Majlis 2024

ރޭގަނޑުގެ ހަމަ ނިދި ނުލިބޭ ނަމަ އަބަދު ވަރުބަލި ކަމުގެ އިހްސާސް ކުރެވޭ

އަބަދު ވަރުބަލިވުމާއި ނިންޖާ އޮތީ ކޮން ގުޅުމެއް؟

ތަޖުރިބާކާރުން ބުނާގޮތުގައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދައި ދުޅަހެޔޮކޮށް ހުރުމަށް ބޮޑު މީހަކަށް 7-9 ގަޑި އިރުގެ ނިދި ބޭނުންވޭ
1 ޖުލައި 2022

މުހިންމު ނުކުތާތައް

ހަށިގަނޑުގެ ލޮޑުކަމާއި ވަރުބަލިކަން ފިލާ ވަރަށް ފުންކޮށް ނުނިދޭ ސަބަބުތައް ހުރޭ

ގިނަ އިރު ނިދުމަށް ވުރެ މުހިއްމީ ކޮލިޓީ ނިދި ލިބުން

ރޭގަނޑު ހަމަ ނިދި ނުލިބޭ ނަމަ އަބަދު ވަރުބަލިކަމުގެ އިހްސާސް ކުރެވޭ

ރަނގަޅަށް ހަމަ ނިދި ލިބިއްޖެ ނަމަ މީހާ ތާޒާވެ އެވެ. ހަށިގަނޑަށާއި ހިތަށާއި ސިކުނޑިއަށް ލުއި ލިބެ އެވެ. ހަމަ ނިދީގެ ސަބަބުން، ޖެހިގެން އަންނަ ދުވަހަށް މީހާ ތައްޔާރުކޮށްދެ އެވެ. ނަމަވެސް ނިދިން ހޭލާ އިރު ވަރުބަލިކަން އިހްސާސް ކުރެވޭ ހެއްޔެވެ؟ ހޭލާ އިރު ވަރުބަލިވެ، ހަށިގަނޑަށް ލިބެންވާ އަރާމު ނުލިބޭ ކަމުގެ އިހްސާސް ކުރެވޭ ހެއްޔެވެ؟ ދުވަހުގެ ދެ ގަޑިއެއްހާ އިރު މި ވަރުބަލިކަން އިހްސާސްވެ މޫޑު ހަރާބުވޭ ހެއްޔެވެ؟

ތަޖުރިބާކާރުން ބުނާގޮތުގައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށާއި ދުޅަހެޔޮކޮށް ހުރުމަށް ބޮޑު މީހަކަށް 7-9 ގަޑި އިރުގެ ނިދި ބޭނުންވެ އެވެ. ހަތް ގަޑި އިރާއި ނުވަ ގަޑިއިރުގެ ނިންޖަށް ފަހު ވެސް ނިދި އާދޭ ހެއްޔެވެ؟ ނިދުމާ ގުޅޭ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ގިނަ އިރު ނިދުމަށް ވުރެ މުހިއްމީ ކޮލިޓީ ނިންޖެއް ލިބުމެވެ.

ކަމަކާ ނުލައި ވަރުބަލިކަން އިހްސާސް ކުރެވޭ ނަމަ އެއިން ބުނެދެނީ ސިއްހީ އެހެން މައްސަލަތަކެއްގެ ވާހަކަ އެވެ. މިއީ ނަފްސާނީ ނުވަތަ ޖިސްމާނީ އެހެން ކަމަކާ ގުޅިފައިވާ ކަމެއް ކަމުގައި ބެލެވެ އެވެ. މީގެ އިތުރުން ނިދުމުގެ ކުރިން ގެންގުޅޭ ބައެއް އާދަތަކުގެ ސަބަބުން ވެސް ވަރުބަލިކަން އިހްސާސް ކުރެވެ އެވެ.

ރަނގަޅަށް ނިދުނު ކަމުގައި ހީވިޔަސް ހަށިގަނޑުގެ ލޮޑުކަމާއި ވަރުބަލިކަން ފިލާ ވަރަށް ފުންކޮށް ނުނިދިދާނެ އެވެ. ރަނގަޅަށް ނުނިދޭ ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ. މިކަންތައް ރަނގަޅުކޮށްފި ނަމަ ހަށިގަނޑަށް ބޭނުންވާ އަރާމު ނިދި ލިބޭނެ އެވެ.

ހަރަކާތްތެރިކަން ކުޑަވުން

ގަވާއިދުން ކަސްރަތު ކުރާ ނަމަ ނިދަން ފަސޭހަވޭ

ހަރަކާތްތެރިކަން ކުޑަވުމަކީ މީހާގެ ނިދީގެ ފެންވަރު ދަށްވާ ކަމެކެވެ. ވަރަށް ގިނަ މީހުން ހަރަކާތްތެރިވުމާއި ވަަރުބަލިވުން ގުޅުވާލަ އެވެ. ޖިމަށް ގޮސް ގަދައަށް ކަސްރަތު ކުރުމުން ވަރުބަލިވެ ރަނގަޅަށް ނިދޭ ގޮތްވެ އެވެ. އެކަމަކު ހަށިގަނޑުން ހުރިހާ ހަކަތައެއް ހުުހެއް ނުވެ އެވެ. ނަމަވެސް އެއްވެސް ގޮތަކަށް ހަރަކާތްތެރި ނުވާ ނަމަ މީހާ ވަރުބަލިވާލެއް މާ ބޮޑެވެ.

ގަވާއިދުން ކަސްރަތު ކުރާ ނަމަ ކޮލިޓީ ނިދި ލިބޭނެ ކަމާ މެދު ސުވާލެއް ކުރާނެ ކަމެއް ނެތެވެ. މެދު މިންވަރަކަށް ކަސްރަތު ކުރާ ނަމަ ފުންކޮށް ނިދޭ ކަމުގައި ދިރާސާތައް ބުނެ އެވެ. ފަތިހު ހޭލައިގެން ޖިމަށް ދިއުމަކީ އުނދަގޫ ކަމެއް  ކަމުގައި ހީވިޔަސް އެކަން ކުރަންވީ މި ސަބަބާ ހެދި އެވެ. ދިގު މުއްދަތުގައި އޭގެ ފައިދާ ބޮޑެވެ.

ފެން މަދުވުން 

ފެން މަދު ނަމަ ވަރުބަލިވޭ އަދި ނިދުމުގެ ތެރޭގައި އެކަމުގެ އަސަރު ފެނޭ

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ ނަމަ ހަމައެކަނި ކުރިމަތިވާ ކަމަކީ  ބޯއެނބުރުމެއް ނޫނެވެ. މިއީ މީހާ ވަރަށް ބޮޑަށް ވަރުބަލިކޮށްލާ ކަމެކެވެ. ޑީހައިޑްރޭޓް ވުމުގެ ސަބަބުން މީހާގެ ލެއަށް އަސަރު ކުރެ އެވެ. އޭގެ ސަބަބުން ހިތުގެ ހިނގުމަށް ބަދަލު އައިސް އަބަދު ވަރުބަލިވާ ކަމުގެ އިހްސާސް ކުރެވެ އެވެ. ހަށިގަނޑަށް ބޭނުންވާ ފެން ނުލިބި ނިދާ ނަމަ ނިދުމުގެ ތެރޭގައި ފައި އަކުނިވަޔަށް ދަމާ، އަތްފައި މާ ބޮޑަށް ގުޑުވި އަދި ނިދީގައި މާ ބޮޑަށް ހަރަކާތްތައް ކުރެވި ހޭލެވޭ ކަމުގައި ތަޖުރިބާކާރުން ބުނެ އެވެ.

ޑިޕްރެޝަން

ޑިޕްރެޝަން އަށް ފަރުވާ ހޯދުމުން ރަނގަޅަށް ނިދި ލިބޭ

ޑިޕްރެޝަންގެ އެންމެ އާއްމު އަލާމާތަކީ ވަރުބަލިކަމެވެ. ޑިޕްރެޝަން ތަހައްމަލު ކުރާ ނަމަ ކިތަންމެ ގިނައިން ނިދިޔަސް ވަރުބަލިކަމެއް ނުފިލަ އެވެ. ބައެއް މީހުންނަށް އެމީހުން އުޅެނީ ޑިޕްރެޝަންގައިކަން އިހްސާސް ކުރެވެނީ ވެސް އަބަދު ނިދި އައިސްފައި ހުންނަކަން ފާހަގަކުރެވުމުންނެވެ. ޑިޕްރެޝަން ހުންނަ މީހުން ގިނަ އިރު ވަންދެން ނިދުމާއި ދުވާލު މާ ގިނައިން ނިދުން އަދި ނުނިދިގެން އުޅުމަކީ ވެސް އާއްމު ކަމެކެވެ. ޑިޕްރެޝަންގެ ސަބަބުން މީހާގެ ނިދުމަށް ނޭދެވޭ އަސަރު ކުރާތީ ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ހުރުމަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން މުހިއްމެވެ.

ކޮފީ ބުއިން

އެންމެ ރަނގަޅީ މެންދުރު 2ގެ ފަހުން ކޮފީ ނުބުއިން

ނިދާ ގަޑިއާ މާ ކައިރިކޮށް ނުވަތަ ނިދުމަށް ހަ ގަޑިއިރާ ގާތްވެފައި ވަނިކޮށް ކޮފީ ބޮއެފި ނަމަ ނިދުމަށް އަސަރު ކުރެ އެވެ. ކޮފީ އަކީ މީހާ ހޭލައްވާލާ އަދި ހަކަތަ އިތުރުކޮށްދޭ ބުއިމެކެވެ. ނަމަވެސް ދުވަހުގެ ފަހުކޮޅު ކޮފީ ބޯ ނަމަ ނިދުމަށް އަސަރު ކުރެ އެވެ. ރަނގަޅަށް ނިދަން ބޭނުން ނަމަ މެންދުރު 2ގެ ފަހުން ކޮފީ ނުބޯންވީ އެވެ.

ނިދާ ގަޑީގައި ފޯނާ ކުޅުން

 ނިދަން އެނދަށް އަރާ އޮންނަ އިރު ފޯނާ ދުރުވާން ޖެހޭ

ރޭގަނޑު ނިދާ ވަގުތު މާ ގިނައިން ފޯނަށް ބަލާ ނަމަ ނިދުމުގެ ކޮލިޓީ އަށް އަސަރު ކުރެ އެވެ. މޮބައިލް ފޯނުތަކުން އަންނަ ނޫ އަލީގެ ސަބަބުން، ހަށިގަނޑުގައި ހުންނަ، މީހާ ހޭލައްވާލާ ހޯމޯން ހަރަކާތްތެރިވެ އެވެ. މިކަމުން ހަށިގަނޑަށް އަރާމު ލިބުމަށް މާ ބޮޑު ހުރަހެއް ކުރިމަތިނުވާހެން ހީވެދާނެ އެވެ. އެކަމަކު މިކަމުގެ ސަބަބުން ހަމަ ނިދި ލިބުމަށާއި މީހާ ވަރުބަލިފިލައި ތާޒާ ވުމަށް ހުރަސް އެޅެ އެވެ. 

ސައިންސްވެރިން ބުނާ ގޮތުގައި މޮބައިލް ފޯނުތަކުން އަންނަ ނޫ އައްޔަކީ ހަށިގަނޑުގައި މެލަޓޯނިން (މިހާގެ ނިދުމާއި ގުޅިފައިވާ ހޯމޯނެއް) އުފެއްދުމަށް ހުރަސްއަޅާ އެއްޗެއް ކަމުގެ އެތައް ހެއްކެއް އެބަހުއްޓެވެ. މިއީ މީހާގެ ސާކޭޑިއަން ރިދަމަށް އަސަރު ކުރާ ކަމެކެވެ.

ޑައެޓު ގެންގުޅޭ ގޮތް

ކާނާ އާއި ނިންޖާ ގުޅުން އޮވޭ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ހެނދުނުގެ ނާސްތާ އާއި ނިދުމާ ގުޅިފައިވާ ކަން އެނގޭ ހެއްޔެވެ؟ ހެނދުނުގެ ނާސްތާ ނުނެގުމުން ބަނޑުހައި ހޫނުކަން އިހްސާސް ކުރެވުމުގެ އިތުރުން އެ ރޭ ނިދަން އުނދަގޫވެދާނެ އެވެ. ޖާނަލް، ކަރަންޓް ބަޔޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއެއް ބުނާގޮތުން ހަށިގަނޑުގެ ސާކޭޑިއަން ރިދަމް އެއްގޮތަކަށް ބެހެއްޓުމަށް ކޮންމެ ދުވަހަކު އެއް ގަޑިތަކެއްގައި ކެއުމަށް އާދަ ކުރަންވެ އެވެ. ހެނދުނުގެ ނާސްތާ އެއް ގަޑިއެއްގައި ނަގަން އާދަ ކުރަންވެ އެވެ.

ނިއުޓްރިޝަން މަދުވުން

ނިއުޓްރިއެންޓްސް ހީކުރާ ވަރަށް ވުރެ މުހިއްމު

ހަށިގަނޑުގައި ނިއުޓްރިއެންޓްސް މަދުވުމަކީ ނިދުމުގެ ކޮލިޓީ އަށް އަސަރު ކުރާ ކަމެކެވެ. ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން ނިދުމުގެ ކޮލިޓީއަށް އަސަރުކުރާކަން 2015 ވަނަ އަހަރު ހެދި ދިރާސާއަކުން އެނގެ އެވެ.

ހަށިގަނޑުގައި ބީ ވިޓަމިންސް މަދު ނަމަ ނިދިޔަސް ވަރުބަލިވުމުގެ އިހްސާސް ކުރެވެ އެވެ. ސަބަބަކީ މިއީ ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް އެހީތެރިވާ ވިޓަމިނެއް ކަމުގައި ވުމެވެ. ހަށިގަނޑުގައި މެގްނީޒިއަމް މަދު ނަމަ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްލާ މީހާ ވަރުބަލިކޮށްލަ އެވެ. އެހެންކަމުން ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް ހާއްސަ ސަމާލުކަމެއް ދޭންވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް