Majlis 2024

އީރާންގެ ދިދަ މީހަކު ވިހުރުވާލަނީ. (ފޮޓޯ/އޭޕީ)

އީރާން

ހޮރްމޫޒް ރަށްތަކާ ގުޅޭ ބަޔާނަށް ފަހު އީރާނުން ޗައިނާ ސަފީރު ހާޒިރުކޮށްފި

މެދުއިރުމަތީގެ ފުށުއަރާ ތިން ރަށަކާ ގުޅޭ ގޮތުން ޗައިނާ އާއި އަރަބި ގައުމުތަކެއް ގުޅިގެން ނެރުނު ބަޔާނާ ގުޅިގެން އީރާނުގައި ހުންނަވާ ޗައިނާގެ ސަފީރު އެ ގައުމުގެ ހާރިޖިއްޔާއަށް ހާޒިރުކޮށްފި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން މިދިޔަ ހުކުރު ދުވަހު ވަނީ އީރާނުގެ ވާދަވެރި ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރައްވައިފަ އެވެ. އެ ދަތުރުފުޅުގައި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ގައުމުތަކުގެ ވެރިންނާ އެކު ޝީ ވަނީ މަޝްވަރާކުރައްވައިފަ އެވެ.

އެ މަޝްވަރާތަކަށް ފަހު ވަނީ ގުޅިފައިވާ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި، އީރާނުގެ ކަންކަމާއި އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ސީދާ ގުޅުންހުރި ގިނަ މާއްދާތަކެއް ހިމެނެ އެވެ. އަދި އޭގެ ތެރޭގައި ސަރަހައްދީ ހަރަކާތްތަކެއް ހިމެނެ އެވެ.

ޗައިނާގެ ސަފީރު ހާޒިރުކުރަން ޖެހުނު މައްސަލައަކީ ގްރޭޓާ ޓުންބް، ލެސާ ޓުންބު އަދި އަބޫ މޫސާގެ މިލްކުވެރިކަމާ ގުޅިގެންނެވެ. އެ ތިން ރަށަކީ 1971 ވަނަ އަހަރުން ފެށިގެން އީރާނުގެ ބާރުގެ ދަށުގައި އޮތް ހޮރްމޫޒް ކަނޑުއޮޅިގެ ތިން ރަށެކެވެ.

އީރާނުގެ އޭރުގެ ޝާހުގެ ކަނޑުގެ ސިފައިން އެ ތިން ރަށަށް ފޮނުވީ 1971 ވަނަ އަހަރު އިނގިރޭސިން މިހާރުގެ ޔޫއޭއީ އޮތް ސަރަހައްދުތަކުން ސިފައިން ބޭލުމުންނެވެ. އޭގެ ފަހުން ޔޫއޭއީގެ ލީޑަރުން ގެންދަވަނީ އެ ރަށްތަކަކީ އެ މީހުންގެ ރަށްތަކެއް ވިދާޅުވަމުންނެވެ. އަދި އަރަބި އެހެން ގައުމުތަކުން އެ ގޮވާލުމަށް ތާއީދު ކުރެ އެވެ. އީރާނުން ވަނީ އެ ގޮވާލުންތަކާ ދެކޮޅު ހަދާފަ އެވެ.

"ބައިނަލްއަގްވާމީ ގާނޫނުތަކުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެ ގައުމުގެ ދެމެދު މަޝްވަރާތައް ކުރުމަށާއި ބައިނަލްއަގްވާމީ ސައްހަކަމާ އެއްގޮތްވާ ގޮތުގެ މަތިން މި މައްސަލަ ހައްލުކުރުމަށް" ގޮވާލާފައިވާ ބަޔާނުގައި ސޮއިކުރުމުގައި ޗައިނާއިން ވަނީ އެ ރަށްތަކުގެ އެއްވެސް މަޝްވަރާއެއް ބަލައިނުގަތުމަށް ތެހެރާނުން ގެންގުޅޭ ސްޓޭންޑް ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.

ހުޅަނގުގެ ގައުމުތަކުން ސަފީރު ހާޒިރުކުރި ކަމަށް ބުނާ ބަސްމަގާ ހިލާފަށް އީރާނުގެ ހާރިޖީ ވުޒާރާއިން ބުނީ ޗައިނާގެ ސަފީރު "ހާޒިރު" ކުރީ ނޫން ކަމަށެވެ. އަދި އެއީ "ކުށްވެރިކުރުމަށް" ނޫން ކަމަށާއި އޭގެ ބަދަލުގައި ހޮނިހިރު ދުވަހު ފޮރިން މިނިސްޓްރީގެ އޮފިޝަލަކާ އެކު ސަފީރު "ބައްދަލުވުމެއް ބޭއްވެވި" ކަމަށާއި އެ ޒިޔާރަތުގައި ތެހެރާނުގެ "ވަރުގަދަ ހިތްހަމަނުޖެހުން" ހާމަކޮށްފައިވާ ކަމަށެވެ.

ހާރިޖީ ވަޒީރު ހުސައިން އަމީރަބްދުالله ވެސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ރަށްތަކަކީ އީރާނާ ވަކިނުކުރެވޭނެ ބައިތަކެއް ކަމަށެވެ. އަދި އީރާނުގެ ސަރަހައްދު ހިމާޔަތް ކުރުމަށް ތެހެރާނުން ފަސްނުޖެހޭނެ ކަމަށެވެ.

ޗައިނާ އާއި އީރާނާ ދެމެދު 25 އަހަރުގެ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި މިދިޔަ އަހަރު ވަނީ ސޮއިކޮށްފަ އެވެ. 

މި އަހަރުގެ ކުރީކޮޅު އަމީރަބްދުالله ވިދާޅުވެފައި ވަނީ އެ އެއްބަސްވުން ތަންފީޒުކުރުމުގެ މަރުހަލާއަށް ވަދެފައިވާ ކަމަށާއި، ނަމަވެސް އެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ބޮޑު ކޮންޓްރެކްޓެއް އާންމުކޮށްފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް