ރާއްޖޭގައި ފުރަތަމަ ބޭއްވި ބާ އިމްތިހާނުގެ ބައިވެރިން. މި އިމްތިހާނުގައި ބައިވެރިވި ފަރާތްތަކުގެ %68 ވަނީ ފާސްވެފައި (ފޮޓޯ/ ބާ ކައުންސިލް)

ބާ ކައުންސިލް

ރާއްޖޭގައި ފުރަތަމަ ބޭއްވި ބާ އިމްތިހާނުން %68 ބައިވެރިން ފާސްވެއްޖެ

މި އިމްތިހާނުގައި ބައިވެރިވީ ފުރަތަމަ ފަހަރަށް އެ އިމްތިހާނު ހެދި ދަރިވަރުން
22 ޖެނުއަރީ 2023

ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހޯދުމަށް ފުރިހަމަ ކުރަން ޖެހޭ ބާ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ %68 ފާސްވެއްޖެ އެވެ.

ވީ ކިހިނެއް؟ -  ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބާ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފެށިކަން އިއުލާނުކޮށް މިއަދު ބާ ކައުންސިލުން ވަނީ އެކަމާ ގުޅޭ ބައެއް މައުލޫމާތު ހާމަކޮށްފަ އެވެ. އެގޮތުން:

  • ހުރިހާ ދަރިވަރުންނަށް ލިބުނު އެވަރެޖް މާކްސް އަކީ %66

  • ޓޮޕް އެޗީވާޒް ލިސްޓުގައި 18 ދަރިވަރުން ހިމެނުނު

  • އެންމެ ރަނގަޅު ނަތީޖާ ލިބުނު ދަރިވަރުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީ، ޔުނިވަސިޓީ އޮފް ލަންޑަން، އަދި ވިލާ ކޮލެޖުން ކިޔަވައިގެން އިމްތިހާނުގައި ބައިވެރިވި ދަރިވަރުން

މުޅި އިމްތިހާނުން އެންމެ މަތީ މާކްސް ލިބުނު ދަރިވަރުންގެ ތެރޭގައި އެއްވަރަކަށް މާކްސް ލިބިގެން ތިން ދަރިވަރުން ހިމެނިފައިވެ އެވެ. އެއީ:

  • މުހައްމަދު އަރްޒަން އާސިފް، ޔުނިވަސިޓީ އޮފް ލަންޑަން

  • ހުސައިން ޒަމީލް، ޔުނިވަސިޓީ އޮފް ލަންޑަން

  • އިޝާގް ހުސައިން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ

ބުނީ ކީކޭ؟ - އަންނަ މަހު 20ގައި ބާއްވަން ހަމަޖެހިފައިވާ 'ބާ އެޑްމިޝަންސް ސެރެމަނީ'ގައި އިމްތިހާނުން މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ޝަރަފު އެރުވުން އޮންނާނެ ކަމަށް ނޫސް ބަޔާނުގައިވެ އެވެ. އަދި ރާއްޖޭގައި ބޭއްވި ފުރަތަމަ ބާ އިމްތިހާނުން ފާސްވެގެން ލައިސަންސް ހޯދާފައިވާ ގާނޫނީ ވަކީލުންނަށް ހޫނު މަރުހަބާއެއް ކިޔަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކައުންސިލުން ބުންޏެވެ.

އިމްތިހާނުގެ ފެންވަރު ހިފެހެއްޓުމާއި އިމްތިހާނު ބޭއްވުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންނާއި މާހިރުންނަށް ބާ ކައުންސިލުން ޝުކުރު އަދާކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް