Majlis 2024

އާޓިފިޝަލް ބީޗްގައި މިއަދު ހަވީރު އޮންނަ ޕޮޕްއަޕް އިވެންޓް އިންތިޒާމް ކުރާ އާމިނަތު މަފްތޫހާ (ކ) އާއި އާމިނަތު ޝަރީހާން (މ) އަދި އިވެންޓްގައި ބައިވެރިވާ ރިޒްފާ ރިޒާ (ދައުރު ފޮޓޯ)

ކުޑަކުދިން

ކުޑަކުދިންގެ ފޮތް ވިއްކާ މީހުންގެ ޕޮޕްއަޕް މިއަދު

ތަކެތި އަދި މާހީމާހީ ބުކްސް އިން އިންތިޒާމްކުރާ އިވެންޓުގައި، ކުޑަކުދިންގެ ވާހަކަ ފޮތް ލިޔާ 8 ލިޔުންތެރިޔަކު ބައިވެރިވާނެ
27 ޖެނުއަރީ 2023

މުހިންމު ނުކުތާތައް

ތަކެތިން އަލަށް ނެރޭ 'ހެދުން ވެދުން' މިއަދު ލޯންޗް ކުރާނެ

'ދޮންކަލޯދޫނި'ގެ ލިޔުންތެރިޔާ މަފްތޫހާގެ ދެ ފޮތެއް ވެސް ނެރޭނެ

ލިޔުންތެރިޔާ ރިޒްފާ ގެނެސްދެނީ ބުޅަލެއްގެ ހަނދާނުގައި ނެރޭ ހާއްސަ ފޮތެއް

ކޮންމެ ދުވަހަކީ ވެސް ފޮތެއް ގަނެލައިގެން އެ ކިޔާލަން ދަރިންނަށް ދޭން ރަނގަޅު ދުވަހެކެވެ. މިއަދު ވަކިން ހާއްސަ އެވެ. ކުޑަކުދިންނަށް އަމާޒުކޮށްގެން ފޮތް އުފައްދައި ބާޒަރަށް ނެރުމުގައި ހަރަކާތްތެރިވާ ޒުވާން އަށް ލިޔުންތެރިޔަކު އެމީހުންގެ ފޮތްތައް ވިއްކުމަށް މިއަދު ހާއްސަ އިވެންޓެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ތަކެތި އަދި މާހީމާހީ ބުކްސް އިން މިއަދު ހަވީރު 4-6 އަށް އާޓިފިޝަލް ބީޗުގައި ބާއްވާ ޕޮޕްއަޕް ޝޮޕްގައި، މި ޖީލުގެ ކުދިން ޝައުގުވެރިވާ ގޮތަށް ލިޔެފައިވާ ގިނަ އަދަދެއްގެ ދިވެހި ފޮތްތައް ވިއްކަން ހުންނާނެ ކަމަށް އިންތިޒާމްކުރާ ފަރާތްތަކުން ބުނެ އެވެ. މީގެ އިތުރުން، ފޮތިން ފަހާފައި، ފަސޭހައިން ބޭނުންކުރެވޭ އަދި ކޮންމެ ތަނަކަށް ވެސް ގެންދެވޭ ގޮތަށް އޮޅާލާފައި ހުންނަ ޕެންސިލް ކޭސްތަކެއް ވިއްކާ ފަރާތަކާއި ކާބޯތަކެތި ވިއްކާ ދެ ބަޔަކު ކަމުގައިވާ، ފޮނިތޮށި.އެމްވީ އަދި މަންޗީސްއެމްވީ އިން ވެސް މި އިވެންޓުގައި ބައިވެރިވާނެ އެވެ.

ތަކެތިން ޕޮޕްއަޕްއާ ގުޅޭގޮތުން ފޭސްބުކްގައި ޝާއިއު ކޮށްފައިވާ ޕޯސްޓެއް

"މައިގަނޑު ގޮތެއްގައި އިވެންޓްގައި ބައިވެރިވާ ކުދި ވިޔަފާރިވެރިންނަކީ އަންހެނުން. އެމީހުންގެ އުފެއްދުންތައް ވިއްކުމަށް މި އިވެންޓް މި ބާއްވަނީ. މިއީ މި އަހަރު ތަކެތި ބައިވެރިވާ އަދި އިންތިޒާމް ކުރާ ފުރަތަމަ ޕޮޕްއަޕް ޝޮޕް،" ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޮޕްއަޕް ޝޮޕް ބާއްވަން ފެށި ބްރޭންޑް، ތަކެތިގެ ވެރިޔާ އާމިނަތު ޝަރީހާން ބުންޏެވެ.

ދިވެހި ވާހަކަ ފޮތާއި އެހެނިހެން ސާމާނު ވިއްކާ ތަކެތިގެ ވެރިފަރާތް އާމިނަތު ޝަރީހާން (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

މި ޕޮޕްއަޕް ހާއްސަވާ ކަމަކީ ދިވެހި ބަހުން ލިޔެ، ކުޑަކުދިން ޝައުގުވެރިވާ ގޮތަށް ތައްޔާރުކޮށް އަލަށް ނެރޭ ފޮތްތަކެއް ވެސް ގަންނަން ލިބޭނެތީ އެވެ.

ތަކެތިގެ އާ ދެ އުފެއްދުމެއް

ކުޑަކުދިންނަށް އަމާޒުކޮށްގެން ފޮތުގެ އިތުރުން އެހެނިހެން ބާވަތްތައް ވެސް ވިއްކައި އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ތަކެތިގެ މުޅިން އާ ދެ ޕްރޮޑަކެޓެއް ޕޮޕްއަޕްގައި ލޯންޗް ކުރާނެ ކަމުގައި ޝަރީހާން ބުންޏެވެ.

ތަކެތިން ބޭއްވި ޕޮޕްއަޕް ޝޮޕެއްގައި، ޝަރީހާން އޭނާގެ ޕްރޮޑަކްޓްތައް ކައިރީ ހުއްޓިލައިގެން

އިވެންޓްގައި ތަކެތިގެ ފަރާތުން އަލަށް ނެރެނީ 'ކުދިކުދި ވާހަކަ' އާއި ދިވެހިވަންތަ ސަގާފީ ހެދުން ދައްކާލާ ޕޭޕާ ޑޯލްތަކެކެވެ.

'ކުދިކުދި ވާހަކަ' އަކީ ޝަރީހާން ލިޔެ ފާތިމަތު ހަމްނާ ކުރަހާފައިވާ ފޮތެކެވެ.

'ކުދިކުދި ވާހަކަ' އަކީ އަލަށް ކިޔަން ފަށައިގަންނަ ކުދިންނަށް އަމާޒުކޮށް ޝަރީހާން ލިޔެފައިވާ ފޮތެއް
މި ފޮތުގެ ކުރެހުންތައް ތައްޔާރުކޮށްފައިވަނީ ފާތިމަތު ހަމްނާ

"'ކުދިކުދި ވާހަކަ' އަކީ ކިޔަން ފަށައިގަންނަ ކުދިންނަށް ކިޔާލެވޭ މިނީ ސްޓޯރީސް ހިމެނޭ ސީރީސްއެެއް،" ޝަރީހާން ބުންޏެވެ.

މުޅިން އަލަށް ތަފާތު ކޮންސެޕްޓަކަށް ދެން ނެރެނީ ޕޭޕާ ޑޯލްސް ގޮތަށް އުފައްދާފައިވާ ގޭމެއް. ތާސްބައެއްގެ ސައިޒުގެ ކާޑުތަކުން ދިވެހި ސަގާފީ ހެދުންތައް ލޭބަލްކޮށްފައި ހުންނާނީ ޑޯލްސް އަށް އެ ހެދުން ލެއްވޭ ގޮތަށް."

'ހެދުން ވެދުން' އަކީ ތަކެތިގެ ފަރާތުން މުޅިން އަލަށް ނެރޭ އުފެއްދުމެއް
މި ގޭމުގެ ކުރެހުންތައް ތައްޔާރުކޮށްފައިވަނީ އީމާން ރަޝީދު

ކުދިންނަށް މި ގޭމުން މަޖާ ގޮތަކަށް އަދި ކުޅުމުގެ ތެރެއިން ދިވެހި ސަގާފީ ހެދުންތައް ދަސްވެގެންދާނެ އެވެ. މި ގޭމްގެ ކުރެހުންތައް ތައްޔާރުކޮށްފައިވަނީ އީމާން ރަޝީދު އެވެ.

މާހީމާހީ ބުކްސް

މަފްތޫހާ މިއަދު ހަވީރު ލޯންޗް ކުރާ ދެ ފޮތް ދައްކާލަނީ (ފޮޓޯ/އަބްދުﷲ އިޔާން)

ކުޑަކުދިންގެ މެދުގައި މަޝްހޫރުކަން ހޯދާފައިވާ 'ދޮންކަލޯދޫނި'ގެ ލިޔުންތެރިޔާ އަދި މާހިމާހީ ބުކްސްގެ ވެރިޔާ އާމިނަތު މަފްތޫހާ ބުނިގޮތުގައި އޭނާ ލިޔެފައިވާ  އާ ދެ ފޮތެއް ޕޮޕްއަޕްގައި ލޯންޗް ކުރާނެ އެވެ.

'ދަރިފުޅު ނިދާލާ އަވަހަށް ނިދާލާ' މިއީ އެއް ފޮތެވެ. ފޮތުގެ ކުރެހުންތައް ތައްޔާރުކުރީ އާމިނަތު ނިލޭޝާ (ތޮއްތޮ) އެވެ. ފޮތުގައި ހިމެނެނީ ކުޑައިރުއްސުރެ އޭނާއަށް އަޑުއިވޭ ނާނާއެއް ކަމުގައި މަފްތޫހާ ބުންޏެވެ.

"އަޅުގަނޑު ކުޑައިރު މަންމަމެން ކިޔައިދޭ ނާނާއެއް މިއީ. އެކަމަކު ކުޑަކޮށް ބަދަލުކޮށްލާފައި އަޅުގަނޑުގެ ދަރިންނަށް ކިޔައިދޭ ވާޝަން ފޮތެއްގެ ގޮތުގައި މި ނެރުނީ،" އޭނާ ބުންޏެވެ.

'ދަރިފުޅާ ނިދާލާ އަވަހަށް ނިދާލާ' ބިނާކޮށްފައިވަނީ ބަންޖަކަށް (ފޮޓޯ/އަބްދުﷲ އިޔާން)
މަފްތޫހާ ކުއްޖަކަށް ފޮތް ކިޔައިދެނީ (ފޮޓޯ/އަބްދުﷲ އިޔާން)

މަފްތޫހާ ޕޮޕްއަޕްގައި އަލަށް ލޯންޗު ކުރާ ދެވަނަ ފޮތަކީ 'ރާޅެއް ލިބޭތޯ' އެވެ. މިއީ އީމާން ރަޝީދު ކުރަހާފައިވާ ފޮތެކެވެ. މަފްތޫހާ ބުނީ މި ވާހަކަ ބިނާވެފައިވަނީ މައިގަނޑު ކެރެކްޓާ، ޔޫސުފާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކޮށްލުމަށް މުއްޔަށް ގޮސް އުޅުމުގައި ދިމާވާ އެކިއެކި ހާދިސާތަކުގެ މައްޗަށް ކަމުގަ އެވެ. ޔޫސުފްގެ މަންމަ ގާތު އޭނާގެ ބައްޕަ ބޭރަށް ދަމުން 'މި ދަނީ ރާޅެއް ލިބޭތޯ'އޭ ބުނާ އަޑު އިވި، ޔޫސުފް ބައްޕައަށް ދޭން ރާޅެއް ހޯދަން ކުރާ މަސައްކަތްތައް ކިޔައިދޭ ފޮތެކެވެ.

"އެކަމަކު  ޔޫސުފަށް ރާޅެއް  ލިބޭތޯ  ބަލާލަން ކުދިން ޖެހޭނީ މި ފޮތް ކިޔާލަން. މިއީ  ހުރިހާ ކުދިންނަށް ވެސް ޝައުގުވެރި އަދި މަޖާ ފޮތަކަށް ވާނެ ކަމަށް އުއްމީދު ކުރަން،" ކުޑަކުދިން އުޅޭ ގޮތާއި ކުދިންގެ ވިސްނުން ހުންނަ ގޮތާ ގުޅޭ މަޖާ ވާހަކައެއް ގެނެސްދޭ ފޮތާ ބެހޭގޮތުން މަފްތޫހާ ބުންޏެވެ.

މާހީމާހީ ބުކްސްގެ ފަރާތުން މިއަދު ނެރޭ 'ރާޅެއް ލިބޭތޯ' ފޮތް (ފޮޓޯ/އަބްދުﷲ އިޔާން)
މަފްތޫހާ ލިޔެފައިވާ މި ފޮތުގެ ކުރެހުންތައް ތައްޔާރުކުރީ އީމާން ރަޝީދު (ފޮޓޯ/އަބްދުﷲ އިޔާން)

ޕޫޝީ: އިވެންޓްގައި ފެންނާނެ އިތުރު ބްރޭންޑެއް

ޕޫޝީގެ ވެރިޔާ ރިޒްފާ ރިޒާ، އޭނާ ލިޔެފައިވާ ފޮތްތަކާއި އުފައްދާފައިވާ ބޯޑް ގޭމްތައް ވިއްކުމަށް މި ޕޮޕްއަޕްގައި ބައިވެރިވާނެ އެވެ. 'ކުދިން ކުދިން' އަކީ ރިޒްފާ ލިޔެ އަދި ކުރަހާފައިވާ ފޮތެކެވެ. މިއީ އެއްބައިވަންތަކަމާއި އޯގާތެރިކަމުގެ މުހިއްމު މެސެޖެއް ދޭ ވެސް ފޮތެކެވެ.

ކުޑަކުދިންގެ ފޮތް ލިޔުންތެރިޔާ ރިޒްފާ (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

ރިޒްފާ މި މަހު ވަނީ 'ކޯކޯ'ގެ ނަމުގައި އާ ފޮތެއް ނެރެފަ އެވެ. ރިޒްފާ ބުނީ މިއީ އޭނާގެ އާއިލާ އިން ވަރަށް ލޯބިން ގެންގުޅުނު ބުޅަލެއް ކަމުގައިވާ ކޯކޯގެ ހަނދާނުގައި ލިޔެފައިވާ ފޮތެއް ކަމުގަ އެވެ. ފޮތުގައި ހިމެނެނީ ކޯކޯ ގަޔާވާ ކަންކަމާއި އޭނާގެ އުޅުމެވެ. 

ރިޒްފާ ލިޔެ ކުރާހާފައިވާ 'ކޯކޯ' އަކީ އޭނާގެ އާއިލާ އިން ގެންގުޅުނު ބުޅަލެއްގެ ހަނދާނުގައި ލިޔެފައިވާ ފޮތެއް

"ވާހަކަ ފޮތެއް ގޮތަށް ސްޓޯރީ އޮތަސް، ފޮތުގައި ހިމެނޭނެ، ބުޅަލާ ގުޅޭ އާއްމު މައުލޫމާތު. މަގްސަދަކީ ބުޅާ ގެންގުޅެން ޝައުގުވެރިވާ ކުދިންނަށް ބުޅާލާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން،" ރިޒްފާ ބުންޏެވެ.

އޭނާ ބުނިގޮތުގައި 'ކޯކޯ' ވިއްކައިގެން ލިބޭ ފައިސާ، ޖަނަވާރުންގެ ވެލްފެއާ އަށް މަސައްކަތް ކުރާ ޖަމްއިއްޔާ އަކަށް ހަދިޔާ ކުރާނީ އެވެ. އެގޮތުން، ވިކޭ ކޮންމެ ފޮތަކަށް 10 ރުފިޔާގެ މަގުން ޒޫފިލިސްޓް ސޮސައިޓީ އޮފް މޯލްޑިވްސް އަށް ފައިސާ ދޭން އޭނާ ވަނީ ނިންމާފަ އެވެ. 

ޝަރީހާން ބުނިގޮތުގައި އިތުރު ލިޔުންތެރިންގެ އެތައް ފޮތެއް ވެސް ޕޮޕްއަޕްގައި ލިބެން ހުންނާނެ އެވެ.  

"ވަކިވަކި ބްރޭންޑްތަކުން ޑިސްކައުންޓް ދޭ ގޮތަށް އޮތީ ހަމަޖައްސާފައި،" އޭނާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް