ސައުދީ އަރަމްކޯގެ ތެޔޮ ރައްކާކޮށްފައިވާ ޓޭންކެއް (ފޮޓޯ/ ގެޓީ އިމޭޖެސް)

ތެލުގެ އަގުތަކާ އެކު ސައުދީ އަރަމްކޯއަށް ފުރަތަމަ 6 މަސް ދުވަހު 88 ބިލިއަން ޑޮލަރުގެ ފައިދާއެއް

ހަކަތައިގެ ސިނާއަތުގެ ގިނަ ކުންފުނިތަކަކަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ރެކޯޑު އަދަދަކަށް ވަނީ ފައިދާ ވެފައި

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ލިބިފައިވާ ފައިދާ 88 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް، ގޭހާއި ތެލުގެ ސިނާއަތުގައި އޮޕަރޭޓު ކުރާ ސައުދީ އަރަމްކޯއިން އިއްޔެ ބުނެފި އެވެ.

ސައުދީ ސަރުކާރުގެ %94 ހިއްސާ އޮތް ސައުދީ އަރަމްކޯގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ފައިދާ ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު %90 މައްޗަށް ގޮސްފަ އެވެ. އަދި މިއީ 2019 ވަނަ އަހަރު ސައުދީ އަރަމްކޯ ކުންފުނި ހިއްސާގެ ބާޒާރުގައި ލިސްޓުކުރި ފަހުން ކުއާޓަރެއް ތެރޭ ލިބުނު އެންމެ ބޮޑު ފައިދާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

ހިއްސާގެ ބާޒާރުގައި ލިސްޓުކުރި އިރު ވައުދުވި ފަދައިން މި އަހަރުގެ ދެވަނަ ކުއާޓަރުގެ ފައިދާއިން 18.8 ބިލިއަން ޑޮލަރު ހިއްސާދާރުންނަށް ބަހާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދެވަނަ ކުއާޓަރުގެ ފައިދާ އެހާ ބޮޑުވެފައި މި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ގޮސް، ތެޔޮ ވިކިފައިވާ މިންވަރު އިތުރުވެ، ތެޔޮ ސާފުކުރާ އަގުން ލިބޭ ފައިދާގެ މިންވަރު ބޮޑުވުމުން ކަމަށް އަރަމްކޯއިން ބުނެ އެވެ. އަދި ދެވަނަ ކުއާޓަރުގެ މާލީ ނަތީޖާތަކުން ދައްކުވައިދެނީ ސައުދީގެ ތެލަށް އިތުރުވަމުން އައިސްފައިވާ ޑިމާންޑު ކަމަށް އަރަމްކޯގެ ރައީސް އަމީން ނާސިރު ވިދާޅުވި އެވެ. ދުނިޔޭގައި އެންމެ އަގުހެޔޮކޮށް ތެޔޮ ނަގާ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ ހިމެނެ އެވެ.

"އިގްތިސާދީ ގޮތުން ކުރިމަތިވާ ކުރު މުއްދަތުގެ ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް އޮތް އަހަރުތަކުގައި ތެލަށް އޮތް ޑިމާންޑު ބޮޑުވަމުންދާނެ ކަމަށް ލަފާކުރެވޭ،" ނައްސޭރް ވިދާޅުވި އެވެ.

ގޭހާއި ތެލަށް ވެފައި އޮތް ބަރޯސާ ކުޑަކޮށް ގައުމަށް އާމްދަނީ ވަންނާނެ އިތުރު ގޮތްތައް ހޯދުމަށް ސައުދީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވަނީ ވެފަ އެވެ.

އުފުލިފައިވާ އަގުތަކާ އެކު ހަކަތައިގެ ސިނާއަތުގެ ކުންފުނިތަކުގެ ފައިދާ އިތުރުވުމާ ގުޅޭ (ވީޑިއޯ/ ރޮއިޓާސް)

ދުނިޔޭގެ ތެލާއި ގޭހުގެ ސިނާއަތުގައި އޮޕަރޭޓު ކުރަމުން އަންނަ ގިނަ ކުންފުނިތަކަކަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ބޮޑެތި ފައިދާތަކެއް ވަނީ ވެފަ އެވެ. އެގޮތުން އެކްސޯން މޮބިލް ކޯޕް އިން ވަނީ ދެވަނަ ކުއާޓަރުގައި 17.9 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވާކަން ޖުލައި މަހުގެ ފަހުކޮޅު އިއުލާނުކޮށްފަ އެވެ.

މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ކުއާޓަރެއްގައި މިހާ ބޮޑު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ. އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު މި ކުއާޓަރުގެ ފައިދާ ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ މައްޗަށް ޖެހިލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް