Majlis 2024

(ފޮޓޯ/ ބީބީސީ)

ނައިކީން ވެސް ރަޝިޔާ އިން ނުކުންނަކަން އިއުލާނުކޮށްފި

ރަޝިޔާގައި 50 އަށް ވުރެ ގިނަ ނައިކީގެ ފިހާރަ ހުރި ނަމަވެސް، މީގެ ތެރެއިން ތިންބައި ކުޅަ އެއްބައި ފިހާރަތައް މިހާރު ހުރީ ބަންދުކޮށްފައި

ކުޅިވަރުކުޅުމަށް ބޭނުންވާ ގިނަ ސާމާނުތަކެއް އުފައްދާ މަޝްހޫރު ނައިކީ ކުންފުނިން ވެސް ރަޝިޔާއިން ނުކުތުމަށް ނިންމާފައިވާ ކަން އިއުލާނުކޮށްފި އެވެ.

އެމެރިކާއަށް ނިސްބަތްވާ ނައިކީން ރަޝިޔާގައި ހިންގަމުން ދިޔަ އެކުންފުނީގެ އަމިއްލަ ފިހާރަތަކާއި އިންޓަނެޓުން އޯޑަރުކުރުމުގެ ހިދުމަތް ބަންދުކުރީ ހުސްވި މާޗު މަހު އެވެ. 

އަދި ނައިކީއާއި އެކު އެއްބަސްވުންތައް ހަދައިގެން ރަޝިޔާގެ ޕާޓްނަރުން ހިންގަމުންދާ ފިހާރަތައް އަދިވެސް ހުޅުވާފައި ހުރި ނަމަވެސް، މިފަދަ އެއްބަސްވުންތައް ހުއްޓުމަކަށް ގެނައުމަށް ނައިކީން ދަނީ މަސައްކަތް ކުރަމުން ނެވެ.

ޓެކްނޮލޮޖީ ސިނާއަތުގައި ނެޓްވޯކިންގްގެ ދާއިރާގައި އޮޕަރޭޓު ކުރަމުންދާ ވަރުގަދަ ސިސްކޯ ކުންފުނިން ވެސް ވަނީ ރަޝިޔާ އާއި ބެލަރޫސްގައި ހިންގަމުންދާ އޮޕަރޭޝަންތައް ހުއްޓާލާކަން އިއުލާނުކޮށްފަ އެވެ. ސިސްކޯގެ އިތުރުން ފާއިތުވެދިޔަ މަދު ހަފްތާތަކެއް ތެރޭ ރަޝިޔާއިން ދާއިމީކޮށް ނުކުތުމަށް ނިންމާ އިއުލާނުކުރި ކުންފުނިތަކުގެ ތެރޭގައި މެކްޑޮނަލްޑްސް އަދި ސްޓާބަކްސް ހިމެނެ އެވެ.  

"ރަޝިޔާގެ މާކެޓު ދޫކޮށްލުމަށް ނައިކީން ވަނީ ނިންމާފައި. ކުރިޔަށް އޮތް މަސްތަކުގައި އަހަރުމެންގެ އޮޕަރޭޝަންތައް ހުއްޓާލަމުން ދާއިރު، މުވައްޒަފުންނަށް ބޭނުންވާ ކަންތައްތައް ފުރިހަމަކޮށް ދިނުމަކީ އަހަރުމެން އެންމެ މުހިންމުކަމެއް ދޭނެ ކަންތައް،" ނައިކީން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.

ޔޫކްރެއިނާ ދެކޮޅަށް މޮސްކޯއިން ފެށި ހަނގުރާމައާއި ގުޅިގެން ހުޅަނގުން ވަނީ ރަޝިޔާގެ އިގްތިސާދާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އޮއްސާލާފަ އެވެ.

ނަމަވެސް މިފަދަ ފިޔަވަޅުތަކުގެ އަސަރު މައިތިރިކުރުމަށް މޮސްކޯގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބޭރުގެ ކުންފުނިތަކުން ރަޝިޔާއިން ނުކުންނަ ނަމަ އެކުންފުންޏެއްގެ މިލްކިއްޔާތު ސަރުކާރަށް ނެގޭނެ ފަދަ ހަރުކަށި ގާނޫނުތަކެއް އެކުލަވާލުމުގެ މަސައްކަތްތައް ވެސް މޮސްކޯއިން މިހާރު ދަނީ ކުރަމުން ނެވެ.

ނައިކީން ރަޝިޔާއިން ނުކުތުމަށް ނިންމުމާއި ގުޅޭ. (ވީޑީއޯ/ ރޮއިޓާސް)

ނައިކީން ރަޝިޔާގައި 50 ވުރެ ގިނަ ފިހާރަ ހިންގަމުން ދިޔަ ނަމަވެސް މީގެ ތެރެއިން ތިންބައި ކުޅަ އެއްބައި ބަންދުކުރެވިފައިވާ ކަމަށް އެކުންފުނީގެ ވެބްސައިޓުގައި ވެއެވެ. އަދި ނައިކީ އާއި އެކު ރަޝިޔާގައި އެންމެ ގިނަ އަދަދަކަށް ފްރެންޗައިސް ފިހާރަތައް ހިންގަމުންދާ ކުންފުންޏާއި އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ނައިކީން މަސައްކަތް ކުރަމުންދާކަން ރަޝިޔާގެ މީޑިއާއިން ވަނީ މިދިޔަ މަހު ރިޕޯޓުކޮށްފަ އެވެ.

ރަޝިޔާއާއި ޔޫކްރެއިން މާކެޓުން ވަންނަމުންދާ އާމްދަނީ އަކީ ކުންފުންޏަށް ޖުމުލަ ވަންނަ އާމްދަނީގެ %1 އަށް ވުރެވެސް މަދު އަދަދެއްކަމަށް ނައިކީން ކުރިން ވަނީ ހާމަކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް