Majlis 2024

އާ ސީޕްލޭން ޓާމިނަލްގައި މި މަހު 14ގައި ބޭއްވި އަޖުމަ ބެލުމުގެ މައުރަޒަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޒިޔާރަތްކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

އާޓް

ދިވެހި އާޓިސްޓުންގެ ހުނަރު ފަތުރުވެރިންނަށް ދައްކާލަން އެއާޕޯޓުގައި ގެލެރީއެއް

އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްގައި ހާއްސަކޮށްފައިވާ އެ ޖާގައަކީ ނެޝަނަލް އާޓް ގެލެރީގެ ބައެއް؛ އެ ތަނުގައި މި މަހު ވަނީ އަޖުމަ ބެލުމުގެ މައުރަޒެއް ބާއްވާފައި
26 ނޮވެމްބަރު 2022

ދިވެހި އާޓިސްޓުންގެ ހުނަރު ފަތުރުވެރިންނަށް ދައްކާލަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލުގައި ފުރަތަމަ ފަހަރަށް ކުރެހުމުގެ މައުރަޒެއް މި މަހު 14ގައި ވަނީ ބާއްވައިފަ އެވެ. ނެޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އާއި ނެޝަނަލް އާޓް ގެލެރީ ގުޅިގެން އިންތިޒާމު ކުރި މި މައުރަޒުގައި 20 އާޓްވޯކް ދައްކާލި އެވެ.

އަލަށް ހުޅުވި ސީޕްލޭން ޓާމިނަލްގެ މި ޖާގަ އަކީ ނެޝަނަލް އާޓް ގެލެރީގެ ބައެކެވެ. މިއީ ފަތުރުވެރިންނަށާއި ދިވެހިންނަށް ދިވެހި އާޓިސްޓުންގެ މަސައްކަތް ދައްކާލަން އެކަށީގެންވާ ފުރުސަތެކެވެ. މިފަދަ ގެލެރީތައް އެހެން ގައުމުތަކުގެ ބައިނަލްއަގުވާމީ އެއާޕޯޓުތަކުން ފެނެ އެވެ. 

"ހުރިހާ އާޓިސްޓުންނަށް އޮތް ރަނގަޅު ފުރުސަތެއް މިއީ. އާޓިސްޓުން މި ފުރުސަތުގެ ބޭނުން ހިފަންވީ،" އާޓްސް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ހުސެއިން އަލި މަނިކު ވިދާޅުވި އެވެ. 

ރާއްޖޭގެ ފުންނާބުއުސް އާޓިސްޓުންގެ ތެރޭގައި ހިމެނޭ ހުސެއިން ވަނީ ރާއްޖޭގެ ފުރަތަމަ އާޓް ޖަމިއްޔާ 'ޔުނައިޓެޑް އާޓިސްޓްސް އޮފް މޯލްޑިވްސް'ގެ ފަރާތުން މި ދާއިރާގެ ކުރިއެރުމަށް އެކި މަސައްކަތްތައް ކުރައްވައިފަ އެވެ. ހުސެއިން ވިދާޅުވިގޮތުގައި މިއީ އޭނާގެ ވަރަށް ގިނަ ދުވަސްވީ ހުވަފެނެކެވެ.

"ގިނަ ދިވެހި އާޓިސްޓުންނަކަށް އެމީހުންގެ މަސައްކަތް ދައްކާލަން ރިޒޯޓަކަށް ނުދެވޭނެ އަދި ރާއްޖެއަށް އަންނަ މުއްސަނދި ފަތުރުވެރިންނަކަށް ކޮންމެ ފަހަރަކު މާލެއަކަށް ނާދެވޭނެ. އެހެންވީމަ އެމީހުންގެ މަސައްކަތް އެއާޕޯޓުގައި ދައްކާލަން ލިބުމަކީ ރަނގަޅު ފުރުސަތެއް،" ހުސެއިން ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލްގައި ފުރަތަމަ މައުރަޒު ބޭއްވީ އަޖުމަ ބަލައިލުމުގެ ގޮތުންނެވެ. ހުސެއިން ވިދާޅުވިގޮތުގައި މި ޖާގަ ރަސްމީކޮށް އަންނަ އަހަރު ހުޅުވުމަށް މަސައްކަތް ވަނީ ފަށައިފަ އެވެ. އެގޮތުން އާޓިސްޓުންގެ މަސައްކަތް ދައްކާލެވޭނެ މުއްދަތު ކަނޑައެޅުމާއި ކަމާބެހޭ ގަވައިދުތައް ހެދުން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުރަޒުގައި ދައްކާލި ކުރެހުންތަކަކީ ނެޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ މަސައްކަތްތަކެވެ. އެއީ ރާއްޖޭގެ އާޓް ދާއިރާގެ ފުންނާބުއުސް އާޓިސްޓުންގެ ކުރެހުންތައް ހިމެނޭ ކަލެކްޝަނެކެވެ. 

އަޖުމަ ބެލުމުގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މިނިސްޓާ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖު ޔުމްނާ މައުމޫން ވެސް ބައިވެރިވަޑައިގަތެވެ. ރަސްމިއްޔާތުގައި ބައިވެރިވި އާޓިސްޓުން ވަނީ ރައީސާ ބައްދަލުކޮށް އެމީހުންގެ މަސައްކަތްތަކާ ބެހޭގޮތުން އިތުރު މައުލޫމާތު ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް