Majlis 2024

މޫސުމީ ބަދަލުތައް: އައިޕީސީސީ ރިޕޯޓުން ފާހަގަ ކުރެވޭ އާ 5 ކަމެއް

މޫސުމީ ބަދަލުތަކުގެ މުސީބާތުން ސަލާމަތްވުމަށް އަހަރެމެންނަށް ލިބިފައި ވަނީ 10 ވަރަކަށް އަހަރު ކަމަށް އައިޕީސީސީން އިންޒާރުދޭ

އދ. ގައި ހިމެނޭ ގައުމުގުތަކުގެ ސަރުކާރުތަކުން މޫސުމީ ބަދަލުތަކާ ގުޅޭ ކަންކަމަށް އުފައްދާފައިވާ ޕެނަލް، އައިޕީސީސީ އިން، މި ހަފްތާގައި ނެރެފައިވާ އާ ރިޕޯޓެއްގައި މޫސުމީ ބަދަލުތައް ކުރިމަތިވާ ސަބަބުތަކާއި އެކަމުގެ އަސަރުތަކާއި އަދި އެކަމަށް އޮތް ހައްލުގެ މައްޗަށް ވަނީ އަލިއަޅުވާލައިފަ އެވެ.

އެ ދިރާސާ އިން އެނގުނު ފަސް ކަމެއް ތިރީގައި ފާހަގަ ކޮށްލާނަމެވެ.

1. ހީކުރި ވަރަށް ވުރެ ކަންކަން ގޯސް

ގްރީންލެންޑުން ވިރެމުންދާ ގަނޑުފެންގަނޑުތަކުން ފެށިގެން ކަނޑުތަކުގައި މަރުވަމުންދާ މުރަކަތަކާ ހަމައަށް، މޫސުމީ ބަދަލުތައް ދުނިޔެއަށް ކުރިމަތިވަމުން މިދަނީ އަހަރުތަކެއް ވަންދެން ކުރެވުނު އަންދާޒާތަކުގެ ވެސް އެންމެ މަތީ މިންގަނޑުތަކުންނެވެ. ކުރިން އައިޕީސީސީއަށް ހޯދިފައި އޮތް މިންވަރަށް ވުރެ ވެސް ބާރުމިނުގަ އެވެ.

މިހާރުން މިހާރަށް ބުނަނީ ނަމަ ދުނިޔޭގެ އާބާދީގެ %40 ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ބިރުތަކަށް ހުޅުވާލެވިފައިކަން މި ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް މިކަމުގެ އަސަރުތައް އެންމެ ބޮޑަށް ކުރަމުން ދަނީ މޫސުމީ ބަދަލުތައް ކުރިމަތިކުރުމުގައި އެންމެ ކުޑަ ދައުރެއް އޮތް އާބާދީތަކަށެވެ.

"މިހާރު ވިހަ ގޭސްތައް ބޭރު ކުރަމުންދާ މިންވަރަށް ހުންނަ ނަމަ އެފްރިކާގައި ޒުވާރި އުފައްދަމުންދާ ބިންތަކުގެ %30 އަދި ބީންސް އުފައްދަމުންދާ ބިންތަކުގެ %50 ނެތި ހިނގައިދާނެ،" މޫސުމީ ބަދަލުތަަކަށް އާބާދީތައް ހާނުވަން މަސައްކަތް ކުރަމުންދާ ގްލޯބަލް ސެންޓާ ފޯ އެޑަޕްޓޭޝަންގެ ސީއީއޯ ޕެޓްރިކް ވެރްކޯއިޖެން ބީބީސީއަށް ވިދާޅުވި އެވެ.

"އެހެންވީމަ ދުނިޔޭގެ ބައެއް ހިސާބުތައް އެބައޮތް، ވަކިން ހާއްސަކޮށް އެފްރިކާގައި، މީހުންނަށް ދިރިނޫޅެވޭނެ. އަދި ވަގުތު ކުޑަތަންވަމުން މިދަނީ. އައިޕީސީސީގެ ރިޕޯޓުގައި ބުނާ ފަދައިން މޫސުމީ ބަދަލުތަކަށް ބާރުދޭ ކަންކަން ހުއްޓާލަން ޖެހޭ." 

2. ގެއްލުމާއި ހަލާކަށް ސައިންސްގެ ހެކިތައް

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގެއްލުމާއި ހަލާކާ މެދު މުއްސަނދި ގައުމުތައް ސީރިއަސް ކުރުވުމަށް، ތަރައްގީވަމުން އަންނަ ގައުމުތަކުން މަސައްކަތް ކުރަމުންދާތާ އަހަރުތަކެއް ވެއްޖެ އެވެ. ގެއްލުމާއި ހަލާކު މިތާނގައި މާނަ މި ކުރެވެނީ މޫސުމީ ބަދަލުތަކުގެ ސަބަބުން އާބާދީތަކަށް ނުކުޅަދާނަވާނެ، ނުވަތަ ދިގު ރާސްތާގައި ކުރިމަތިވާ، ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކަންކަމަށެވެ.

ދުނިޔެއަށް އެންމެ ގިނައިން ވިހަ ގޭސްތައް ބޭރު ކުރަމުންދާ މުއްސަނދި ގައުމުތަކުން މިފަދަ ގެއްލުންތަކަށް ބަދަލު ދޭން ފަށައިފި ނަމަ، މިފަދަ މައްސަލަތައް ކޯޓުތަކުގައި ދެމިގެން ގޮސް، ދައްކަން ޖެހޭ ބަދަލުތައް މުއްދަތެއް ނެތް ގޮތަށް ދައްކަން ޖެހިދާނެ ކަމުގެ ބިރު އެ ގައުމުތަކަށް ވަނީ ހީވެފަ އެވެ. މިދިޔަ ނޮވެމްބަރު މަހުގެ ގްލާސްގޯގައި އޮތް ކޮޕް26 ބައްދަލުވުމުގައި މިކަމާ ބެހޭ ގޮތުން ކުރި މަޝްވަރާތަކުގައި، ބަދަލު ދިނުމުގެ ފަންޑެއް އިންތިޒާމު ކުރަން ހުށަހެޅި އެވެ. ނަމަވެސް އެކަން ހުއްޓުނީ އެމެރިކާ އާއި އީޔޫ އިން ހުރަސް އެޅުމުންނެވެ.

ގެއްލުންތަކަށް ބަދަލު ދިނުމާ ބެހޭގޮތުން ކުރި މަޝްވަރާތައް ކުރިއަށް ދިޔުން ލަސްވުމާ ގުޅިގެން ބޭއްވި އެއްވުމެއް

މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ އަސަރުތަކުގެ ތެރޭގައި "ފުޅާދާއިރާއެއްގައި ކޮށްފައިވާ ނުރަނގަޅު އަސަރުތަކާއި އެކަމާ ގުޅިގެން ގުދުރަތީ މާހައުލަށާއި މީހުންނަށް ކުރިމަތިވާ ގެއްލުމާއި ހަލާކުތައް" ހިމެނޭ ކަމަށް އައިޕީސީސީން މިހާރު މިވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފަ އެވެ. އައިޕީސީސީން މި ގޮތަށް ބުނުމާ ގުޅިގެން، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ބަދަލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދެން އޮންނަ މޫސުމީ ބައްދަލުވުމެއްގައި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް އިނގިރޭސިވިލާތުގެ ކޮޕްގެ ރައީސް އަދި މިއަހަރު މިސްރުގައި އޮންނަ ކޮޕް27 ފެށެންދެން އދ. ގެ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ އަލޮކް ޝަރްމާ ވިދާޅުވި އެވެ.

"މިއަދުގެ ރިޕޯޓުން މޫސުމީ ބަދަލުތަކަށް ތައްޔާރުވާން ޖެހޭ ސީރިއަސް މިންވަރު ހާމަވެގެން ދާއިރު، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ފައްތަރެއްގައި ދުނިޔޭގައި ތިބި އާބާދީތަކަށް ލިބެމުންދާ ގެއްލުންތަކަށް ޖަވާބުތަކެއް ހޯދަން ޖެހޭ. ކުރިއަށް އޮތް ދިހަ އަހަރު ވަރަށް މުހިންމު ވާނެ،" ޝަރްމާ ވިދާޅުވި އެވެ.

3. ޓެކްނޮލޮޖީއަކީ ފުރިހަމަ ހައްލެއް ނޫން

ދުނިޔެ ހޫނުވަމުންދާ މިންވަރު މަދުކޮށް އަދި ދުނިޔެއަށް ބޭރު ކުރަމުންދާ ކާބޮންޑައިއޮކްސައިޑް ގޭސް (ސީއޯ2) މަދު ކުރުމަށް ތައާރަފްކޮށްފައިވާ ޓެކްނޮލޮޖީތަައް ބޭނުން ކުރުމުން ކަންކަން ރަނގަޅުވުމުގެ ބަދަލުގައި އިތުރަށް ގޯސްވެދާނެކަން އައިޕީސީސީން ވަނީ ފާހަގަ ކޮށްފަ އެވެ. ވައިގެ ތެރޭގައިވާ ސީއޯ2 ދަމައިގަންނަން ހަދާފައިވާ މެޝިނުތަކުގެ ސަބަބުން އިތުރު ވިހަ ގޭސްތަކެއް ދޫވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ރިޕޯޓުގައި ފާޅުކޮށްފައިވެ އެވެ.

މޫސުމީ ބަދަލުތައް ހުއްޓުވުމަށް ގަސް އިންދުމަކީ ރަނގަޅު ކަމެއް. ނަމަވެސް ނުބައި ތަނެއްގައި އިންދޭ ގަހަކުން ލިބޭ ގެއްލުން ބޮޑުވެދާނެ ކަމަށް އައިޕީސީސީން ވަނީ ފާހަގަ ކޮށްފައި.

"ޖައްވުގައި ދައުރުވަމުންދާ ސީއޯ2 ނަގައިފި ނަމަ، އެއާ ވިދިގެން އެފަދަ އެހެން ގޭހެއް އެތަނަށް ނުކުންނާނެ،" އައިޕީސީސީގެ މަޝްވަރާތަކުގައި އޮބްޒާވަރެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި، ހައިންރިކް ބޮލް ފައުންޑޭޝަންގެ ލިންޑާ ޝްނައިޑާ ވިދާޅުވި އެވެ.

"ކަނޑުތަކާއި ބިންތަކުގެ ތެރޭގައި ހުރި ގޭސްތައް ބޭރުވާ ފަދަ އަސަރުތަކެއް ހިނގާނެ. އެހެންކަމުން ޖައްވުން ނަގާ ބައެއް ސީއޯ2ގެ ބަދަލުގައި ކޮންމެވެސް ވަރަކަށް ޖައްވަށް އަލުން ސީއޯ2 ދޫވެގެން ދާނެ."

4. ސިޓީތަކުން އުއްމީދެއް އާކޮށްދޭ 

މޫސުމީ ބަދަލުތަކުގެ އަސަރުތައް ބޮޑެތި ސިޓީތަކުން ފެނުން އާންމުވެފައި ވާއިރު، މޫސުމީ ބަދަލުތަކުގެ އެންމެ ގޯސް އަސަރުތައް ހުއްޓުވުމަށް އޮތް ރަނގަޅު ފުރުސަތެއް ވެސް އެ ސިޓީތަކުން ފޯރުކޮށްދެ އެވެ.

ސިޓީތައް ތަރައްގީވެ، ބޮޑުވަމުންދާ ވަރަކަށް ތިމާވެއްޓާ ރަހުމަތްތެރި ސިޔާސަތުތައް ކަމަށްވާ އިއާދަކުރަނިވި ހަކަތަ އާއި 'ފެހި' އިމާރާތްތަކާއި ދަތުރުފަތުރު ފަދަ ކަންކަމަށް އިސްކަން ދެވިދާނެ އެވެ. އަދި މިކަމުގެ ސަބަބުން އެތަކެއް މިލިއަން މީހުން ގެއްލުންދެނިވި މޫސުމީ ބަދަލުތަކުން ސަލާމަތް ކުރެވިދާނެ އެވެ.

ނައިޖީރިއާގެ ލާގޮސް ފަދަ ސިޓީތަކަކީ މޫސުމީ ބަދަލުތަކުގެ އަސަރުތައް ބޮޑަށް ކުރާ ތަންތަން ކަމުގައިވީ ނަމަވެސް މިފަދަ ސިޓީތަކުން އުއްމީދެއް ވެސް އާކޮށްދެވިދާނެ.

"މަސައްކަތް ފެށުމަށް އެންމެ މުހިންމު ތަންތަނަކީ ދުނިޔޭގައިވާ ސިޓީތައްކަން އަހަރެމެން ފާހަގަ ކުރަން،" އައިޕީސީސީގެ ކޯޗެއާ ޑެބްރާ ރޮބަޓްސް ވިދާޅުވި އެވެ.

"އެންމެ ނާޒުކު އާބާދީތައް މި އޮންނަނީ މޫދާ ކައިރި ސަރަހައްދުތަކުގައި. އެހެންކަމުން މިއީ ފަށަން ރަނގަޅު ތަނެއް. މިފަދަ ތަރައްގީވެފައިވާ ސަރަހައްދުތަކުގައި ބަދަލުތައް ގެންނަށް ފެށިދާނެ."

5. ލިބިފައިވާ ހަނި ފުރުސަތު ފާއިތުވަނީ

މިއީ މިހާތަނަށް ކޮަށްފައިވާ އަސަރުތަކާއި ކުރިއަށް ކުރިމަތިވާން ހުރި އަސަރުތަކުގެ ދިރާސާއެއް ކަމުގައި ވާއިރު، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާން ހުރި އެންމެ ބޮޑެތި ނުރައްކާތަކުން އަދިވެސް ސަލާމަތް ވެވިދާނެ ކަމަށް މި ދިރާސާ ތައްޔާރު ކުރި ފަރާތްތަކުން ދެކެ އެވެ. ނަމަވެސް އެއީ ވަގުތު އޮއްވާ ފިޔަވަޅު އަޅާ ނަމަ އެވެ.

މި ފުރުސަތު އޮންނާނީ ކުރިއަށް އޮތް 10 އަހަރަށް ކަމަށް އައިޕީސީސީގެ ރިޕޯޓުގެ އެންމެ ފަހު ޖުމްލައިގައި ލިޔެފައިވެ އެވެ.

"މުޅި ދުނިޔެ ގުޅިގެން ކުރަން ޖެހޭ މި މަސައްކަތް މިއަށް ވުރެ ފަސްވެއްޖެ ނަމަ، ދިރިއުޅެވޭނެ މުސްތަގުބަލެއް ކަށަވަރު ކުރުމުގެ ފުރުސަތު ގެއްލިގެންދޭ،" ރިޕޯޓުގައިވެ އެވެ.

ހަނަފަސްކަމާ ހެދި ސޯމާލިއާގައި އެތައް ހާސް އާއިލާތަކެއް އެހެން ހިސާބުތަކަށް ބަދަލުވާން ޖެހިފައިވާއިރު ގިނަ ޖަނަވާރުތަކެއް ވަނީ މަރުވެފައި.

ދުނިޔެއަށް ބޭރު ކުރަމުންދާ ވިހަ ގޭސްތައް ވަރަށް ބޮޑަށް މަދުކޮށް، ތިމާވެއްޓާ ރަހުމަތްތެރި ގޮތްގޮތް އަށަގެންނެވުމަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުތަނުން އިތުރު ކުރާ ނަމަ، ކަނޑައެޅިގެން އަންނަން އޮތް މޫސުމީ މުސީބާތްތަކުން ސަލާމަތް ވެވިދާނެ އެވެ.

އެއީ ހަމައެކަނި ފެހި ހަކަތަ އާއި އިލެކްޓްރިކް ކާރުތައް ގަތުމެއް ނޫނެވެ. ތަައުލީމާއި ސިއްހީ ނިޒާމުތަކާއި އިޖުތިމާއީ އަދުލުގެ ނިޒާމަށް އިންވެސްޓު ކުރުމުން، އަރަމުން އަންނަ ހޫނުމިނުން ސަލާމަތްވާނެ ގޮތްތައް މީހުން ހޯދާނެކަން އައިޕީސީސީން ވަނީ ފާހަގަކޮށްފަ އެވެ.

ހަމަ މިއާއެކު ގުދުރަތީ ވެށިތައް ހިމާޔަތް ކުރުމުން ވެސް އެންމެ ބޮޑެތި ނުރައްކާތަކުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމަށާއި ދުނިޔޭގެ ގުދުރަތީ ބިންތަކާއި ކަނޑުތަކުގެ %30-%50 ހިމާޔަތް ކުރުމަށް އައިޕީސީސީން ވަނީ ގޮވާލައިފަ އެވެ.

"ގުދުރަތުން އަހަރުމެން ސަލާމަތް ކޮށްދީފާނެ،" އދ. ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމްގެ ވެރިޔާ އިންގާ އެންޑަސެން ވިދާޅުވި އެވެ. 

ނަމަވެސް އެއީ، އޭނާ ވިދާޅުވިގޮތުގައި، އަހަރެމެން ގުދުރަތީ ތަންތަން ފުރަތަމަ ސަލާމަތް ކުރާ ނަމަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް