Majlis 2024

މާމިގިލީ ބަނދަރާ ދިމާއަށް އުމުރުން ދުވަސްވީ މީހަކު ހިނގާފައި ދަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އދ. މާމިގިލި

މަހުޖަނުގެ ރަށުން ފެނުނު މަންޒަރުތަކާއި އިވުނު ވާހަކަތައް

ގާސިމް އިބްރާހިމްގެ އުފަން ރަށް، އދ. މާމިގިލީގެ ބައެއް މީހުން ދެކޭ ގޮތުގައި އޭނާއަށް އެންމެން ވަނީ ބަރޯސާވެފައި

އދ. މާމިގިލި - ފުރަތަމަ ފަހަރަށް މާމިގިއްޔަށް އާދެވުމާ އެކު ހިތަށްއެރީ، ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާގެ އުފަން ރަށަށް ވުމުން، އެހެން ރަށްތަކާ ތަފާތެއް ފެނިދާނެ ކަމަށެވެ. އާއްމުންނަށް އެހީވުމުގައި މަޝްހޫރު، މަހުޖަނު ގާސިމް އިބްރާހިމްގެ ރަށުން ފެންނާނެ ކަމަށް ހީކޮށްގެން ހުރީ ތަރައްގީ އާއި ފުދުންތެރިކަމެވެ.

މާމިގިއްޔަށް ކުރި މި ދަތުރުގައި، އެކަން ޔަގީންކުރަން އިއްޔެ ގެއިން ނުކުތުމާ އެކު އެންމެ ފުރަތަމަ ވެސް ބައްދަލުވީ، މެދު އުމުރުގެ ދެ އަންހެނުންނާ އެވެ. ރަށުގެ ބަނދަރާ ވީ ފަޅީގައި، މަގުގެ އެއް ފަރާތުގައި މަޑުކޮށްލައިގެން އެ ދެ އަންހެނުން ތިބިއިރު، ކައިރީގައި އެ މީހުންގެ މާމަ ދަރިން ކުޅެން އުޅެ އެވެ. ކައިރިއަށް ގޮސް ކުޑަކޮށް ވާހަކަ ދައްކާލައި، ރަށާ ބެހޭ ގޮތުން ސުވާލުކޮށްލީމެވެ. 

"މިއޮތީ މި ރަށު ބަނދަރު އޮތް ގޮތް. ޖެހިގެން އޮތް ފެންފުށީ ބަނދަރު ވެސް، ދިއްދޫ ބަނދަރު ވެސް މިއަށް ވުރެ މާ ރީތި ވާނެ،" އެއް އަންހެނަކު ބުންޏެވެ.

"[ގާސިމް] އެއާޕޯޓު އަޅައިދީފި. އެތަނަށް މި ރަށު މީހުން ވަޒީފާއަށް ދޭ. އެކަމަކު މަހުޖަނުގެ ރަށޭ ކިޔާފައި މި ރަށް ވަކި އެހެން ރަށެކޭ ތަފާތުތަ؟"

މާމިގިލީ ބަނދަރު: މި ރަށަށް އެކަށީގެންވާ ތަރައްގީ ނާންނަ ކަމަށް ރަށުގެ ބައެއް މީހުން ބުނޭ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

އެތަނުގައި ތިބި ދެ އަންހެނުންގެ ތެރެއިން އެކަކު މަސައްކަތް ކުރަނީ، ގާސިމްގެ ކުންފުނި ވިލާއިން މާމިގިލީގައި ހިންގާ އެއާޕޯޓާ އިންވެގެން އޮންނަ މަގުތައް ކުނިކަހައި، ސާފުކުރުމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން 3،500 ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް، މިހާރު ލިބެނީ 2،900 ރުފިޔާ އެވެ. އޭނާ ބުނާގޮތުގައި ރަށުގެ ގިނަ އަންހެންވެރިން އުޅެނީ އެ ވަޒީފާގަ އެވެ.

ގާސިމްގެ ވަޒީފާގައި އުޅުނު ނަމަވެސް، ވިޔަފާރިވެރިޔާއާ ގުޅޭ ގޮތުން އޭނާގެ ޝަކުވާތައް ގިނަ އެވެ. އޭނާ ދެކޭގޮތުގައި، ގާސިމް އުޅުއްވަނީ އޭނާގެ އަމިއްލަ ވިޔަފާރި ކުރިއެރުވޭތޯ އެވެ. ކޮންމެ ކަމެއް ވެސް ކުރައްވަނީ، އެންމެ ފުރަތަމަ އަމިއްލަ ފައިދާއަށް ވިސްނައިގެންނެވެ. ރަށުގެ ބޮޑު ސަރަހައްދެއް ގާސިމްގެ ދަށަށް ގެންގޮސްފައިވާއިރު، އެ ތަންތަން ބޭނުން ކުރަނީ، ގާސިމްގެ ވިޔަފާރީގެ ކުރިއެރުންތަކަށް އެކަނި ކަމަށް ބުންޏެވެ.

"ކަލެއަށް ފެނޭތަ މި ރަށުން މާ ބޮޑު ތަރައްގީއެއް؟ އެއާޕޯޓުގެ އިތުރުން ދެން ވަކި ފެންނަނީ ކޮން ތަނެއް؟" ޖެހިގެން ހުރި އަންހެން މީހާ އަހަންނާ ސުވާލުކުރި އެވެ.

އެކަމަކު މުހައްމަދު އަލީއަށް ގާސިމްވަރެއް ނެތެވެ. އުމުރުން 65 އަހަރުގެ މުހައްމަދު، ގާސިމްގެ ކައިރީގައި މަސައްކަތް ކުރާތާ 25 ހަކަށް އަހަރު ވެއްޖެ އެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރީ، ގާސިމްގެ ރިސޯޓެއްގައި ދުއްވާ ދޯނިތަކުގެ ކައްޕިއަކަށެވެ. އުމުރުން ދުވަސްވުމުން ދެން ބަދަލުވީ އެއާޕޯޓުގެ ސައިޓް ސުޕަވައިޒަރަކަށެވެ.

މުހައްމަދު ބުނިގޮތުގައި އޭނާ ފަދަ، ރަށުގެ އެތައް ބަޔަކު ގާސިމްގެ ކައިރީގައި މަސައްކަތް ކުރާނެ އެވެ. ޒުވާނަކަސް އުމުރުން ދުވަސްވީ މީހަކަސް، ކޮންމެ ގެއަކުން ވެސް މަދުވެގެން އެކަކު ގާސިމްގެ ހިދުމަތުގައި އުޅޭނެ ކަމަށް އޭނާ ލަފާކުރެ އެވެ. އޭގެ އިތުރުން، ރަށުގެ ކޮންމެ މީހަކު ވެސް ބަލިވެގެން ފަރުވާއަކަށް އެހީއަކަށް އެދިއްޖެ ނަމަ، ގާސިމް އެކަމަށް ނޫނެކޭ ނުބުނާނެ ކަމަށް މުހައްމަދު ބުންޏެވެ.

މާމިގިލީގެ މަގެއް: މިއީ ތާރު އަޅަން ސަރުކާރުން ސާފުކޮށްފައިވާ މަގެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"އަޅުގަނޑުގެ އެބަ ތިބި މިހާރު ކާފަ ކިޔާ ބައިވަރު ކުދިން. އެހެން މީހެއް ނަމަ މި އުމުރުގައި މީހަކު ވަޒީފާގައި ބަހައްޓާނެތަ؟،" މުހައްމަދު ސުވާލެއް ދޫކޮށްލި އެވެ.

"އޭނާގެ އެހީ މި ރަށުގެ މީހުންނަށް ލިބޭ. އޭނާގެ ސަބަބުން މި ރަށަށް ތަރައްގީ އަތުވެއްޖެ."

އެންމެން ގާސިމަށް ބަރޯސާވެފައި

ވިލާ ގްރޫޕްގެ ބާނީއާ ގުޅޭ ގޮތުން މާމިގިލީގެ ވިޔަފާރިވެރިން ދައްކަން ހުރި ވާހަކަތައް ގިނަ އެވެ.

ރެސްޓޯރަންޓާ ގުޅުން ހުރި ވިޔަފާރިތައް ހިންގާ، އަލީ ނަޒީރު (އަސްލު ނަމެއް ނޫން) ދެކޭ ގޮތުގައި ގާސިމް އެ ރަށުގައި ކޮންމެ ކަމެއް ވެސް ފައްޓަވަނީ ވަރަށް ބޮޑުކޮށެވެ. ލޯންޗެއްގައި މާމިގިލިން ފުރައިގެން 10 ވަރަކަށް މިނިޓުން ދެވޭ ގާސިމްގެ ސަން އައިލެންޑް ރިސޯޓާއި އެއަށް ވުރެ ކައިރީގައި ހޮލިޑޭ އައިލެންޑް ރިސޯޓު އޮންނައިރު، ރަށުގައި އެއާޕޯޓެއް އޮވެ އެވެ. ހިލަ އާއި ހިލަވެލި ވިއްކުމަށް، ވިލާ ހަކަތަ އެތަނުގައި ހިންގަ އެވެ. މިއިން ކޮންމެ ކަމަކީ، ރަށަށް ލިބޭ އިތުރު ފުރުސަތެއް ކަމަށް ނަޒީރު ގަބޫލުކުރެ އެވެ. އެކަމަކު އޭގެ ބޭނުން ހިފައިގެން، ރަށް ތަރައްގީކުރުމަކީ އެ ރަށެއްގެ ވެރިން ނުވަތަ ރައްޔިތުންގެ ޒިންމާއެއް ކަމަށް އޭނާ ބުންޏެވެ.

"އެއީ ތެދެއް. ގާސިމް ކައިރިއަށް މި ރަށު މީހަކު ވަޒީފާ ހޯދަން ހިނގައްޖެއްޔާ އެ ލިބޭނެ. އެކަމަކު އޭގެ މާނައެއް ނޫންދޯ ވަޒީފާ ހޯދަން ފަސޭހަ ވީމައި ނުކިޔަވާ ތިބެން ޖެހޭނެއޭ،" ނަޒީރު ބުންޏެވެ.

މާމިގިލީ ބޮޑުމަގުން ދެ މީހަކު ހިނގާފައި ދަނީ: ރަށުގެ ބައެއް ގޭގޭ ހެދުމުގެ މަސައްކަތް ކުރިއަށް ދޭ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އޭނާ ބުނިގޮތުގައި ވަޒީފާގެ އިތުރުން، ރަށުގެ އެތައް ބައެއްގެ ގެތައް ގާސިމްގެ އެހީގައި އަންނަނީ ބުުރިބުރިއަށް ހިއްލަމުން ނުވަތަ ފެންވަރު ރަނގަޅުކޮށް ހަދަމުންނެވެ. ބޭސް ފަރުވާއަށް ދާން އެހީ ލިބެ އެވެ. އެކަމަކު އެއީ ރައްޔިތުންގެ ޒިންމާދާރުކަން ކުޑަވުމުގެ އަސްލެއް ކަމަށް އޭނާ ދެކެ އެވެ.

"އެއީ ގޯހެއް. ގެ އަޅައިދިނުން ރަނގަޅު. އެކަމަކު ލޯނުގެ އުސޫލުން ވެސް އެކަން ކުރެވިދާނެދޯ ހަމަ. މިހާރު އެގޮތަށް އެހީވުމުން ރަށުގެ އެންމެން ތިބެނީ ގާސިމަށް ބަރޯސާވެފައި."

ނަޒީރު ދެކޭގޮތުގައި މަހުޖަނުގެ ރަށް ވީމައި، ވަރަށް ކުރިއްސުރެ މާމިގިލީ މީހުން ތިބީ ފަސޭހައިގައި އުޅެން ދަސްވެފަ އެވެ. ކައިރީގައި ރިސޯޓުތައް އޮވެ، ރޭގަނޑު ރަށަށް އާދެވޭތީ، ނޫނީ ރަށުގައި އޮންނަ އެއާޕޯޓުން ފަސޭހައިން ވަޒީފާ ލިބޭތީ، ވަރަށް ކުޑަ މުސާރައަކަށް ވެސް ގިނަ ބަޔަކު ތިބެނީ ރުހިގެންނެވެ. އަމިއްލަ ކުރިއެރުމަށް އިތުރު ފުރުސަތެއް ހޯދަން ނޫނީ، ބޮޑު މުސާރައެއް ހޯދަން އިތުރަށް މަސައްކަތް ކުރުމުގެ ވިސްނުމެއް ގިނަ މީހުންގެ ނުހުރެ އެވެ. 

ވަޒީފާ ހޯދުމާއި ބޭސް ފަރުވާ ކުރުމަށް ނުވަތަ ގެދޮރު އެޅުމަށް ގާސިމްގެ އެހީ ހޯދުމަކީ މާމިގިލީ މީހުންގެ ސަގާފަތަކަށް ވެފައިވާ ކަމަށް ނަޒީރު ގަބޫލުކުރެ އެވެ.

ޕާސަނަލީ އަހަރެން ގަބޫލުކުރަނީ ގެއްލުމަށް ވުރެ ބޮޑަށް، ގާސިމްގެ ފަރާތުން އަހަރުމެންނަށް ވަނީ ފައިދާއޭ. އެކަމަކު އޭނާ އެ ފަހިކޮށްދެއްވާ ފުރުސަތުތައް ބޭނުންކުރަން ނޭނގެނީހެން ހީވަނީ. އެހެންވެ، މި ރަށުން އެ ތަރައްގީ އާއި ޗާލުކަން ނުފެންނަނީ

މާމިގިލީ ވިޔަފާރިވެރިއެއް

އޭނާ ބުނީ ގާސިމް އޭނާގެ ރަށަށް ބޮޑެތި މަޝްރޫއުތައް ގެނެސްދެއްވާއިރު، އެކަން ބޮލުގައި ބައިންދައިގެން އަމިއްލަ މީހާއަށް ހޯދޭނެ ފުރުސަތުތައް ބަލަން ޖެހޭނެ ކަމަށެވެ. ދިހައެއް ނުވަތަ 15 ވަރަކަށް އަހަރު ކުރިން ރަށުގައި އެއާޕޯޓު އަޅަން ފެށިއިރު، އަމިއްލަ މީހާގެ ދަރިފުޅަށް، އެތަނުން ކުރިއަށް ދެވޭނެ ދާއިރާއަކުން ކިޔަވައިދިނުމަކީ ކުރެވިދާނެ ކަމެކެވެ. ފްލައި މީގެ އުޅަނދުތައް، މާމިގިއްޔަށް ޖައްސަން ފެށުމާ އެކު، އެއީ ގެސްޓްހައުސްގެ ވިޔަފާރި ރަށުގައި ހިންގަން ފަހިވާނެ ފުރުސަތެއް ކަމަށް ބަލައި، އެކަން ކުރެވިދާނެ އެވެ. އެކަމަކު އޭގެ ބަދަލުގައި، ގިނަ މީހުން ބަލަނީ، ކުޑަ މުސާރައަކަށް، ގާސިމްގެ ކައިރީގައި މަސައްކަތް ކުރެވޭތޯ ކަމަށް އޭނާ ބުންޏެވެ. 

'ހުރިހާ ކަމެއް ކޮންޓްރޯލް ކުރަނީ ގާސިމް'

މިއީ،  މި ދަތުރުގައި މާމިގިލީ މީހުންގެ ގިނަ ބައެއްގެ ފަރާތުން އިވުނު ޝަކުވާއެކެވެ؛ ގާސިމްގެ ސަބަބުން އަމިއްލަ ވިޔަފާރިވެރިންނަށް ރަށުގައި ފުރުސަތު ހަންޏެވެ. 

އެއާޕޯޓު ހިންގުމުގެ އިތުރުން އެއާ ގުޅުން ހުރި ވިޔަފާރިތައް އެހެން މީހުންނަށް ވުރެ މާ އަގުހެޔޮކޮށް ގާސިމްގެ ކުންފުނިތަކުން ކުރެ އެވެ. އޭނާގެ އާއިލާގެ މީހަކު، ކަންމަތީ ފިހާރައެއް ހިންގާއިރު، ގާސިމް ވަނީ ވަރަށް ފަހުން ރަށުގައި ބޮޑު ރެސްޓޯރަންޓެއް ވެސް ހުޅުވައިފަ އެވެ. އެހެން މީހުންނަށް ވުރެ ފެންވަރު ރަނގަޅުކޮށް، އަދި އަގުހެޔޮކޮށް އެކަން ކުރުމަކީ ދެން ތިބޭ ވިޔަފާރިވެރިންނަށް އެކަން ކުރަން ކުރިމަތިވާ ހުރަހެއް ކަމަށް ދެކެ އެވެ.

މީގެ ކުރިން އެއާޕޯޓުގެ އެކި މަސައްކަތަށް ރަށުން ބޭރުން އަންނަ މީހުންނާއި ފްލައި މީގެ ބައެއް މީހުންނަށް ކެއުން ހަމަޖައްސާފައި އޮންނަނީ ރަށުގެ އަމިއްލަ އެހެން މީހުންގެ ރެސްޓޯރަންޓުތަކުންނެވެ. އެއީ އެ މީހުންނަށް، އެއާޕޯޓުން ލިބޭ ފައިދާއެކެވެ. އެކަމަކު ގާސިމް އަމިއްލައަށް ރެސްޓޯރަންޓެއް ހުޅުވައި، އެތަނުން ކެއުންތައް ހަމަޖެއްސުމަކީ އެހެން މީހުންނަށް ލިބުނު ގެއްލުމެކެވެ.

"އެއީ އޭގެ ޒާތުގައި ގޯހެކޭ ނުބުނެވޭނެ. ގާސިމަކީ ވިޔަފާރިވެރިއެއް. އޭނާ ބަލާނީ ވީހާވެސް ބޮޑަކަށް އޭނާގެ ވިޔަފާރިއަށް ފައިދާ ލިބޭތޯ،" 'ދައުރު'އާ ވާހަކަ ދެއްކި، މާމިގިލީގެ އެހެން ވިޔަފާރިވެރިއަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

މާމިގިލީ ބޮޑު މަގު: އެ ރަށުގެ ގިނަ ބައެއްގެ ދިރިއުޅުން ގުޅިފައިވަނީ ގާސިމް އިބްރާހިމްގެ ވިޔަފާރިތަކާ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އޭނާ ދެކޭގޮތުގައި ގާސިމް ރަށަށް ގެނެސްދެނީ "ކޮންކްރީޓް" ތަރައްގީ އެވެ. ރަށުގެ ތައުލީމާއި ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްދެއްވާފައި ނުވާ ކަމަށް އޭނާ ބުނެ އެވެ. ތަރައްގީގެ މަޝްރޫއުއެކޭ އެއްގޮތަށް، ރަށަށް ޓީޗަރުން ގެނެސްދިނުން ނުވަތަ ޑޮކްޓަރެއް ގެނެސްދީ، އެ ހިދުމަތް ގާސިމަށް ދެއްވިދާނެ އެވެ. އެކަމުގެ ތެރެއަށް އޭނާ ވަންނަވަން ބޭނުން ނޫން ނަމަ، އަމިއްލަ ގޮތުން ވެސް ރަށުގައި ކޮލެޖެއް ނުވަތަ ކްލިނިކެއް ހުޅުވިދާނެ ކަމަށް، އެ ވިޔަފާރިވެރިޔާ ގަބޫލުކުރެ އެވެ.

"މިތާ ކައިރީގައި ރިސޯޓުތައް އެބަހުރި. މި ރަށުގެ ތައުލީމާއި ސިއްހީ ފެންވަރު ރަނގަޅު ނަމަ، ދުރު ހިސާބުތަކުން ވެސް އާއިލާތަކުން އައިސް ވަޒަންވެރިވުމުގެ ފުރުސަތު އޮންނާނެ. އޭރުން ވަކި މީހަކަށް ބަރޯސާވުމުގެ ބަދަލުގައި ރަށް ދާނީ އޭގެ ޒާތުގައި ތަރައްގީވަމުން،" އެ ވިޔަފާރިވެރިޔާ ބުންޏެވެ.

އެކަމަކު އޭނާ ގަބޫލުކުރާ ގޮތުގައި، އެ ހިދުމަތްތައް ގާސިމް ރަށަށް ގެންނަވަން ބޭނުން ނުވަނީ، މީހުން އޭނާއަށް ބަރޯސާވުން ހުއްޓިދާނެތީ އެވެ. އޭނާގެ ބާރާއި ނުފޫޒު ކުޑަވެދާނެތީ އެވެ. 

"ޕާސަނަލީ އަހަރެން ގަބޫލުކުރަނީ ގެއްލުމަށް ވުރެ ބޮޑަށް، ގާސިމްގެ ފަރާތުން އަހަރެމެންނަށް ވަނީ ފައިދާއޭ. އެކަމަކު އޭނާ އެ ފަހިކޮށްދޭ ފުރުސަތުތައް ބޭނުންކުރަން ނޭނގެނީހެން ހީވަނީ. އެހެންވެ، މި ރަށުން އެ ތަރައްގީ އާއި ޗާލުކަން ނުފެންނަނީ،" ވިޔަފާރިވެރިޔާ ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު އަދި ނުފޫޒުގެ ގޮތުން ވެސް އެންމެ ވަރުގަދަ ސިޔާސީ އެއް ލީޑަރުގެ ރަށުން އަހަންނަށް ފެނުނީ ހަމަ އެހެން ރަށްރަށުން ވެސް ފެންނަ ފަދަ މަންޒަރުތަކެވެ. ގިނައިން ފެނުނީ ފަށާފައި ވަކި ހިސާބަކުން މެދުކެނޑިފައިވާ މަސައްކަތްތަކެވެ. ނޫނީ މެނޭޖް ނުކުރެވިގެން، ހުއްޓާލާފައި ހުރި މަސައްކަތްތަކެވެ. ރަށުގެ ބައެއް ސަރަހައްދުތަކުން ފަޅުކަން ވެސް ބޮޑެވެ. 

މިރަށުން މާ ހާއްސަ ކަމެއް ފެންނަވަރެއް ނުވި އެވެ.

ކޮމެންޓް (5)

ހައިރާން

16 މޭ 2022
ގާސިމުގެ ވާހަކަ ދައްކަނީ އޭނަ ކޮށްދީފަ ހުރި ކަންކަން ގިނަކަމުން ނުކޮށްދޭވޭ ކަމެއް މިހުންނަށް އަންގަދޭން. މިދަތުރު ކުރި މީހާ އައްޑުއައް އަރާބަލާ ލަ ބަލަ ކިހިނެ ތޯ އޮތީ ކިތައް މަހުޖަނުން ތިބިތޯ. އެކަމަކު ސަރުކާރުތަކުން ކަންކަން ނުވެގެން އުޅޭ ހާވަނީ. މާމިގިލީގަ އެއްވެސް ސަރުކާރަކުން އެއަރޕޯޓެއް އަޅާނެބާ،ހަމަ އެކަނި މިވެސް ކިހާބޮޑު ނިއުމަތެއް ކަން ވިސްނާލުން ރަނގަޅު. މިދަތުރު ކުރި މީހަކު އެރަށުގަ އަމިއްލަ މީހަކު ހިއްކާފަ އޮތް ބިމާ ބަދަރުގެ އަގު ވަޒަން ކޮށްލިބާ.ގާސިމު ސަންދޯކަށް އެތަކެތިލާނެ ބާ.ކޮން ބަޔަކަށް މުސްތަގުބަލު އޮތީ.
5 0

އިބިރަހިމާ

15 މޭ 2022
ޝިފްލީން ކޮއްކޯ. ކ އަތޮޅު މެދުގަ މި އޮންނަ މާލެ އަށް އަރާލިންތައް؟ މާލޭ މަހުޖަނުން މާލެއަށް ކޮށްދިން ކަންކަން ހިމަނާލައިގެން ތިޔާކަހަލަ ރިޕޯޓެއް ލިޔެލަބަލަ.
8 1

އަހުމަދު މުހައްމަދު

15 މޭ 2022
ރާއްޖޭގެ މަންޒަރު ބަލާލާއިރު، ގާސިމް އިބްރާހީމްގެ ވިލާ ގްރޫޕުން 5000 އެތަށް މުވައްޒަފުންނެއް ގެންގުޅޭ. އެތައް ބަޔަކަށް ތައުލީމާއި ބޭސްފަރުވާ ވަނީ ފޯރުކޮށްދީފައި، ހަމަ ހިލޭ ސާބަހަށް. ވާހަކައެއް ދައްކާއިރު އޭގެ ދެފުށް ގެނެސްދިނުން މުހިންމު. ކުންފުނީގެ ފަރާތުން ބަހެއް ހޯދާލިންތޯ؟ ހަމަ ޝަކުވާ ބޮނޑިއެއް ލިޔެލީމަ ނިމުނީ
13 2

އަމައްޔާއި

15 މޭ 2022
ގާސިމް އެހީ ނުވާތީ ޝަކުވާ. އެހީވާތީވެސް ހަމަ ޝަކުވާ.
11 1

އަމައްޔާއި

15 މޭ 2022
މާލޭގެ އެއްވެސްް އެހެން ވިޔަފާރިވެރިއެއް ތިވަރުވެސް ކޮށްދިންބާ އެ މީހެއްގެ ރަށަށް؟
8 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް