Majlis 2024

ނަޝީދާއި ރައީސް ސޯލިހް މިނިސްޓަރުންނާއެކު: ނަޝީދު ވިދާޅުވީ، އަސްލަމް ގާނޫނާ ހިލާފުވެފައި ކަމަށް (ފައިލް ފޮޓޯ.<

ހުޅުމާލޭގައި އިމާރާތްކުރުމުގެ މައްސަލައިގައި އަސްލަމަށް ދައުވާކުރަން ނަޝީދު ބާރުއަޅުއްވަނީ

ގަވައިދު އެގޮތަށް ގެޒެޓް ކުރަން މަޖިލީހުން އެންގުމުން އަސްލަމް ވަނީ އެކަމާ ދެކޮޅު ހައްދަވާފައި؛ ނަޝީދު ސިފަކުރެއްވީ އެއީ ގާނޫނާ ހިލާފުވުން ކަމަށް

ހުޅުމާލޭގައި ދިރިއުޅެން އާންމުންނަށް ދޫކޮށްފައިވާ ހުރިހާ ބިންތަކުގައި 10 ބުރިއަށް އިމާރާތްކުރުމަށް ހުއްދަ ދޭ  ގޮތަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ގަވައިދު ގެޒެޓުކުރަން ހައުސިން މިނިސްޓްރީން ދެކޮޅު ހަދާފައިވާތީވެ، މިނިސްޓަރު މުހައްމަދު އަސްލަމްއާ މެދު ފިޔަވަޅު އަޅައި އޭނާއަށް ދައުވާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބާރު އަޅުއްވައިފި އެވެ.

މައްސަލައިގެ ފެށުން - ހުޅުމާލޭގައި އާންމުންގެ ގޭގެ 10 ބުރިއަށް އިމާރާތްކުރެވޭ ގޮތް ހަދަން ފަހިކޮށްދޭ 'ހުޅުމާލޭ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވާއިދު' 18 ވަނަ މަޖިލީހުގައި ފާސްކުރީ 27 ނޮވެމްބަރު 2018ގަ އެވެ. ނަމަވެސް، މަޖިލީހުން ހެދި ގަވާއިދު އެ އޮތް ގޮތަށް ގެޒެޓު ކުރަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެކޮޅުހައްދަވައި އެ ގަވާއިދު ގެޒެޓެއް ނުކުރައްވަ އެވެ. އެގޮތުން:

  • ޕްލޭނިން މިނިސްޓަރުގެ އިތުރުން އެޗްޑީސީން ވެސް ވަނީ މި ގަވާއިދާ ދެކޮޅު ހަދާފައި 

  • މިނިސްޓްރީން ސަބަބެއް ކަމަށް ބުނަނީ ހުޅުމާލެއަކީ ރޭވިގެން ތަރައްގީކުރަމުން އަންނަ ސިޓީއަކަށް ވާތީ، ކުއްލިއަކަށް ގެތައް ހިއްލަން ފުރުސަތު ދީފި ނަމަ އާބާދީ އިތުރުވެ، އިންފްރާސްޓްރަކްޗާއަށް ނުކަތާނެކަމުގެ ބިރު އޮތުން

ވީ ކިހިނެއް؟ - މަޖިލީހުގެ ގަވައިދު ކޮމިޓީން އަނެއްކާވެސް އެ ގަވައިދު ގެޒެޓްކުރުމަށް މިނިސްޓްރީއަށް އަންގަން މި މަހުގެ 10 ވަނަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ގަވައިދު ކޮމިޓީގެ ރިޕޯޓު ތަޅުމަށް ހުށަހަޅާފަ އެވެ.

ތަފްސީލު - ގަވައިދު ކޮމިޓީގެ މުގައްރިރު، ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެންބަރު އަހްމަދު އާމިރު، ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހެޅުއްވުމާ އެކު، ޖަލްސާގެ ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މަޖިލީހުން ވަކި ގޮތަކަަށް އަމަލުކުރަން އެންގުމުން، އެކަމަށް އަމަލު ނުކުރުމަކީ ގާނޫނާ ހިލާފުވުން ކަމަށާއި އެއީ އެ މަނިކުފާނަށް ވަރަށް "އުނދަގޫ މައްސަލައެއް"ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ސަރުކާރުން އެގޮތަށް [މަޖިލީހުން އަންގާ ގޮަތަކަށް] އަމަލުކުރުން ނޫން ގޮތެއް ގާނޫނު ދައްކާފައެއް ނެތް. ދެން އެގޮތަށް އަމަލު ނުކުރާ ކަމީ ގާނޫނާ ހިލާފުވުން. އެހެންވީމަ މެންބަރުންނަށް ނިންމެވިދާނެ ޝަރީއަތަށް ވަޑައިގަތުމަށް ވެސް ނުވަތަ ވަޒީރާ ގުޅޭ ގޮތުން ތިބޭފުޅުން ނިންމަވާ ނިންމެވުމަށް ވެސް،" ނަޝީދުގެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓަރުކަން ކުރެއްވި އަސްލަމްއާ ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ބުނީ ކީކޭ؟ - މަޖިލީހަކީ ސިޔާސީ ޕާޓީތަކުގެ މައްޗަށް އެކުލެވޭ ތަނެއް ކަމަށާއި އަސްލަމަކީ ވެސް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ވެސް އެބަ އޮތް ކަމަށެވެ. އެހެން އެކަން އޮތް އިރު، މަޖިލީހުން ނިންމަވާ ނިންމުމަކާ ދެކޮޅަށް ނަހައްދަވައި ވާހަކަދައްކަވައިގެން މިކަން ހައްލުކުރުމުގެ ފުރުސަތު ވެސް އަސްލަމްއަށް އޮންނާނެ ކަމަށެވެ.

"އެ ބޭފުޅުންނަށް [އަސްލަމްއަށް] މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނާ ވާހަކަދައްކަވައިގެން އެ އެދިވަޑައިގަންނަވާ ގޮަތަކަށް ކަންކަން ގެންދިއުމުގެ ފުރުސަތު ވަރަށް ފަހިކޮށް މަޖިލީހުގައި ހުޅުވިފައި އެބަވޭ. އެހެން ވާއިރުގައި ވެސް، ވަރިހަމަކުރައްވައި އަޅާނުލައްވައި ބާއްވަވާފައި ތިމަންނާއަށް ފެނުނު ގޮތް އެއީ ގޮތް ކަމަށް ނިންމަވައި އެގޮތަށް އަމަލުކުރައްވަމުން ގެންދިއުމަކީ ރާއްޖޭގެ ގާނޫނުއަސާސީ ތަންދޭ ކަމެއް ނޫން،" އަސްލަމްއަށް ފާޑުވިދާޅުވަމުން، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވަނީ، މިއީ އަޅުގަނޑުގެ ކަންބޮޑުވުން ހުރި ކަމެއްގެ ގޮތުގައި. މިކަމާ ގުޅޭ ގޮތުން ގާނޫނާ ހިލާފުވެފައި އޮތް މިންވަރާއި އެކަންކަން އިތުރަށް ކުރިއަށް ގެންދިއުމަށް އިއްޒަތްތެރި މެންބަރުން ވިސްނަވާނެ ކަމަށް އަޅުގަނޑު ދެކެން. ނޫން ނަމަ، މި ބާވަތުގެ ކޮމިޓީތައް ބޭއްވުމުގެ އެއްވެސް މާނައެއް ނެތް."

އެނގުން މުހިންމު - ކޮމިޓީން ނިންމުގައި ބުނެފައިވަނީ، ޕްލޭނިން މިނިސްޓްރީ އާއި އެޗްޑީސީން ގަވާއިދަށް ނުރުހުނު ނަމަވެސް، މަޖިލީހުގެ ގަވާއިދު ކޮމިޓީން މައްސަލަ ބެލުމަށް ފަހު ނިންމީ ގަވާއިދު ގެޒެޓުނުކޮށް ބޭއްވުމަކީ މިނިސްޓަރަށް ލިބޭ އިހުތިޔާރެއް ނޫން ކަމަށެވެ. އެހެންވެ، މަޖިލީހުން ރިޕޯޓު ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި ގަވާއިދު ގެޒެޓުކުރަން ރައީސް އޮފީހަށް ފޮނުވަން މިނިސްޓްރީއަށް އަންގަން ކޮމިޓީން ފާސްކުރި އެވެ.

ކޮމެންޓް (4)

ނަޝީ

22 ނޮވެމްބަރު 2022
ތިޔަ ސިޓީއެއްގައި އިމާރާތްތައް އަދިވެސް މަދީތަ؟
0 0

މައުމޫން

22 ނޮވެމްބަރު 2022
ބާރު އަޅާފައި ހުންނަން ޖެހޭނީ. އެވެރިން ކުރާނީ ކުރާނެ ކަމެއް
0 0

ޢަހަރެން

22 ނޮވެމްބަރު 2022
ކިހާ ދެރަ ކަމެއް. ފާހަނައަށް ގޮސް ރަނގަޅަށް ދޮންނަން ނޭނގޭ ބައެއް، ބޮޑު އާބާދީ އެއް އޮތް ސިޓީ އެއް ކަންތަކު ގަވާއިދު ހަދަން ނިކުުންނަންވެގެން މިއުޅެނީ.
2 0

ޙހހހސ

22 ނޮވެމްބަރު 2022
އާމިރު ތިވަރުން ތިއުޅެނީ އޭނަގެ ގެ ނުހިއްލިގެން.. ނިރޮޅުމަގު ފޭސްދޭއްކައިރި އިންނާނެ އޭނަ ހަދަންފަށާފަ އިން ގެއެއް. މިދިޔަސަރުކާރު ނިމެނިކޮށް ހޯދި ބިމެއް އެއީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް