އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު. (ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

މިނިސްޓްރީގެ ފަރާތުން ހައްޖަށް ދިޔަ 5 މީހުންގެ ވަފުދަށް މިލިއަނެއް

މީގެ އިތުރުން، ހައްޖު ކޯޕަރޭޝަނުން މުޅި ޖުމްލަ ހަރަދުކޮށްފައިވަނީ 69 މިލިއަން ރުފިޔާ

މި އަހަރުގެ ހައްޖުގެ އަޅުކަމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހަރަދުކޮށްގެން ހައްޖު މިޝަންގައި ދިޔަ ފަސް މީހުންނަށް 1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އެ މިނިސްޓްރީން މަޖިލީހާ ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - މި އަހަރުގެ ހައްޖު ދަތުރުގެ ހަރަދުތަކުގެ ތަފްސީލުތައް، އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސާފުކުރުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ލިޔުމުން ޖަވާބު ހޯދުމަށް އެދިވަޑައިގެންނެވި ދެ ސުވާލެއްގެ ޖަވާބު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ. އެ ދެ ސުވާލަކީ:

  • މިނިސްޓްރީގެ ހަރަދުގައި މައްކާގައި ގާއިމްކުރި މިޝަންގައި މަސައްކަތްކުރުމަށް ރާއްޖެއިން ފޮނުވި މީހުންގެ އަދަދާއި ދައުލަތުގެ ބަޖެޓުން އެ މީހުންނަށް ކުރި ހަރަދުތަކުގެ ތަފްސީލުތަކަކީ ކޮބާތޯ

  • ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިޔަ މީހުންނަށް ކުރި ހަރަދުތަކުގެ ތަފްސީލުތަކަކީ ކޮބާތޯ

ތަފްސީލު - ހައްޖު މިޝަންގެ ހަރަދުތަކުގެ ތަފްސީލު ހާމަކޮށް، މިދިޔަ މަހުގެ 4 ވަނަ ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. އަލީ ޒާހިރު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ހައްޖު މިޝަންގައި މިނިސްޓްރީގެ ފަރާތުން ގޮސްފައިވަނީ ފަސް މީހުން ކަމަށެވެ. އަދި އެ މީހުންނަށް 48 ދުވަހުގެ ތެރޭގައި ހިނގި ޖުމްލަ ހަރަދަކީ 1.08 މިލިއަން ރުފިޔާ ކަމަށް އެ ސީޓީގައި މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ދިވެހި ހައްޖުވެރިން އަރަފާތު ބިމުގައި. (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

އެ ފަސް މީހުންނަށް ކުރި ހަރަދުތަކުގެ ތަފްސީލު:

  • ދެކޮޅު ޓިކެޓް - 148،279 ރ.

  • ހުރުމާއި ކެއުން - 762،368ރ.

  • ޕޮކެޓް މަނީ - 12،028ރ.

  • އިމަޖެންސީ ހާލަތުގައި ހަރަދުކުރުމަށް - 154،200ރ.

ހައްޖު ކޯޕަރޭޝަނުން 69 މިލިއަން ރުފިޔާ ހަރަދުކުރި

މެންބަރު އިބްރާހިމް ރަޝީދުގެ ދެވަނަ ސުވާލަށް ޖަވާބު ދެއްވުމަށް މިދިޔަ މަހުގެ 24ގައި މިނިސްޓަރު ފޮނުއްވި ސިޓީގައި ވިދާޅުވީ، މުޅި ދަތުރަށް އެ ކޯޕަރޭޝަނުން ކޮށްފައިވަނީ 69.3 މިލިއަން ރުފިޔާ ކަމަށެވެ. އެއީ ހައްޖަށް ގެންދިޔަ 417 ހައްޖުވެރިންގެ ބޮަލަކަށް 166،198ރ. އެވެ.

ހައްޖު ކޯޕަރޭޝަނުން ކުރި ހަރަދުތަކުގެ ތަފްސީލު:

  • މައްކާގެ ހޮޓަލަށް ކުރި ހަރަދު: 39.7 މިލިއަން ރުފިޔާ (23 ދުވަހަށް)

  • މަދީނާގެ ހޮޓަލަށް ކުރި ހަރަދު: 1.8 މިލިއަން ރުފިޔާ (ދެ ދުވަހަށް)

  • ހައްޖުގެ އަޅުކަމުގައި ހަރަކާތްތެރިވި މުތައްވިފު (ގައިޑު)އަށް ކުރި ހަރަދު: 10.6 މިލިއަން ރުފިޔާ

ހައްޖު ކޯޕަރޭޝަނާ ހަވާލާދީ، އެ ސިޓީގައި މިނިސްޓަރު ވިދާޅުވީ، އަމިއްލަ ގޮތުން ފައިސާ ދައްކައިގެން އެއްވެސް ފަރާތަކުން އެ ކޯޕަރޭޝަނުން ހައްޖަށް ގެންގޮސްފައި ނުވާނެ ކަމަށެވެ. އަދި މި ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކޮށްފައި ނުވާނެކަން ވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް