އަންހެނުންނަށް ކުރާ ތަފާތުތަކާ ބެހޭ އދ.ގެ ވޯކިން ގްރޫޕުން ރާއްޖެއަށް ކުރި ދަތުރާ ގުޅޭ ގޮތުން 22 ސެޕްޓެމްބަރު 2022 ވަނަ ދުވަހު ސޮލައިޓް ރެސްޓޯރަންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ދީނީ ހަރުކަށި ފިކުރާ ހެދި ރާއްޖޭގައި އަންހެނުންގެ ހައްގުތައް ވަނީ ހަނިވެފައި: އދ

އަންހެނުންނާއި އަންހެންކުދިންނާ މެދު ތަފާތު ކުރުމާ ބެހޭ މައްސަލަތަކާ ގުޅޭ ގޮތުން އުފައްދާފައިވާ އދ ގެ ވޯކިން ގްރޫޕުން ބުނީ ރާއްޖެ އޮތީ ނާޒުގު ހިސާބެއްގައި ކަމަށް
22 ސެޕްޓެމްބަރު 2022

ރާއްޖޭގައި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ހިމާޔަތް ކުރަން އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ދީނީ ހައްދުފަހަނައެޅުން ކަމަށް ރާއްޖެއަށް ޒިޔާރަތްކުރި މިންތީގެ ތަފާތުކުރުމާ ބެހޭ އދ. ގެ ވޯކިން ގްރޫޕުން މިއަދު ބުނެފި އެވެ.

ބުނީ ކީކޭ؟ - އެ ގްރޫޕުން ރާއްޖެއަށް ކުރި 12 ދުވަހުގެ ދަތުރު ނިއްމާލެއްވުމަށް ފަހު މިއަދު ސޯލްޓް ރެސްޓޯރަންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވޯކިން ގްރޫޕްގެ ޗެއާ މެލިސާ އުޕްރެޓީ ވިދާޅުވީ ރާއްޖެ ގައުމެއްގެ ގޮތުގައި ތަރައްގީވާން ބޭނުން ނަމަ އަންހެނުންނާއި މެދު މުޖުތަމައު ދެކޭ ގޮތް އަދިވެސް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި އަންހެނުން ދަށުދަރަޖައިގެ ރޯލްތަކުގައި ބޭތިއްބުމުގެ ބަދަލުގައި އެމީހުންގެ ގާބިލްކަން ފުރިހަމައަށް ބޭނުންކުރުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމަށް ރާއްޖެއިން ގާނޫނާއި ސިޔާސަތު އެކުލަވާލުމުގައި ކުރަމުންދާ މަސައްކަތަށް މަރުހަބާ ކިޔަން. އެ ގާނޫނުތަކާއި ސިޔާސަތުތައް އަމަލީ ގޮތުން ތަންފީޒު ކުރެވޭތަން ދެކެން ބޭނުންވޭ،" އުޕްރެޓީ ވިދާޅުވި އެވެ.

ތަފްސީލް - އދ. ގެ ވޯކިން ގްރޫޕުން އިތުރަށް އަލިއަޅުވާލި ކަންކަމަކީ:

  • ރާއްޖެއަކީ އެއްޒަމާނެއްގައި އަންހެނުން ވެރިކަންކޮށް، އިޖުތިމާއީ ގޮތުން ބާރުވެރި މަގާމުތައް ފުރާފައިވާ ގައުމެއް. މިފަދަ މަގާމުތަކުން އަންހެނުން ފެނުން މަދުވީ ދީނީ ހަރުކަށިކަމުގެ ސަބަބުން

  • ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އިންސާފާއި ފަރުވާ ހޯދުމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވެ، ކުށްކުރާ ފަރާތްތަކަށް އަދަބު ނުލިބޭ 

  • ޓޫރިޒަމް އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފަރުމާކޮށް، ތަންފީޒުކުރާއިރު އަންހެނުންނާއި އަންހެންކުދިންގެ ބައިވެރިވުމެއް ނުހިމެނޭ

  • ރާއްޖޭގައި ގެންގުޅޭ ނުރަނގަޅު ވިސްނުންތަކުގެ ސަބަބުން ހަމަހަމަކަމާއި، މިނިވަންކަމާއި، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާ ދެކޮޅަށް ތެދުވަން ހިތްވަރު ލިބޭ

  • އަންހެނުންގެ އިންސާނި ހައްގުތަކަށް ވަކާލާތު ކުރާ މީހުން ޓާގެޓް ކުރެވި، އެފަދަ ފަރާތްތަކުން މިސޯޖިނިސްޓިކް، އަދި ސެކްސިސްޓް ބަހުގެ ހަމަލާތަކާ ކުރިމަތިލާން ޖެހޭ

މިކަންކަން ހައްލު ކުރުމުގެ މުހިއްމުކަން ފާހަގަކޮށް، މައްސަލަތަކުގެ އަސްލު ދެނެގަނެ، މިންތީގެ ތަފާތުކުރުން ކުރިމަތިވާ ސަބަބުތައް ހޯދާ، އަންހެނުންގެ ހައްްގުތައް ކަށަވަރުކޮށްދިނުމަށް އދ. ގެ އެ ވަފުދުން ސަރުކާރަށް ގޮވާލި އެވެ. އަދި ބޭރު ދުނިޔޭގައި ރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ވާހަކަ ދައްކާ އުސޫލުން އަންހެނުންނަށް ކުރިމަތިވެފައިވާ މިންތީގެ ތަފާތުކުރުމާއި، އަންހެނުންގެ ހައްގުތަކުގެ ވާހަކަ ދެއްކުމަށް ވެސް ގޮވާލި އެވެ.

އަންހެނުންނާއި އަންހެންކުދިންނަށް ލިބޭ އަނިޔާ ހުއްޓުވުމަށް މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރަންވީ ކޮންކަމެއްތޯ'ދައުރު'އިން ކުރި ސުވާލަށް ޖަވާބުދެމުން މެލިސާ ވިދާޅުވީ:

  • އަންހެނުންގެ އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރުމުގެ ނިޒާމު ލާ މަރުކަޒީ ކުރުން

  • ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށްވެސް އިންސާފު ހޯދަން މަސައްކަތް ކުރެވޭނެ ފަސޭހަގޮތެއް ހޯދައިދިނުން އަދި، 

  • މައްސަލަތައް ތަހުގީގު ކުރާ ކޭސްވޯކަރުން އިތުރުކޮށް، އެހީތެރިކަން ފޯރުކޮށްދެވޭނެ ގާބިލްކަން އިތުރު ކުރުން

އެނގުން މުހިއްމު - އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން 2011 ގައި އުފައްދާފައިވާ އަންހެނުންނާއި އަންހެންކުދިންނާ މެދު ތަފާތު ކުރުމުގެ މައްސަލަތަކާ ގުޅޭ ވޯކިން ގްރޫޕަކީ އަންހެނުންނާ މެދު ތަފާތުކުރާ ގާނޫނުތައް ނައްތާލައި އަންހެނުން ބާރުވެރި ކުރުވޭނެ ގޮތްތަކާބެހޭގޮތުން ލަފާ ދޭ ގްރޫޕެކެވެ. ގައުމުތަކުގެ ސަރުކާރާއެކު މަސައްކަތްކޮށް އަންހެނުންގެ ހައްގުތައް ކަށަވަރުކުރަން ހިއްވަރުދިނުމަކީ މި ގްރޫޕްގެ މުހިއްމު މަސައްކަތެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް