިންނަ ތަންކޮޅުކަން."

ރޮޒައިނާ ގަބޫލުކުރައްވާ ގޮތުގައި ކަމެއް ފުރިހަމަވެގެން އަންނަނީ ދެ ޖިންސުގެ ބައިވެރިވުމާއި މަޝްވަރާގެ މަތިންނެވެ.

"މިއުޅެނީ ފިރިހެންވެރިންގެ މައްޗަށް އަރާކަށެށް ނޫން. ނިންމާ ކޮންމެ ނިންމުމެއްގައި ވެސް އަޅުގަނޑުމެންގެ ހިއްސާ އޮންނަ ގޮތަކަށް ކަންކަން ހަމަޖައްސަން،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް