އިނގިރޭސި ޕްރެމިއާ ލީގުގައި 3 ޑިސެމްބަރު 2021 ގައި މެންޗެސްޓަ ޔުނައިޓެޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާސެނަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާކުރަނީ: މިއީ އޭނާގެ 800 ވަނަ ތާރީހީ ލަނޑު

ޔުނައިޓެޑުގެ އާ ކޯޗަށް ވަގުތު ދޭން ޖެހޭ: ރޮނާލްޑޯ

ޓެން ހާގް ޕްލޭނުގައި ރޮނާލްޑޯ ހިމެނޭ ކަމެއް އަދި ނޭނގޭ

މެންޗެސްޓާ ޔުނައިޓެޑުގެ އާ ކޯޗު ނެދަލެންޑްސްގެ އެރިކް ޓެން ހާގް އަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށް އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ވަގުތީ ކޯޗު ރާފް ރަންގްނިކްގެ ކޯޗުކަމުގައި ޔުނައިޓެޑް މި ސީޒަން ނިންމާލަނީ ދަށްކޮށެވެ. އެ ޓީމަށް ގަދަ ހަތަރަކުން ވެސް ފުރުސަތެއް ނުލިބުނެވެ. އެހެންވެ ޔުނައިޓެޑުގެ ސަޕޯޓަރުން ތިބީ އަޔަކްސްއާ އެކު ކާމިޔާބީ ހޯދާފައިވާ ޓެން ހާގް އައިސް ރަނގަޅު ނަތީޖާއެއް ނެރެދޭނެ ކަމުގެ އުއްމީދުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޓެން ހާގް ޕްލޭންތަކުގައި ރޮނާލްޑޯ ނުހިމެނެ އެވެ. އެހެންވެ އަދި އެ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބިފައިނުވާތީ ރޮނާލްޑޯ ސީޒަން ނިމުމުން ކްލަބް ދޫކޮށްލަފާނެ އެވެ.

ޔުނައިޓެޑާ އަންނަ ސީޒަނުގައި ހަވާލުވާ ކޯޗު ޓެން ހާގް.

އެކަމަކު ރޮނާލްޑޯ ވަނީ ކޯޗާ ބެހޭގޮތުން ކްލަބުގެ ވެބްސައިޓަށް އުއްމީދީ އިންޓަވިއުއެއް ދީފަ އެވެ. ރޮނާލްޑޯ ބުނީ އޭނާ އަށް އެނގޭ ގޮތުގައި ޓެން ހާގް ވަނީ އަޔަކްސްއާ އެކު ފުރިހަމަ މަސައްކަތެއްކޮށްފައި ކަމަށާއި އޭނާ އަކީ ތަޖުރިބާކާރު ކޯޗެއް ކަމަށެވެ.

"އެކަމަކު އަހަރެމެން އޭނާ އަށް ވަގުތު ދޭން ޖެހޭނެ. އޭނާ ބޭނުންވާ ގޮތަށް ކަންކަން ބަދަލުވާން ވަގުތު ބޭނުންވާނެ،" ރޮނާލްޑޯ ބުންޏެވެ.

"އަހަރެން އުއްމީދުކުރަން އޭނާއާ އެކު އަހަރެމެންނަށް ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށް."

ރޮނާލްޑޯ ބުނީ ސަޕޯޓަރުންނެކޭ އެއްގޮތަށް ކުޅުންތެރިން ވެސް ތިބީ ޓެން ހާގް އެ ޓީމާ ގުޅޭތީ ވަރަށް އުފާވެފައި ކަމަށެވެ.

"އަހަރެން އޭނާ އަށް ކާމިޔާބަށް އެދެން. އަދި ގަބޫލުކުރަން އަންނަ ސީޒަނުގައި ތަށިތައް ކާމިޔާބުކުރެވޭނެ ކަމަށް،" ރޮނާލްޑޯ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް