Majlis 2024

އެމްޑަބްލިއުއެސްސީ ހިންގާ އިމާރާތް

އެމްޑަބްލިއުއެސްސީގެ އެކްޝަން ޕްލޭން: ބޮޑެތި ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުން

5 އަހަރަށް އެކުލަވައިލި ޕްލޭންގެ މަގުސަދަކީ ވަޒީފާގައި ޖިންސުގެ ހަމަހަމަކަން ގާއިމުކޮށް، ހިންގުމުގައި އަންހެނުންގެ ދައުރު ފުޅާކުރުން
10 މާރިޗު 2022

ދެ ޖިންސުގެ މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ގާއިމްކުރުމަށާއި، ކުންފުނި ހިންގުމުގައި އަންހެނުންގެ ދައުރު އިތުރަށް ފުޅާކުރަން ފަސް އަހަރަށް ދެމިގެން ދާ ގޮތަށް 'ޖެންޑާ މެއިންސްޓްރީމިން ޕްލޭން' އެމްޑަބްލިއުއެސްސީން އެކުލަވާލައިފި އެވެ.

ވީ ކިހިނެއް؟ - ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައި އެ ކުންފުނިން އެކުލަވައިލި ޕްލޭންގެ ދަށުން، އެ ކުންފުނީގެ ވަޒީފާތަކުގައި ކުރިއަށް ދިއުމަށް އަންހެނުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމާއި، އެ ގޮންޖެހުންތައް ގިރާކުރަން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ދެނެގަނެ އެދެވޭ ހައްލުތަކަކަށް މުސްތަގުބަލުގައި މަސައްކަތް ކުރާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ތަފްސީލް - ޖެންޑާ މެއިންސްޓްރީމް ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ގޮތުގައި އެމްޑަބްލިއުއެސްސީން ވަނީ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެއީ:

  • މެނޭޖްމަންޓް އަދި މެނޭޖްމަންޓްގެ ދައުރު އަދާކުރާ ކުންފުނީގެ އަސާސީ ގަވައިދުތަކާއި އުސޫލުތައް ކަނޑައަޅާ މުހިންމު ކޮމިޓީތަކުގައި ދެ ޖިންސުގެ ދައުރު ހަމަހަމަކޮށްފައި ނެތުން 

  • ޓެކްނިކަލް ދާއިރާގައި އަންހެން މުވައްޒަފުންނަށް އޮންނަ ފުރުސަތުތައް ކުޑަވުން އަދި އަންހެން މުވައްޒަފުން މަދުވުން 

  • އަންހެނުން ބާރުވެރިކުރުމުގައި ފިރިހެނުންގެ ދައުރަކީ ކޮބައިކަން ސާފުނުވުން 

  • މަސައްކަތުގެ މާހައުލު ބައްޓަން ކުރުމުގައި ދެ ޖިންސުގެ މުވައްޒަފުންނަށް އެކަށޭނަ ގޮތަކަށް މަސައްކަތުގެ މާހައުލު ބައްޓަންކޮށްފައި ނެތުން

އަންހެނުންގެ ދައުރު ފުޅާކުރަން އެމްޑަބްލިއުއެސްސީން ރާވާފައިވާ ބައެއް ކަންކަން:

  • ކުންފުނީގެ ކޮންމެ ކޮމިޓީއެއްގައި އަދި ޓީމެއްގައި ވެސް އަންހެން މުވައްޒަފަކު ހިމަނައި، އެ އަދަދު %33 ގައި ހިފެހެއްޓުން 

  • ކުންފުނީގެ ސީނިއަ މެނޭޖްމަންޓް ޓީމާއި ސުޕަވައިޒަރީ ލެވެލްގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް 'ވިމެން އިން މެނޭޖްމަންޓް'ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ފެށުން 

  • ކުންފުނީގެ ހުރިހާ އަންހެން މުވައްޒަފުންނަށް ހުޅުވާލައިގެން ލީޑަޝިޕް ލެވެލްތަކަށް ފުރުސަތު ދިނުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުން 

  • މެނޭޖްމަންޓް ލެވެލްތަކުގައި މަސައްކަތް ކުރާނެ ގާބިލުކަން ހުރި އަންހެނުންނަށް އިތުރު ތަމްރީނުތަކެއް ހިންގުން 

  • އަންހެނުން ބާރުވެރިކުރުމުގައި ފިރިހެނުންގެ ދައުރުގެ މުހިންމުކަން އަންގައިދޭ ބައްދަލުވުންތަކެއް ބޭއްވުން 

  • ޓެކްނިކަލް ފީލްޑްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން އަންހެނުންނަށް ހާއްސް ޓެކްނިކަލް އެޕްރެންޓިސް ޕްރޮގްރާމްތަކެއް ފެށުން

  • އޮފީސް މާހައުލުގައި އަންހެނުންނާ ފިރިހެނުންނަށް ވަކިން ބޭނުންކުރެވޭނެހެން ފާހާނާ ހެދުމާއި މަސައްކަތުގައި ބޭނުންކުރާ އާލާތްތައް ވެސް ދެ ޖިންސުގެ މީހުންނަށް ބޭނުން ކުރެވޭނެ ހެން ބަދަލުކުރުން

ބުނީ ކީކޭ؟ - އެމްޑަބްލިއެސްސީން ބުނީ، މި ޓާގެޓް ޕްލޭންގެ ދަށުން ކުންފުނި ހިންގުމާއި، ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމުގެ އިތުރުން، ބޮޑެތި ނިންމުންތައް ނިންމާ ކޮމިޓީތަކާއި ޓީމުތަކުގައި ވެސް މަދުވެގެން %33 އަންހެން މުވައްޒަފުން ޝާމިލުވެގެންދާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް