ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ބައްދަލުކުރެއްވުން؛ ނިއު ދިއްލީ، އިންޑިއާ، 1 އޯގަސްޓް 2022 (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

ރައީސް ދިއްލީގައި: ދެއްވީ 'އިންޑިއާ ފަސްޓް ޕޮލިސީ' ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން

ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދެއްކެވި
1 އޯގަސްޓު 2022

ރާއްޖޭން އަބަދުވެސް 'އިންޑިއާ ފަސްޓް ޕޮލިސީ' ދަމަހައްޓާނެ ކަމުގެ ޔަގީންކަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރަށް ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސް މިވަގުތު ހުންނެވީ އިންޑިއާގެ ވެރި ރަށް، ނިއު ދިއްލީގަ އެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. 

ތަފްސީލް - އެ ދަތުރުފުޅުގައި ރައީސް ސޯލިހުގެ އަރިހަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު ވަނީ މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ. 

މިއަދު ހަވީރު ނިއުދިއްލީގެ ހޮޓެލް އައިޓީސީ މައުރިޔާގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި،  ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެ ބޭފުޅުން ވަނީ ވާހަކަދައްކަވައިފަ އެވެ. ހަމައެއާ އެކު:

  • ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވާހަކަދެއްކެވި

  • އިންޑިއާގެ އެހީގައި މިހާރު ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި 

  • އެގޮތުން، ގްރޭޓާ މާލެ ކަނެކްޓްވިޓީ ބުރިޖާއި ހައުސިން މަޝްރޫއުތަކާއި، އައްޑޫ ސިޓީގައި އަޅާފައިވާ ޕޮލިސް އެކަޑަމީގެ މަޝްރޫއުގެ އިތުރުން ބައެއް އެހެން މަޝްރޫއުތައްވެސް ހިމެނޭ

ބުނީ ކީކޭ؟ - ރައީސް އޮފީހުން ބުނީ ޖަޔަޝަންކަރު ދެއްކެވި ވާހަކައިގައި، ރާއްޖޭގައި އިންޑިއާގެ އެހީގައި މިހާރު ވެސް މަޝްރޫއުތައް ބާރަށް ހިނގަމުންދާކަން ފާހަގަކުރައްވައި، އެމަޝްރޫއުތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"އަދި އެމަނިކުފާނު ވަނީ އިންޑިއާ ފަސްޓް ޕޮލިސީ ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމުގެ ޔަގީންކަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރަށް ދެއްވާފައި." ރައީސް އޮފީހުން ބުންޏެވެ.

އެނގުން މުހިންމު - ރައީސްގެ މި ދަތުރުފުޅުގައި، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ގްރޭޓާ މާލެ ބްރިޖު ޕްރޮޖެކްޓްގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދު އަޅާ ބްރިޖުގެ އަމަލީ މަސައްކަތް ފަށަން ވަނީ ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް