މިދިޔަ 2020 ވަނަ އަހަރު ބޭއްވި ހާއްސަ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީސް

ރައީސްގެ ހާއްސަ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި

އަންނަ މަހުގެ 22ގެ މެންދުރުފަހު 3އާ ހަމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ
14 އޯގަސްޓު 2022

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. 

ވީ ކިހިނެއް؟ - ހާއްސަ އިނާމާ ބެހޭ ކޮމިޓީން ވަނީ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި އިނާމާ ބެހޭ އުސޫލު ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފަ އެވެ.

ތަފްސީލް - ރައީސް އޮފީހުން ބުނީ ހާއްސަ އިނާމަށް ނަން ހުށަހެޅުމަށް ފޯމު ހުށަހަޅާނީ އެ އޮފީހުގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެގޮތުން، އަންނަ މަހުގެ 22ގެ މެންދުރުފަހު 3އާ ހަމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ހާއްސަ އިނާމުދޭ ކެޓަގަރީތައް

މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތައް:

  • ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތައް

  • އޮނިގަނޑުގެ ލެވެލް ހަތެއް، އަށެއް ނުވަތަ ނުވައެއްގެ ސަނަދެއް ހާސިލުކުރުމުގައި، މަތީ ތައުލީމު ދޭ މަރުކަޒަކުން ކަނޑައަޅާ އެންމެ މަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒަކުން ދޭ އެންމެ މަތީ ޝަރަފު ލިބޭ ފަރާތްތައް

ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީ ޝަރަފު ހޯދާ ފަރާތްތައް:

  • ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އާ އީޖާދެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތައް

ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތައް:

  • މި އިނާމު ދޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް

ޓޫރިޒަމް ދާއިރާ އިން އާދަޔާ ހިލާފު މަސައްކަތްކުރި މީހުންގެ އަގު ވަޒަންކުރުމަށް ދޭ އިނާމު:

  • އީޖާދީ އުފެއްދުމެއް ނުވަތަ އީޖާދީކަމެއް ތައާރުފުކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ކާމިޔާބީއެއް ހޯދައިދިން ފަރާތްތައް

  • އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ފަތުރުވެރިކަމުގެ ދާއިރާ އިން މީހުން ބިނާކުރުގައި ފާހަގަކޮށްލެވޭ ފަރާތްތައް

  • ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ ދިވެހިންގެ ތެރެއިން، އެ މުވައްޒަފެއްގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ގުޅޭ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރި ފަރާތްތައް

  • މި ދާއިރާ އިން އިނާމު ދިނުމުގައި ބަލާނީ 1 އޮގަސްޓް 2017 އިން މި މަހުގެ ނިޔަލަށް، ވޭތުވެދިޔަ ފަސް އަހަރުގެ މައުލޫމާތާއި ތަފާސްހިސާބަށް

  • މިއީ ރާއްޖޭގެ ޓޫރިޒަމްށް މި އަހަރު 50 އަހަރު ފުރޭތީ، އެ މުނާސަބަތުގައި ދޭ އިނާމެއް

ހާއްސަ އިނާމާ ބެހޭ ކޮމިޓީން މިދިޔަ އޭޕްރީލް މަހު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/ ރައީސް އޮފީސް)

ހާއްސަ އިނާމު

ހާއްސަ އިނާމު ދެނީ އިލްމާއި ހުނަރާއި އުފެއްދުންތެރިކަމުގެ ގޮތުން ހިތްވަރާ އެކު ހޯދާ ކާމިޔާބީތަކަށް ގައުމީ ފެންވަރުގައި ފާހަގަކުރުމަށެވެ. ހާއްސަ އިނާމު ދޭނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.

ހާއްސަ އިނާމު ދިނުމުގެ މަގްސަދަކީ:

  • ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގު ވަޒަންކުރުން

  • އެ ފަރާތްތަކަށް ހިތްވަރު ދިނުން

  • ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން މިސްރާބު ކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް