ކުރީގެ ރައީސް އަބްދުﷲ ޔާމީން،ޔ ރ. މީދޫގައި އިދިކޮޅުން ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ޕީޕީއެމް)

އިންޑިއާ އައުޓް ހަރަކާތަށް ޔާމީން ގއ. ވިލިނގިއްޔަށް ވަޑައިގެންފި

މީގެ ކުރިންވެސް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ޔާމީން ވަނީ ރަށްރަށަށް ވަޑައިގެންފައި

އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިނުގެ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަތުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގއ. ވިލިނގިއްޔަށް ވަޑައިގެންފި އެވެ.

ވީކިހިނެއް؟ - މިއަދު ވިލިނގިލީގައި ކުރިއަށްދާ އިންޑިއާ އައުޓް ކެމްޕެއިނުގެ ހަރަކާތަށް ޔާމީން ވިލިގިއްޔަށް ވަޑައިގެންފައިވާއިރު އެ ރަށުގައި މިއަދު ވަނީ ރާއްޖޭގައި އިންޑިއާ މިލިޓަރީ ތިބުމާ ދެކޮޅަށް ހިނގާލުމެއް ބާއްވައިފަ އެވެ.

ތަފްސީލް - މީގެ ކުރިންވެސް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ޔާމީން ވަނީ ރަށްރަށަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ރ. އަތޮޅާއި ށ. އަތޮޅަށް ވެސް މީގެ ކުރިން ޔާމީން ވަނީ ވަޑައިގަނެފަ އެވެ.

ގުޅުންހުރި - ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، ޔާމީން އިސްވެ ހުންނަވައިގެން ހިންގަމުންދާ 'އިންޑިއާ އައުޓް' ހަރަކާތްތައް ހުއްޓުވުމަށް، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން  ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ވައްދަން ނިންމައިފަ އެވެ.

މިހާރު ތައްޔާރުކޮށްފައިވާ ޑްރާފްޓްގައި އޮތް ގޮތުން އެފަދަ ހަރަކާތްތައް ހިންގައި، އޭގައި ބައިވެރިވުމަކީ ޖިނާއީ ކުށެކެވެ. އަދި އެ ކުށުގެ އަދަބުތަކުގެ ތެރޭގައި ޖަލަށް ލުން ހިމެނެ އެވެ. އެ އަދަބުތަކަކީ:

  • ގިނަވެގެން 20،000ރ. އިން ޖޫރިމަނާކުރުން 

  • އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭ ބަންދުކުރުން 

  • ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން

އެކަމާ ގުޅޭގޮތުން ޔާމީން ވިދާޅުވީ 'އިންޑިއާ އައުޓް' ހުއްޓުވަން މިހާރު ވެސް "މުޅި ދައުލަތް" ނުކުމެ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެ ކެމްޕޭނު ނުހުއްޓުވޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް