ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު މިއަދު ވަނީ ތަސްދީގުކުރައްވާފައި؛ 17 ޖުލައި 2022 (ފޮޓޯ/ރައީސް އޮފީސް)

ހައި ކޯޓުގެ ދެ ގޮފި އުވާލައިފި

ހައިކޯޓުގެ ގޮފިތަކުގެ މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް އެހެން ކޯޓުތަކުން ނުވަތަ ޝަރުއީ ދާއިރާގެ އެހެން އިދާރާއަކުން ވަޒީފާ ހަމަޖައްސައިދޭން މުއްދަތު ވަނީ ދީފައި
17 ޖުލައި 2022

ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކުރި ހައި ކޯޓުގެ ވަކިވަކި ގޮފިތައް އުވާލަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރެއްވުމާ އެކު، އެ ދެ ގޮފި އުވިއްޖެ އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އެވެ. އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖޫން މަހުގެ 28 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

އެ އިސްލާހުގައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފަށާނީ، ގާނޫނު ފާސްވެ، ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.

ތަފްސީލް - ކޯޓުތަކުގެ ގާނޫނަށް 2014ގައި ގެނައި އިސްލާހާ އެކު ހައި ކޯޓުގެ ދެކުނު ގޮފި ގާއިމުކުރީ އައްޑޫގަ އެވެ. އަދި އުތުރު ގޮފި ގާއިމުކުރީ ހދ. ކުޅުދުއްފުށީގަ އެވެ. އުތުރާއި ދެކުނުގައި ހައިކޯޓުގެ ދެ ގޮފި ގާއިމުކުރީ އެ ސަރަހައްދުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ބުނެ އެވެ.

ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ހައި ކޯޓުގެ އުތުރު ގޮފި، (ފޮޓޯ/ ކުޅުދުއްފުށި އޮންލައިން)

އެ ދެ ގޮފި އުވުމާ އެކު އަންނާނެ ބަދަލުތައް:

  • ހައި ކޯޓުގެ ދެ ގޮފީގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހާ މުދަލާއި ފައިސާއާއި ވަސީލަތްތައް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބަދަލުވުން 

  • ހައި ކޯޓުގެ ދެ ގޮފީގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން މަސައްކަތްކުރާނެ އެހެން ތަނެއް، ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޑީޖޭއޭ އިން ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގެ އެހެން ވަޒީފާއެއް، އެހެން ކޯޓަކުން ނުވަތަ ޝަރުއީ ދާއިރާގެ އެހެން އިދާރާއަކުން ހަމަޖައްސައި، އެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ ކަންކަން ނިންމުން 

  • ހައިކޯޓުގެ ދެ ގޮތްޕަށް ހުށަހަޅައި، އެތަންތަނުގައި ރަޖިސްޓަރީކޮށް ހިންގަމުންގޮސްފައިވާ ހުރިހާ މައްސަލަތައް މާލޭގައި ހިނގަމުންދާ ހައިކޯޓަށް ބަދަލުވުން 

  • ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލަތައް އެ ކޯޓުގައި ބަލައި ހިންގޭނެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން

ހައި ކޯޓުގެ ގޮފިތައް އުވާލުމުގެ އިތުރުން، ރާއްޖޭގެ އެއްވެސް ކޯޓަކުން އެ ކޯޓުގެ އަމިއްލަ އިސްނެގުމަށް ނިންމުމެއް ނިންމައިގެން ނުވާނެ ކަމަށާއި ކޯޓަށް ނެތް ބާރަކުން ކުރާ ހުކުމް ބާތިލުވާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވޭ.

އެނގުން މުހިންމު - އަމިއްލަ އިސްނެގުމަށް މައްސަލަތައް ބެލުން ހުއްޓުވުމަށާއި ހައި ކޯޓުގެ ދެ ގޮފި އުވާލަން ގާނޫނަށް އިސްލާހު ގެނައުމަކީ އެމްޑީޕީގެ 'އެޖެންޑާ19'ގައި ވެސް ހިމެނޭ ކަމެކެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް