ސަބީނާގެ 'އޯ އެންޑް އަޔަ' މައުރަޒުގެ ބައެއް ކުރެހުންތައް ބަޔަކު ބަލައިލަނީ

ފަންނުވެރިން

'އޯ އެންޑް އަޔަ': ސަބީނާ މަނިކުގެ ބަންޑުންވި އިހުސާސްތައް

އާޓިސްޓު ސަބީނާ އޭނާގެ އެންމެ ފަހުގެ މައުރަޒުގައި އެދިފައިވަނީ ތަރައްގީއާ މެދު އެންމެން ފުންކޮށް ވިސްނާލަން
8 ނޮވެމްބަރު 2022
1

ސަބީނާ މަނިކުގެ ސޯލޯ އާޓް އެގްޒިބިޝަން 'އޯ އެންޑް އަޔަ' އާދީއްތަ ދުވަހުގެ ރޭ އާޓް ގެލެރީ މާލެގައި ވަނީ ހުޅުވާލައިފަ އެވެ. މި މައުރަޒުގައި 40 އަށް ވުރެ ގިނަ ކުރެހުން ހިމެނެ އެވެ. ކުރެހުންތައް ތައްޔާރު ކޮށްފައިވަނީ ފެން ކުލަ، އެކްރިލިކް އަދި ގަލަމު ދެލި ފަދަ އެކި މީޑިއަމްތައް ބޭނުން ކޮށްގެނެވެ. 

ސަބީނާ ބުނިގޮތުގައި އޭނާ އަކީ އަބަދުވެސް ކުރެހުމަށް ޝައުގު ހުންނަ އަދި ކުޑައިރުއްސުރެން ކުރަހާ އުޅުނު މީހެކެވެ. އަމިއްލައަށް ކުރަހަން ދަސްކުރި އާޓިސްޓެއްގެ ގޮތުގައި އޭނާގެ މައިގަނޑު އަމާޒަކީ އަމިއްލަ ތަޖުރިބާ އާއި އިހުސާސުތައް ފިއްސާއި ގަލަން ބޭނުންކޮށްގެން އެހެން މީހުންނާ ހިއްސާ ކުރުމެވެ.

ސަބީނާގެ 'އޯ އެންޑް އަޔަ' މައުރަޒުގެ ބައެއް ކުރެހުންތައް

"އެންމެން ވެސް ޕެއިންޓިންތައް ބަލަން އަންނަންވީ. އޭގައި އެ ވަނީ އަޅުގަނޑުގެ އަމިއްލަ ހަޔާތުގެ ތަޖުރިބާ އާއި އަޅުގަނޑުގެ އިހުސާސުތައް،" ސަބީނާ ބުންޏެވެ.

ސްވިޓްޒަލެންޑަށް އުފަން ސަބީނާ މީގެ 40 އަހަރު ކުރިން، އޭނާގެ އުމުރުން 23 އަހަރުގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް އައީ ކިޔަވައި ނިމިގެން ޗުއްޓީއެއްގަ އެވެ. އެހާ ހިސާބުން އޭނާގެ ހަޔާތުގެ އާ ސޮފުހާއެއް ފެށުނު ކަމަށް ސަބީނާ ބުންޏެވެ.

ސަބީނާގެ މައުރަޒު ހުޅުވުމުގެ ހަފްލާގެ ތެރެއިން

ރާއްޖެއަށް 1982ގައި އައިސް ވަޒަންވެރިވެ މިހާރު އޭނާގެ އާއިލާއާ އެކު ދިރިއުޅެމުންދަނީ މާލޭގަ އެވެ. ސަބީނާ ބުނިގޮތުގައި މި ދިގު މުއްދަތުގެ ތެރޭގައި ރާއްޖެ ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ތަރައްގީ އާއި ބޭރުގެ ނުފޫޒުގެ ސަބަބުން ބައެއް އާދަކާދަތަކާއި މާހައުލު މުޅިން ތަފާތު ވެއްޖެ އެވެ. މިއީ އޭނާގެ ކުރެހުންތަކުން ބަޔާން ކޮށްދޭން ބޭނުންވި އެއް ކަމެވެ.

"މި ކުރެހުންތަކުން ލޯތްބާއި ހިތްދަތިކަން، އުފާވެރިކަމާއި ހިތާމަވެރިކަން ދައްކައިދޭން ބޭނުންވި. އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލާއި ތިމާވެށި ބަދަލުވަމުންދާތީ ރުޅިގަދަވެ، ހިތްދަތިވޭ. ހުޅަނގުގެ ނުފޫޒުން ރާއްޖެ ތަގައްޔަރު ވަމުން ދާތަން ފެންނާތީ ހިތްދަތިވޭ،" ސަބީނާ ބުންޏެވެ.

އޭނާ ބުނީ މިއީ ދިވެހި ރާއްޖެއަށާއި ދިވެހި ބަހަށް އޭނާގެ ހިތުގައި އޮތް ބޮޑު ލޯތްބެއްގެ ސަބަބުން އިހުސާސު ކުރެވޭ ކަންތައްތަކެއް ކަމަށެވެ.

ސަބީނާގެ 'އޯ އެންޑް އަޔަ' މައުރަޒުގެ ބައެއް ކުރެހުންތައް

ލިންގުއިސްޓެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރަމުން އައި އިރު ސަބީނާއަށް ފާހަގަވި އެއް ކަމަކީ ދިވެހި ބަހުގެ މުއްސަނދިކަމެވެ. އަދި ދިވެހި ބަހަކީ ހުޅަނގުގެ ގައުމުތަކުގެ މީހުންނަށް ދަސްކުރަން އުނދަގޫ ބަހެއް ކަމަށާއި އޭގެ ސަބަބަކީ ވެސް ދިވެހި ބަސް މުއްސަނދިވުން ކަމަށް އޭނާ ބުންޏެވެ. އެއީ ދިވެހި ބަހުގެ އަކުރުތަކާއި ފިލިތައް އަދި އަކުރާއި ފިލިން ނެރެވޭ އެކި އަޑުތަކުގެ ސަބަބުން ކަމަށް އޭނާ ކިޔައިދިނެވެ.

"އަޅުގަނޑަށް ވަރަށް ކަމުދޭ ދިވެހި ބަހުން ވާހަކަ ދައްކަން،" ސަބީނާ ބުންޏެވެ.

އެއީ ތެދެކެވެ. ސަބީނާގެ މައުރަޒު ބަލަން އައި ދިވެހި ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންނާ އޭނާ މުހާތަބު ކުރީ ދިވެހި ބަހުންނެވެ. އަދި އެއީ އޭނާ ވަރަށް ގަޔާވެގެން ޝައުގުވެރިކަމާ އެކު ކުރާ ކަމެއްކަން ފެނުނެވެ. 

ސަބީނާގެ ކޮންމެ ކުރެހުމަކުން ވެސް ވަރަށް ފުން މާނައެއް، ބޮޑު ވާހަކައެއް ކިޔައިދެ އެވެ. ދުރުން ބަލައިލާ އިރު އެކި ނަލަ ކުލަތަކުން ބައްޓަންތަކެއް ހެދިފައި، މީހުންނާއި ރާއްޖޭގެ ކުދި ރަށްތައް ދައްކައިދެ އެވެ. އަދި ގާތުން ބަލައިލާއިރު އެ ކުރެހުންތަކުގައި ކުދި އެކި 'ތަފްސީލްތައް' ހިމެނެ އެވެ. އެކި ވާހަކަތައް ކިޔައިދެ އެވެ.

ސަބީނާ ބުނިގޮތުގައި އޭނާ އަބަދުވެސް ހުސް ވަގުތެއް ލިބުމުން ފޮތެއް ކިޔާލަނީ ނުވަތަ ކުރަހަނީ އެވެ.

"އަޅުގަނޑުގެ އާޓްވޯކްތައް ތައްޔާރު ކުރަން މާ ގިނަ ލާރިއެއް ހަރަދު ކުރާކަށް ނުޖެހޭ. އެ އިރަކު ހުރި އެއްޗަކުން އަޅުގަނޑު ކުރަހަނީ - ލިޕްސްޓިކް، އައިލައިނާ، ނޫނީ ކުޑަކުދިންގެ ކުލަ ފޮށި ބޭނުން ކޮށްގެން ވެސް ކުރަހަން،" ސަބީނާ ކިޔައިދިނެވެ.

"އަޅުގަނޑުމެން އާޓިސްޓުން ކުރަހައި ކުލަޖައްސަނީ ކޮންމެހެން ލާރި ހޯދާކަށެއް ނޫން. އެކަން ކުރަނީ މި ފަންނަށް އޮތް ބޮޑު ލޯތްބެއްގެ ސަބަބުން."

ސަބީނާގެ ކުރެހުމުގެ މަސައްކަތް ދިވެހިންނަކަށް އަލެއް ނޫނެވެ. އޭނާގެ ކުރެހުންތަކަށް ބޮޑު ސަމާލުކަމެއް ލިބެ އެވެ. ބައެއް ފަހަރު އޭނާގެ އަމިއްލަ ގައުމަށް ވުރެ ބޮޑު ތަރުހީބެއް ދިވެހިރާއްޖޭގައި އޭނާ ބޭއްވި މައުރަޒުތަކަށް ލިބުނެވެ.

މީގެ ކުރީން ސަބީނާ ވަނީ ނެޝަނަލް އާޓް ގެލެރީގައި ދެ ސޯލޯ އެގްޒިބިޝަން ބާއްވާފަ އެވެ. އަދި މިއީ އާޓް ގެލެރީ މާލެގައި އޭނަ ބޭއްވި ދެވަނަ ސޯލޯ އެގްޒިބިޝަނެވެ - ފުރަތަމަ މައުރަޒު ބޭއްވީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގަ އެވެ.

ސަބީނާގެ 'އޯ އެންޑް އަޔަ' މައުރަޒު އާޓް ގެލެރީ މާލެގައި މި މަހު 20ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ކޮމެންޓް (1)

ވާއު

8 ނޮވެމްބަރު 2022
ސަޅި ފޭސްއެއް އިނގޭ ޒާރާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް