މަރްޔަމް ނަޒާހާ މިއަދުގެ ޝަރީއަތުގައި ވާހަކަދައްކަނީ: އޭނާ އެދުނީ އިންސާފުވެރިކޮށް މައްސަލަ ނިންމައިދިނުމަށް.

ނަޒާހާގެ ފަހު ބަސް: ކުރެވުނު ކުށަށް ހިތާމަކުރަން؛ އިންސާފުވެރި ނިންމުމެއް ނިންމައިދީ

މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުން
21 ސެޕްޓެމްބަރު 2022

ފިރިމީހާ މަރާލިކަން ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މަރިޔަމް ނަޒާހާގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފުގެ ފަހު މަރުހަލާގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

މައްސަލައިގެ ފެށުން - ނަޒާހާ 25 އަހަރަށް ޖަލަށް ލާން 2011ގައި ދަށު ކޯޓުން ހުކުމްކުރީ، އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު މަރާލި މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ. ޖޫން 2010ގައި ހަސަން ޝާހިދު މަރުވީ ނަޒާހާ އޭނާގެ ބުރަކައްޓަށް ވަޅިއެއް ޖެހުމުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

ޖިނާއީ ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައި ކޯޓުން 2015ގައި ކުރި ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅީ އޭގެ ހަ އަހަރު ފަހުންނެވެ. އަދި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފެށީ މިދިޔަ މާޗު 31ގަ އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި މިއަދު އޮތީ ދެ ފަރާތުން ވެސް އެންމެ ފަހު ބަސް ބުނެ މައްސަލަ ނިންމުމަށް ބޭއްވި ޝަރީއަތުގެ އަޑުއެހުމެވެ. ޝަރީއަތް ނިންމަވާލައްވަމުން، މައްސަލައިގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުން ކަމަށެވެ.

ތަފްސީލް - މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން، ބެންޗުން ވަނީ ނަޒާހާއަށް ވާހަކަދެއްކުމުގެ ފުރުސަތު އަރުވައިފަ އެވެ. އެ ފުރުސަތުގައި ނަޒާހާ ތަކުރާރު ކުރީ ޝާހިދަށް ވަޅިން ހަމަލާދިނީ އޭނާ މަރާލުމުގެ ގަސްތުގައި ނޫން ކަމަށާއި، އެއީ އަމިއްލަ ދިފާއުގައި ކުރެވުނު ކަމެއް ކަމަށެވެ.

ވަރަށް އުނދަގުލުން ވާހަކަދައްކަމުން ނަޒާހާ މިއަދު ބުނީ މައްސަލައިގައި ކަން ދިމާވެފައިވާ ގޮތާ މެދު ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ. އަދި އެއީ ބޭއިހުތިޔާރުގައި ހިނގާދިޔަ ކަމަކަށް ވާތީ، މިއަދާ ހަމައަށް ވެސް އެކަމާ ހިތާމަކުރާ ކަމަށެވެ.

ބުނީ ކީކޭ؟ - "ކޮންމެ ގޮތަކަށް އަޅުގަނޑާއި ހަސަން ޝާހިދާ ދޭތެރޭ ކަންތައް ދިމާވެފައި ވީ ކަމުގައި ވިޔަސް، އެއްވެސް ހާލަތެއްގައި އަޅުގަނޑުގެ ދަރިފުޅު ޔަތީމު ވާކަށް އަޅުގަނޑެއް ވެސް ބޭނުމެއް ނުވާނެ. ހަމަ އެގޮތަށް ހަސަން ޝާހިދު ނިޔާވެ ދާކަށް ވެސް އަޅުގަނޑެއް ބޭނުމެއް ނުވާނެ،" އޭނާ ބުންޏެވެ.

"އަޅުގަނޑުގެ ވަކީލު ފާހަގަކުރެއްވި ނުކުތާތަކަށް ރިއާޔަތްކޮށްދެއްވައި އިންސާފުވެރި ގޮތަކަށް މައްސަލަ ނިންމަވައިދެއްވުމަށް އެދެން،" އެންމެ ފަހު ބަހަކަށް ނަޒާހާ ބުންޏެވެ.

ނަޒާހާގެ ދިފާއީ ވަކީލު މަރްޔަމް ނިހާޔަތު ވާހަކަދައްކަވަނީ.

ބުނީ ކީކޭ؟ - މިއަދުގެ ޝަރީއަތުގައި ނަޒާހާގެ ދިފާއީ ވަކީލު މަރްޔަމް ނިހާޔަތު ވަނީ ދިގުކޮށް ވާހަކަދައްކަވައިފަ އެވެ. ނިހާޔަތު ވިދާޅުވީ ދިފާއުން ފާހަގަކުރާ އެންމެހާ ފުށުއެރުންތަކާއި މައްސަލައިގައި ފުރިހަމަ ނުވެ ހުރި އިޖުރާއަތްތަކާ އަދި މައްސަލައިގައި ބަލާފައި ނުވާ ކަންކަމަށް ބަލައި، އެންމެ ކުޑަމިނުން މި މައްސަލައަކީ އަލުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށެވެ.

ނަމަވެސް، މީގެ އެތަކެއް އަހަރެއް ކުރިން ހިނގި ހާދިސާއާ ގުޅިގެން ނަޒާހާ މިހާރު 12 އަހަރުދުވަހު ޖަލުގައި ހޭދަކޮށްފައި ވާއިރު، އަލުން ބަލުން މައްސަލަ ބެލުމުގެ އެއްވެސް މަސްލަހަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، ދިފާއުން ރިއާޔަތް ކޮށްފައިވާ ކަންކަމަށް ބަލައި މައްސަލަ ނިންމަވައިދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

ދައުލަތުން ބުނީ ފިރިމީހާ މަރާލުމުގެ ގަސްތު ނަޒާހާގެ އޮތްކަން ސާބިތުކޮށްދެވިފައިވާ ކަމަށާއި، ދަށު ކޯޓާއި ހައި ކޯޓުގެ ނިންމުމަށް ތާއިދުކޮށްދެއްވައި ސުޕްރީމް ކޯޓުން މައްސަލަ ނިންމައިދިނުމަށް އެދޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް