މެސީ، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާ އެކު ވޯލްޑް ކަޕް ތައްޓަށް ދޮނެއް ދެނީ

މެސީ އެންމެ ފަހުން އޭނާގެ ބޮޑު ހުވަފެން ވެސް ހަގީގަތަކަށް

މެސީއަކީ ހަމައެކަނި ބޯޅައިގެ ހުނަރުގެ ނަމޫނާއެއް ނޫން، އޭނާ ދުނިޔެއަށް ދެއްކީ ކެތްތެރިކަމުގެ ވެސް ނަމޫނާ
18 ޑިސެމްބަރު 2022
1

އެތައް މިލިއަން ބައެއްގެ ހިތްހަމަޖައްސިދިނެވެ. ފޫހިފިލުވައިދިނެވެ. ދަނޑެއްގައި ބޯޅައާ އެކު އިންސާނަކަށް މިހާތަނަށް ހެދެން ހުރި ހުރިހާ މޮޅު އުކުޅުތަކެއް، ތަމްސީލްކުރި އެވެ. އެކަމަކު މިރެއާ ހަމައަށް އާޖެންޓީނާގެ ލިއޮނެލް މެސީއަށް އޭނާގެ އެ ވިދުން ގަދަ ހަޔާތުގައި ނުލިބި އޮތީ ވޯލްޑް ކަޕްގެ ތަށި އެކަންޏެވެ.

އޭނާގެ އެންމެ ފަހު ވޯލްޑް ކަޕްގައި އެ އުނިކަން ފިލުވައިލުމަކީ މެސީގެ މުޅި ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީ އެވެ. މެޗުގައި ފްރާންސް ކޮޅަށް ދެ ލަނޑު ޖަހައި، އޭގެ ފަހުން ޕެނެލްޓީ ބުރުގައި ވެސް ޕެނެލްޓީ ކާމިޔާބުކޮށް، އޭނާގެ އެ ހުވަފެން ހަގީގަތަކަށް ހަދާލި ގޮތް، އެތައް ބިލިއަން ބަޔަކު ބެލީ، އުފަލުންނެވެ. 

މިއީ އާދަޔާ ހިލާފު ފައިނަލް މެޗެއްގައި، އާދަޔާ ހިލާފު ކުޅުންތެރިޔަކަށް ލިބުނު އާދަޔާ ހިލާފު ކާމިޔާބީއެކެވެ.

ދެ ފަހަރަށް އާޖެންޓީނާއިން ކުރި ހޯދި އެވެ. އަދި ދެ ފަހަރަށް ފްރާންސުން އެއްވަރުކުރި އެވެ. އިތުރު ވަގުތުގެ ދެ ހާފުގައި 3-3 އިން އެއްވަރުވުމުން، ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެން 4-2 އިންނެވެ.

މެސީއަކީ، އެއްވެސް ޝައްކެއް ނެތި އެނގޭ ގޮތުގައި، އާޖެންޓީނާގެ މި ކާމިޔާބީގެ އާރުކާޓީ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަކީ އޭގެ ހެއްކެވެ.

މިހާތަނަށް ފަސް ވޯލްޑް ކަޕްގައި ކުޅުނު މެސީގެ ފުޓްބޯޅައިގެ ހަޔާތް މިހާ ބޮޑު އުފަލެއްގައި ނިންމާލަން ލިބުމަކީ ވެސް އޭނާގެ ކެތްތެރިކަމާއި އުއްމީދުގައި ކުލަ ޖައްސަން ކުރި މަސައްކަތުގެ ނަތީޖާ އެވެ.

އެކަމަކު މިރޭގެ މެޗުގެ 75 މިނިޓާ ހަމައަށް ވިދުން ނެތް ފްރާންސްގެ ޒުވާން ފޯވަޑް ކީލިއަން އެމްބާޕޭ، އާދަޔާ ހިލާފު ގޮތަކަށް މެޗުގައި ފެންނަން ފެށުމާ އެކު މެސީގެ އަތުން އެ އުފާވެރިކަން ޖަހައިގެންފާނެ ކަމަށް ބެލެވުނެވެ. އެމްބާޕޭ ހެދި ހެޓްރިކާ އެކު، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް އޭނާ ވެ، ރަން ބޫޓު ޔަގީންކުރި އެވެ. މެސީގެ އަދަދަކީ ހަތެކެވެ.

ނަމަވެސް މެސީގެ ފުޓްބޯޅައިގެ ފުރާނަ ގެއްލޭ ގޮތެއް ނުވި އެވެ.

މެސީއަކީ ދަނޑު މަތީގައި ހަމަޖެހިގެން ހުރިހާ ކަމެއް ކުރުމުގެ ނަމޫނާ އެވެ. އެމްބާޕޭ އޭނާ ސިފަކުރީ ވެސް އެހެންނެވެ. މީގެ ތިން މަސް ކުރިން ނިއު ޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނީ މެސީއަށް ވުރެ ހަމަޖެހިފައި ހުންނަ ކުޅުންތެރިޔަކު އޭނާ ނުދެކޭ ކަމަށެވެ.

ކްއާޓާ ފައިނަލްގައި އާޖެންޓީނާގެ މެސީ (10) ހުއްޓުވަން ނެދެލެންޑްސްގެ ފްރޭންކީ ޑި ޔޯން މަސައްކަތްކުރަނީ: އެއްވެސް މީހަކަށް އޭނާ ނުހުއްޓުވުނު

"މެސީ އަބަދުވެސް ހުންނާނީ ހަމަޖެހިފައި،" އޭނާ ބުންޏެވެ.

"ބޯޅައާ އެކު ވެސް ހަމަޖެހިފައި، ޝޫޓް ކުރުމުގެ ކުރިން ވެސް ހަމަޖެހިފައި. އޭނާ ކުރާ ކޮންމެ ކަމެއް ވެސް އޮންނަނީ ކޮންޓްރޯލްގެ ދަށުގައި."

ދަނޑުމަތިގައި އެއްވެސް ޕްރެޝަރެއް އޮވެގެން މެސީ ނޫޅޭކަން، އެމްބާޕޭ ފާހަގަކުރި އެވެ. ކުޅިބަލާ މީހުންނާއި ސަޕޯޓަރުން ކޮންމެ ކަހަލަ ގޮތަކަށް ހަޅޭއްލެވިޔަސް މެޗެއްގައި އޭނާގެ ކަންބޮޑުވުމެއް ނޯވެ އެވެ. އެހެންކަމުން ރަނގަޅު ވަގުތު، ރަނގަޅު ނިންމުން ނިންމާލުމަކީ، މެސީގެ ހާއްސަ ސިފަ އެވެ.

މިރޭ އެ ފެނުނީ އެ މަންޒަރެވެ. އެންމެ ފަހަރަކު ވެސް ހާސްވެގެން، ތެޅިގަނެގެންނެއް ނޫޅެ އެވެ. މެޗުގެ 23 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކީ ޔަގީނުން ވެސް އޭނާގެ މުޅި ހަޔާތުގެ އެންމެ މުހިންމު، އެންމެ ޕްރެޝަރު ވެސް ބޮޑު އެއް ވަގުތުކޮޅެވެ. ނަމަވެސް ފްރާންސްގެ ތަޖުރިބާކާރު ކީޕަރު ހޫގޯ ލޮރިސްއަށް އެ ބޯޅައާ ދިމާއަށް ފައި ވެސް، އަތް ވެސް ދިއްކުރެވޭ ގޮތެއް ނުވި އެވެ. ގޯލަކަށް ހަދާލީ ލޮރިސް އަނެއްކޮޅަށް ހަރަކާތްކުރުވައިފަ އެވެ.

މުބާރާތުގައި އާޖެންޓީނާބަލި ސައުދީ އަރަބިއްޔާ މެޗުގައި ސައުދީ ކޮޅަށް ލަނޑު ޖެހުމަށް ފަހު މެސީ އުފާ ފާޅުކުރަނީ (ފޮޓޯ/އޭއެފްޕީ)

ފައިނަލް މެޗުގެ ކުރިން މެސީ ބުނެފައި ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އެހެންކަމުން މި ފަހަރުގެ ފައިނަލް ވާނީ އޭނާއަށް އެންމެ ބޮޑު އުފަލަށް ކަމަށް ވެސް ބުންޏެވެ.

"މި ވޯލްޑް ކަޕްގެ ކޮންމެ ކަމެއް ގުޅިފައި އޮތީ ޖަޒުބާތާ،" މެސީ ބުންޏެވެ.

ދެން އޮތް ވޯލްޑް ކަޕް އަންނަން އެތައް އަހަރެއް އޮތް ކަން ފާހަގަކުރަމުން އޭނާ ބުނީ "އެހާ ހިސާބަށް އަހަންނަށް ދެވޭނެ ކަމަށް ނުފެންނަ" ކަމަށެވެ.

"އެހެންކަމުން މި މުބާރާތް މި ގޮތަށް ނިންމާލުމަކީ [ފައިނަލަށް ދިއުމަކީ] ވަރަށް ބޮޑު މޮޅެއް،" މެސީ ބުންޏެވެ.

އެ މޮޅު މިރޭ އޭނާ ހޯދައިފި އެވެ. އޭނާގެ ފުޓްބޯޅައިގެ ދުނިޔެ ފުރިހަމަކޮށްފި އެވެ.

ކޮމެންޓް (1)

އަބްދުﷲ

19 ޑިސެމްބަރު 2022
މަރުހަބާ މެސީ، މަރުހަބާ މޫސަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް