ބޮމުގެ ހަމަލާއަށް ފަހު ރަޝިޔާ އެމްބަސީ ކުރިމަތީގައި ތާލިބާނުންގެ ފޯރިމަރަނީ (ފޮޓޯ/ ރޮއިޓާސް)

އަފްގާނިސްތާން

ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި ރަޝިޔާ އެމްބަސީގެ ދެ މުވައްޒަފަކު މަރުވެއްޖެ

އަފްގާނިސްތާނުގައި މިފަހުން ދެމުން އަންނަ ބޮމުގެ ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓުން ދަނީ ނަގަމުން
5 ސެޕްޓެމްބަރު 2022

އަފްގާނިސްތާންގެ ވެރިރަށް ކާބުލްގައި އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި ރަޝިޔާ އެމްބަސީގައި މަސައްކަތް ކުރާ ދެ މުވައްޒަފަކާއި އިތުރު ހަތަރު މީހަކު މަރުވެއްޖެ ކަމަށް ތާލިބާނުންނާއި ރަޝިޔާގެ އޮފިޝަލުން ބުނެފި އެވެ.

ހަމަލާ ދިން މީހާ ކޮންސިއުލާ ސެކްޝަނަށް ވަންނަން ދަނިކޮށް ފޯރިމަރަން ތިބި ގާޑުން އޭނާގެ ގަޔަށް ބަޑި ޖެހި އެވެ. އަދި އެހާ ހިސާބުން އެއްޗެއް ގޮވި ކަމަށް، ތާލިބާނުން ބުނެ އެވެ. މި ހަމަލާގެ ޒިންމާ މިހާތަނަށް އަދި އެއްވެސް ގްރޫޕަކުން ނަގާފައެއް ނުވެ އެވެ.

މިއީ މިދިޔަ އަހަރު ތާލިބާނުން އަފްގާނިސްތާން ހިފި ފަހުން ބޭރުގެ އެމްބަސީއަކަށް ދިން މިފަދަ ފުރަތަމަ ހަމަލާ އެވެ.

މި ހަމަލާގައި މަދުވެގެން 10 މީހަކަށް އަނިޔާވެފަވާ ކަމަށް ތާލިބާނުންގެ އޮފިޝަލަކު ވިދާޅުވި އެވެ. އޭގެ ތެރޭގައި ޑިޕްލޮމެޓަކު ވެސް ހިމެނޭ ކަމަށް ރަޝިޔާގެ އާރްއައިއޭއިން ބުންޏެވެ.

އަފްގާނިސްތާންގައި މި ފަހުން ދިން އަންނަ ބޮމުގެ ހަމަލާތައް އަމާޒުކުރަނީ ތާލިބާނުން ފޯރުކޮށްދޭ ސަލާމަތީ ރައްކާތެރިކަމުގެ އަގު ވައްޓާލުމުގެ މަގުސަދުގައި ކަމަށް ބެލެވެ އެވެ.

"އެއްވެސް ޝައްކެއް ނެތި އަހަރެމެން މިދައްކަނީ ޓެރަރިސްޓް ހަމަލާއެއްގެ ވާހަކަ. މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން،" ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވި އެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ރަޝިޔާ އެމްބަސީއަށް ދިން ބޮމުގެ ހަމަލައާ ގުޅޭ (ވީޑިއޯ/ އަލްޖަޒީރާ)

ރަޝިޔާއަކީ އަފްގާނިސްތާންގައި މިވަގުތު އެމްބަސީއެއް ހިންގަމުން އަންނަ މަދު ގައުމުތަކުން އެއް ގައުމެވެ. ނަމަވެސް ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކެކޭ އެއްގޮތަށް މޮސްކޯއިން ވެސް ތާލިބާންގެ ސަރުކާރު ރަސްމީކޮށް އަދި ބަލައެއް ނުގަނެ އެވެ. ނަމަވެސް އަފްގާނިސްތާނަށް ބޭނުންވާ ގޭހާއި ތެޔޮ އެތެރެކުރުމާ މެދު ތާލިބާނާއި މޮސްކޯއިން ވަނީ މަޝްވަރާތައް ބާއްވައިފަ އެވެ.

އަފްގާނިސްތާންގައި މިފަހުން ދެމުން އަންނަ ގިނަ ހަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ އިސްލާމިކް ސްޓޭޓް ގްރޫޕުންނެވެ. މިދިއަ ހަފްތާގައި އަފްގާނިސްތާންގެ އެންމެ ބޮޑު މިސްކިތަށް ދިން ހަމަލާއެއްގައި 18 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި ތާލިބާނުންނަށް ތާއީދުކުރާ ނުފޫޒު ގަދަ އިމާމެއް ވެސް ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް