ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރަން މަޓީ އިން ބޭއްވި ފަތުރުވެރިކަމުގެ ރަން ޔޫބީލް އެވޯޑު ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވާހަކަދައްކަވަނީ

ރާއްޖޭގެ ނަން ދެމެހެއްޓޭނީ ދިވެހި ފަތުރުވެރިކަމުގެ ހާއްސަ ސިފަތަކާ އެކު: ރައީސް

ރައީސް ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމުގައި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ ކަމަށް
17 ޖުލައި 2022

މުހިންމު ނުކުތާތައް

ރާއްޖެ ނަމޫނާއަކަށް ބަލައިގެން އެތައް ގައުމެއް އަންނަނީ ޓޫރިޒަމް ތަރައްގީކުރަމުން

ދިވެހިންގެ މެހެމާންދާރީ އާއި ރާއްޖޭގެ ގުދުރަތީ ރީތިކަމަކީ މުހިންމު ސިފަތަކެއް

ސަރުކާރުން އަބަދުވެސް ޓޫރިޒަމް އިންޑަސްޓްރީއަށް އެއްބާރުލުން ދޭނެ

ދުނިޔޭގެ ފަތުރުވެރިކަމުގެ ވިޔަފާރީގައި މިހާރު އޮތް ވާދަވެރިކަމުގައި ރާއްޖޭގެ ނަން ދެމެހެއްޓޭނީ ދިވެހި ފަތުރުވެރިކަމުގެ ހާއްސަ ސިފަތައް ވެސް އެގޮތުގައި ދަމަހައްޓައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މިއަދު ހަވީރު ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ފަތުރުވެރިކަމުގެ ރަން ޔޫބީލް އެވޯޑް ހަފްލާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ތަފްސީލް - ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ވާދަވެރިކަން ބޮޑުވެފައިވާ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން ނަމޫނާއަކަށް ބަލައިގެން ފަތުރުވެރިކަން ތަރައްގީކުރާ ކިތަންމެ މަންޒިލެއް މިހާރު އެބަހުރި ކަމަށެވެ. އެހެންކަމުން އެ ވާދަވެރިކަމުގެ ތެރޭގައި، ރާއްޖޭގެ ނަން ދެމެހެއްޓޭނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - "އޭގެ ތެރެއިން ވެސް އެންމެ މުހިންމު ކަމަކީ، ދިވެހި ފަތުރުވެރިކަމުގެ ހާއްސަ ސިފަތައް އެގޮތުގައި ދެމެހެއްޓުން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މަޓީ އިން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ހަފްލާގެ ތެރެއިން؛ 17 ޖުލައި 2022 (ފޮޓޯ/ރައީސް އޮފީސް)
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މަޓީ އިން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ހަފްލާގެ ތެރެއިން؛ 17 ޖުލައި 2022 (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވިދާޅުވީ ފަތުރުވެރިންގެ މަގުބޫލު މަންޒިލަކަށް ރާއްޖެ ވީ ރާއްޖޭގެ ސުލްހަވެރިކަމާއި، އަމާންކަމާއި، ދިވެހިންގެ ހިތްހެޔޮކަމާއި ފުރިހަމަ މެހެމާންދާރީގެ ސަބަބުން ކަމަށެވެ. ހަމައެއާ އެކު ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުފަޅުގެ ރީތިކަމާއި، ރަށްތަކުގެ ހިތްފަސޭހަކަމަކީ ވެސް ހަމަ އެހާ މުހިންމު ދައުރެއް އަދާކުރާ ސިފަތައް ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ރައީސް ވިދާޅުވީ އެކަންކަން ދަމަހައްޓަން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރަން ވެސް ހާއްސަ މަސައްކަތްތަކެއްކޮށް، އެކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

"ހަމައެއާ އެކު، މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ނުގެއްލޭނެ ފަދަ ގޮތަކަށް، ފަތުރުވެރިކަމުގެ ސިނާއަތު ސިންދަފާތު ކުރުމަކީ ވެސް، މި ސިނާއަތުގެ ނަފާ އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތައިލުމުގެ މަސައްކަތް ވިސްނުމުގައި ބަހައްޓަން ޖެހެ އެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަން ސިންދަފާތުކޮށް ކުރިއަރުވަން ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން ގެންދާ ކަމަށާއި، ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނަ ކަމަށެވެ. އެގޮތުން ރައީސް ފާހަގަކުރެއްވީ:

  • ސްޓްރާޓާ އުސޫލުން ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމާއި އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް އަދި ޕްރައިވެޓް އައިލެންޑްގެ ފަތުރުވެރިކަން ގާނޫނީ އޮނިގަނޑުގެ ތެރޭގައި ހިމެނުން

  • އެއީ ފަތުރުވެރިން ދިގު މުއްދަތަކަށް ރާއްޖޭގައި ތިބުމަށް ހާއްސަކޮށްފައިވާ ޕްރޮޑަކްޓްތަކެއް

އޭގެ އިތުރުން ވެސް، އިންޑަސްޓްރީގެ ކަންކަން ފަސޭހަކޮށްދޭން ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.

  • ދިވެހި ޓޫރިޒަމްގެ އެއް ބާނީ އަހުމަދު ނަސީމު (ވ) އަށް ރައީސް ސޯލިހު އެވޯޑް ހަވާލުކޮށްދެއްވަނީ (ފޮޓޯ/ރައީސް އޮފީސް)
  • މަޓީން މިއަދު ބޭއްވި ހާއްސަ ހަފުލާގެ ތެރެއިން 17 ޖުލައި 2022 (ފޮޓޯ/ރައީސް އޮފީސް)
  • ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ޗަމްޕާ ހުސެއިން އަފީފަށް ރައީސްގެ އަތްޕުޅުން އެވޯޑު ދެއްވަނީ 2022 (ފޮޓޯ/ރައީސް އޮފީސް)

ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީވަމުން އަންނަ ހަލުވި ދުވެއްޔާ އަޅާބަލާއިރު މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކެޕޭސިޓީ އިތުރުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު ހަދަމުން އަންނަ ޓާމިނަލްގެ ހިދުމަތް ދޭން ފެށުމުން، އަހަރަކު 7.2 މިލިއަން ފަސިންޖަރުންނަށް އެއާޕޯޓުން ހިދުމަތް ދެވޭނެކަން ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އަތޮޅުތަކުގައި ތަރައްގީކުރާ އެއާޕޯޓުތަކުގެ ސަބަބުން ވެސް ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ދިވެހިރާއްޖެ މިއަދު ދަމަހައްޓަމުން އަންނަ މަގާމު ދެމިއޮތީ، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވި ބޭފުޅުންގެ ވަރުގަދަ އަޒުމާއި ކުރެއްވި ބުރަ މަސައްކަތުން ކަން ފާހަގަކުރައްވައި ރައީސް ވަނީ އެބޭފުޅުންނަށް ޝުކުރުއަދާކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ އެބޭފުޅުން ތައާރަފުކުރެއްވި ޓޫރިޒަމްގެ ޕްރޮޑަކްޓަށް ގެންނަން ޖެހޭ ބަދަލުތައް ވެސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެބޭފުޅުންނަށް ކަމަށާއި، ސިނާއަތުގެ ކުރިއެރުމަށް ކުރާ މަސައްކަތުގައި ސަރުކާރުން ކުރިއަށް ދާނީ އެބޭފުޅުންގެ ލަފަޔާއި މަޝްވަރާގެ އަޑު އަހައިގެން ކަމަށެވެ.

ރާއްޖެއަށް 1972 ގައި ފުރަތަމަ ޓޫރިސްޓް ގްރޫޕް ގެނައީ އިނގިރޭސި ރައްޔިތެއް ކަމަށްވާ އަދި އާއިލީ ގޮތުން އިޓަލީއާ ވެސް ގުޅިފައި އޮތް ޖޯޖް ކޯބިން އާއި މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި ޔުނިވާސަލްގެ އެއް ހިއްސާދާރު މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަދި ޓޫރިޒަމްގައި ރާއްޖޭގެ އެންމެ ބޮޑު އެއް އިންވެސްޓަރު ޗަމްޕާ ހުސެއިން އަފީފެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް