ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކާލް ސްޓުމްކަ (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްގެ ބްރާންޗެއް ދޮޅު އަހަރު ތެރޭ ރާއްޖޭން ބޭރުގައި ހުޅުވަނީ

ބޭންކަށް 50 އަހަރު ވާއިރު ބޭރުގައި ދެ ބްރާންޗު ހިންގުމަކީ އަމާޒެއް ކަމަށް އެ ބޭންކުން ބުނޭ

ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ރާއްޖޭން ބޭރުގައި ހުޅުވުމަކީ އަމާޒެއް ކަމަށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކާލް ސްޓުމްކަ ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ ބޭންކުގެ 40 ވަނަ އަހަރީ ފާހަގަކުރުމަށް ރޭ ކްރޮސްރޯޑްސްގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ކާލް ވިދާޅުވީ، މިދިޔަ އަހަރު ނިމުނުއިރު ބޭންކުގެ ބޯޑުން ވަނީ މި އަހަރު ހާސިލްކުރަން ބޭނުންވާ އަމާޒުތައް ކަނޑައަޅާފައި ކަމަށެވެ. އެގޮތުން، އަމާޒަކީ ބޭންކުގެ 50 ވަނަ އަހަރީ ފާހަގަކުރާ 2032 އަންނައިރު ބޭންކުގެ ކެޕިޓަލް ބޭސް އަކީ 25 ބިލިއަން ރުފިޔާއަށް ހެދުންކަން އޭނާ ފާހަގަކުރެއްވި އެވެ.

ތަފްސީލް - ކާލް ވިދާޅުވީ ބޭންކިން ދާއިރާގައި ބީއެމްއެލްގެ މާކެޓް ޕްރެޒެންސް ފުޅާކުރަން ޖެހޭ ކަމަށާއި މި ވާދަވެރި މާކެޓުގައި ކުރިއަރައި ދިއުމަށް ރާއްޖެއިން ބޭރަށް ބޭންކުގެ ހިދުމަތް ފުޅާކުރަން ޖެހޭ ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ކުރިއަށް އޮތް 18 މަހުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވާނެ 

  • ބޭންކަށް 50 އަހަރު ވާއިރު ބޭރުގައި ދެ ބްރާންޗު ހިންގުމަކީ އަމާޒެއް

ބޭންކުގެ ސީއީއޯ އިތުރަށް ވިދާޅުވީ، އާ މާކެޓުތަކަށް ބޭންކުގެ ހިދުމަތް ފުޅާކުރުމަކީ އާމްދަނީ އިތުރުވެ، ރާއްޖެއަށް ބޭރު ފައިސާ ލިބޭނެ އިތުރު މަގަކަށް ވާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ:

  • ޓެކްނޮލަޖީއަށް އަންނަ ކުރިއެރުންތަކާ އެކު ބޭންކުގެ ހިދުމަތް ހޯދާ މީހުން ވެސް އިންޓަނެޓަށާއި ފަހުގެ ޓެކްނޮލަޖީއަށް ބަރޯސާވާ މިންވަރު އިތުރުވެފައިވޭ

  • އެ ކުރިއެރުންތަކާ އެއްވަރަށް ބޭންކުން ދޭ ހިދުމަތްތައް ފުޅާކޮށް، ކުރިއެރުވުމަކީ އަމާޒެއް

  • ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ހިދުމަތް ދިނުމުގައި ކުރިމަތިވާ މައްސަލަތައް މަދުކުރަން ޖެހޭ

  • މާކެޓުގައި ވާދަވެރިކަން އޮތްކަން ގަބޫލުކޮށް، ކަސްޓަމަރުން ބޭނުންވާ ފަދަ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދޭން ޖެހޭ

"ކަސްޓަމަރު ބޭނުންވާ ފަދަ ޕާސަނައިޒްޑް ހިދުމަތެއް، ހަލުވިކަމާ އެކު ކަސްޓަމަރުގެ ހިތްހަމަޖެހޭ ގޮތަށް ފޯރުކޮށްދެވޭތޯ ބޭންކުން ބަލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ކާލް ވަނީ ބޭންކުގެ 350،000 ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ގުޅުންހުރި ކަމެއް - މީގެ ކުރިން ވެސް ބީއެމްއެލް އިން ވަނީ ރާއްޖެއިން ބޭރުގައި، އޭޝިއާ ސަރަހައްދެއްގެ ގައުމެއްގައި އެ ބޭންކުގެ ބްރާންޗެއް ހުޅުވަން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ.

ބޭންކަށް 40 އަހަރު ހިދުމަތްކުރި މީހުންގެ އަގު ވަޒަންކުރި

ރޭގެ ހަފްލާގައި، ބޭންކު އުފެއްދުމަށް މަސައްކަތްކުރެއްވި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ކޮށްދެއްވި މަސައްކަތް ފާހަގަކޮށް އެ މަނިކުފާނަށް ހާއްސަ އެވޯޑެއް ވަނީ އަރުވައިފަ އެވެ. މީގެ އިތުރުން، ބީއެމްއެލް އުފެއްދި އިރު ޑިރެކްޓާ އޮފް ފިނޭންސްގެ މަގާމުގައި ހުންނަވައިގެން ބޭންކު އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވި އިސްމާއިލް ފަތުހީގެ ހިދުމަތުގެ އަގު ވަޒަންކޮށް އޭނާގެ ހަނދާނަށް ވެސް ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ.

  • ބޭންކަށް 40 އަހަރު ހިދުމަތް ކުރި މުވައްޒަފުންނަށް ހަނދާނީ އެވޯޑު ދެނީ. (ފޮޓޯ/ބީއެމްއެލް)
  • ބޭންކަށް 40 އަހަރު ހިދުމަތް ކުރި މުވައްޒަފުންނަށް ހަނދާނީ އެވޯޑު ދެނީ. (ފޮޓޯ/ބީއެމްއެލް)
  • ބޭންކަށް 40 އަހަރު ހިދުމަތް ކުރި މުވައްޒަފުންނަށް ހަނދާނީ އެވޯޑު ދެނީ. (ފޮޓޯ/ބީއެމްއެލް)

ބޭންކު އުފެއްދީއްސުރެ މިއަދާ ހަމައަށް ބޭންކުގެ ހިދުމަތުގައި ތިބި ތިން މުވައްޒަފަކަށް ވެސް ރޭ ވަނީ އެވޯޑު ދީފަ އެވެ. އެ ބޭފުޅުންނަކީ:

  • އާއިޝަތު ނޫރައްދީން - މިހާރު ހުންނެވީ ބޭންކުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި

  • ފާތިމަތު މަނިކެ - ޑިވެލޮޕްމެންޓް ބޭންކިން މެނޭޖަރު

  • މޫސާ މުހައްމަދު - ސީނިއާ ފެސިލިޓީސް އޮފިސަރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް