ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ދަނީ:(ފޮޓޯ/ މިވެށި)

ގުޅިފަޅު

ގުޅީފަޅު ބިން ހިއްކަން 2 ބިލިއަން ރުފިޔާއަށް ބޮސްކާލިސްއާ ހަވާލުކޮށްފި

ގުޅީފަޅުން ބައެއް ހިއްކުމަށް ޔޫރަޕްގެ ބޭންކުތަކަކުން ސަރުކާރުން ވަނީ 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގާފައި

މައި ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް ގުޅީފަޅުން ބިން ހިއްކަން ނެދަލޭންޑްސްގެ ބޮސްކާލިސް އަށް 2 ބިލިއަން ރުފިޔާއަށް ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ބޮސްކާލިސް އާ ހަވާލާދީ، ވިޔަފާރި އާއި އިގްތިސާދުގެ ހަބަރުތައް ގެނެސްދޭ މާކެޓްވޮޗްއިން ބުނީ ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ) އަށް ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ހިއްކާނީ ކިހާވަރެއްގެ ބިމެއް ކަމެއް ބުނެފަ އެއް ނުވެ އެވެ.

ތަފްސީލް - ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބޮސްކާލިސް އާ ހަވާލުކޮށްގެން 192 ހެކްޓަރުގެ ބިން ވަނީ މީގެ ކުރިން ހިއްކައިފަ އެވެ. އެ މަސައްކަތް ބިޑަކާ ނުލާ އެ ކުންފުންޏާ ހަވާލުކުރީ 53 މިލިއަން ޑޮލަރު (817.26 މިލިއަން ރުފިޔާ) އަށެވެ.

މީގެ އިތުރުން އެމްޓީސީސީއާ ހަވާލުކޮށްގެން ވެސް ގުޅިފަޅުން ބިން ހިއްކާފައިވެ އެވެ. އެގޮތުން 80،000 ކިއުބިކް މީޓަރުގެ ބިން ހިއްކާފައިވަނީ 8.9 މިލިއަން ރުފިޔާ އަށެވެ.

ގުޅުން ހުރި - ގުޅީފަޅުން ބައެއް ހިއްކުމަށް ސަރުކާރުން ވަނީ އޭބީއެން އެމްރޯ ބޭންކާއި ޔޫރަޕިއަން އެކްސްޕޯޓް ޓްރޭޑް ބޭންކް އަދި އައިއެންޖީ ބޭންކާ އެކު ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ، 101 މިލިއަން ޔޫރޯ (1.6 ބިލިއަން ރުފިޔާ)ގެ ލޯނެކެވެ. އެއީ މިދިޔަ ޖޫން މަހު އެވެ.

އެނގުން މުހިއްމު - ގުޅީފަޅު ހިއްކުމަށް ފަހު، މާލޭގެ ރައްޔިތުންނަށް އެ ތަނުން ބިން ދޫކުރަން ނިންމާފައިވާއިރު މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަކީ ވެސް މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޮޑު މަޝްރޫއެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް