އެންމެ ފަހުގެ އޭޝިއަން ކަޕް ޗެމްޕިއަން ގަތަރުން ތަށި އުފުލާލަނީ.

ފުޓްބޯޅަ

ކޮވިޑުގެ ސަބަބުން އޭޝިއަން ކަޕް ބޭއްވޭކަށް ނެތް: ޗައިނާ

މުބާރާތް ދެން ބާއްވާނެ ގައުމެއް އަދި ނޭނގޭ

ކޮވިޑުގެ ހާލަތާ ގުޅިގެން ޗައިނާ އިން އަންނަ އަހަރުގެ އޭޝިއަން ކަޕް ބޭއްވުމުގެ ފުރުސަތު ދޫކޮށްލައިފި އެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބާއްވަން ރާވާފައި އޮތީ ޗައިނާގެ 10 ސިޓީއެއްގައި އަންނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 އަށެވެ.

އޭއެފްސީން ބުނީ ޗައިނީސް ފުޓްބޯޅަ އެސޯސިއޭޝަނާ ކުރެވުނު މަޝްވަރާތަކަށް ފަހު، މުބާރާތް ބޭއްވެން ނެތް ކަން އެ އެސޯސިއޭޝަނުން އަންގާފައިވާ ކަމަށެވެ. އަދި ޗައިނާ އަށް މުބާރާތް ނުބޭއްވެން ދިމާވި ކޮވިޑުގެ ހާލަތު ބަލައިގަންނަ ކަމަށް ވެސް އޭއެފްސީން ބުންޏެވެ.

މުބާރާތް ދެން ބާއްވާނެ ގައުމެއް ހޮވާނީ އަލުން ބިޑަކަށް ހުޅުވާލައިގެން ކަމެއް ނުވަތަ އޭއެފްސީން އިހުތިޔާރުކުރާ ގައުމަކަށް އެ ފުރުސަތު ދޭނީ ކަމެއް އަދި ނޭނގެ އެވެ.

ޗައިނާ އިން ވަނީ އެ ގައުމުގެ ހަންޒޫގައި ސެޕްޓެމްބަރު މަހު ބާއްވަން ތާވަލުކޮށްފައި އޮތް އޭޝިއަން ގޭމްސް ވެސް ކޮވިޑުގެ ސަބަބުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

ޗައިނާ އަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ފުރަތަމަ ކޮވިޑް ފެނުނު ގައުމެވެ. އެކަމަކު އެ ގައުމުން ކުރީކޮޅު ބަލި ކޮންޓްރޯލްކުރި އެވެ.

ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން މި ބައްޔަށް ދެނީ ޒީރޯ ޓޮލަރެންސް އެވެ. އެހެންވެ ކޮވިޑް އަނެއްކާ ވެސް ފެތުރެން ފެށުމުން ވަރަށް ބޮޑަށް ފިޔަވަޅުތައް ވަރުގަދަކުރީ އެވެ.

އޭރު އޯގަނައިޒަރުން ބުނަމުން އައީ ގޭމްސް ބާއްވަން ރާވަނީ، ބެއިޖިން ވިންޓާ އޮލިމްޕިކްސްގެ ތަޖުރިބާ އިން ދަސްކޮށްގެން ވައިރަސް ކޮންޓްރޯލް ޕްލޭނެއްގެ ދަށުން ކަމަށެވެ. މި އަހަރުގެ ފެބްރުއަރީ މަހު އެ ގޭމްސް ބޭއްވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށްގެންނެވެ.

ކޮވިޑުގެ ސަބަބުން މެދުކަނޑާލި ކުޅިވަރު ހަރަކާތްތައް މިހާރު އަންނަނީ ބާއްވަމުންނެވެ. އަދި ގިނަ ގައުމުތަކުން ހަރަކާތްތައް ބާއްވަނީ ސަޕޯޓަރުން ވެސް ވައްދައިގެންނެވެ. އެކަމަކު ޗައިނާގެ ވިސްނުން ތަފާތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް