އަލްގައިދާގެ ލީޑަރު އައިމަން އަލް-ޒަވާހިރީ ކާބުލްގައި ހުރި ގެ. (ފޮޓޯ/ ސީއެންއެން)

ދުނިޔެ

އަލްގައިދާގެ ވެރިޔާ ކާބުލްގައި ހުރި ކަމެއް ނޭނގެ: ތާލިބާން

އަލްގައިދާގެ ލީޑަރު ކާބުލްގައި ދިރިއުޅެމުންދާކަން ތާލިބާނުންނަށް އެނގޭ ކަމަށް އެމެރިކާއިން ވަނީ ބުނެފައި

އަލްގައިދާގެ ލީޑަރު އައިމަން އަލް-ޒަވާހިރީ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިރިއުޅެމުން ގެންދިޔަކަން ނޭނގޭ ކަމަށް އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުން އިއްޔެ ބުނެފި އެވެ.

ތާލިބާނުން މިހެން ބުނެފައި މިވަނީ ޑްރޯން ހަމަލާއެއް ދީ، ޒަވާހިރީ މިދިޔަ އާދިއްތަ ދުވަހު މަރާލާފައިވާ ކަމަށް އެމެރިކާއިން އިއުލާނުކޮށްފައި ވަނިކޮށެވެ.

"ދަ އިސްލާމިކް އެމިރޭޓް އޮފް އަފްގާނިސްތާނަށް އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް އައިމަން އަލް-ޒަވާހިރީ ކާބުލްއަށް އައިސް އަދި ކާބުލްގައި ދިރިއުޅެފައިވާ ކަމުގެ. މި ހާދިސާއާ ގުޅޭ ހުރިހާ ކަމެއް ވަރަށް ސީރިއަސްކޮށް ތަހުގީގުކޮށް ބެލުމަށް އިސްލާމިކް އެމިރޭޓް އޮފް އަފްގާނިސްތާނުގެ ލީޑަރުން ވަނީ ޖާސޫސީ އިދާރާތަކަށް އިރުޝާދު ދީ އަންގާފައި،" ތާލިބާނުން އިއްޔެ ނެރުނު ބަޔާނެއްގައިވެ އެވެ.

މިދިއަ ހޯމަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެމެރިކާއިން ޑްރޯން ހަމަލާއެއް ދީ ކާބުލްގެ ގެއެއްގައި ދިރިއުޅެމުން އައި ޒަވާހިރީ އާދިއްތަ ދުވަހު މަރާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ތާލިބާނުންގެ ހައްގާނީ ނެޓްވޯކުގެ މެމްބަރުންނަށް އަލްގައިދާގެ ލީޑަރު މި ސަރަހައްދުގައި ދިރިއުޅެމުންދާކަން އެނގޭ ކަމަށާއި އެމެރިކާގެ ޑްރޯން ހަމަލާއަށް ފަހު އެ މެންބަރުން އެ ގެ ހުންނަ ސަރަހައްދު ބަންދުކޮށް ޒަވާހިރީގެ އާއިލާގެ އެހެން މެމްބަރުން އެހެން ތަންތަނަށް ފޮނުވަން އެހީތެރިވެދީފައިވާ ކަމަށް އެމެރިކާ ސަރުކާރު އިސް އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާއިން އަލްގައިދާގެ ލީޑަރު މަރާލުމާ ގުޅޭ. (ވީޑިއޯ/ ގްލޯބަލް ނިއުސް)

ކާބުލްގައި ޒަވާހިރީ ދިރިއުޅެމުން ގޮސްފައިވާ ގެ ހުންނަނީ ގްރީން ޒޯނުގެ ޝަރްޕޫރު ސަރަހައްދުގަ އެވެ. މިއީ އަފްގާނިސްތާނުގައި ކުރިން އޮތް ސަރުކާރުގެ ގިނަ އޮފިޝަލުންތަކެއް ދިރިއުޅުއްވަމުން ގެންދެވި ސަރަހައްދެކެވެ. 

މިދިއަ އަހަރުގެ އޮގަސްޓު މަހު ރައީސް އަޝްރަފް ގަނީގެ ސަރުކާރު ވެއްޓުމާ އެކު މި ސަރަހައްދުގައި ދިރިއުޅެމުން ދިޔަ ގިނަ ބަޔަކު ވަނީ ތާލިބާނުންގެ ކިބައިން ސަލާމަތްވާން ފިލާފަ އެވެ. އަދި ތާލިބާނުން ވަނީ އެ މީހުންގެ ގެތައް ނަގާފަ އެވެ.

ކޮމެންޓް

Placeholder

ދުނިޔެ

ދުނިޔެ