ޗަނާޗާ: މިއީ ރާއްޖޭގެ ފެންވަރުން ވެސް ވަރަށް ބޮޑު، ފުރިހަމަ ޝޯއެއް (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)

ޗަނާޗާ: ހުނަރާއި ފޯރި އާއި ހުވަފެނީ މާހައުލެއްގައި

މިއީ މިފަހުގެ ތާރީހުގައި ރާއްޖޭގައި ބޭއްވި އެންމެ ފޯރިގަދަ މިޔުޒިކް ޝޯ
31 އޮކްޓޯބަރު 2022

މުހިންމު ނުކުތާތައް

ބޭންޑްތަކާ އެކު އެތައް ބަޔަކު ހޭދަކުރީ އުފާވެރި ވަގުތުކޮޅެއް

ސްޓޭޖުން ފެށިގެން ފަންނާނުން ހުށައަޅައިދިން ލަވަތައް ވެސް ހިތްގައިމު

ބޭންޑްތަކާއި އެތައް ބަޔަކު ބައިސްކޯފްގެ މަސައްކަތަށް ތައުރީފްކުރި

ބައިސްކޯފުން އިންތިޒާމްކޮށްގެން ހުޅުމާލޭ ޓްރެކް ދަނޑުގައި، މިދިއަ ހޮނިހިރުދުވަހުގެ ރޭ ބޭއްވި ޗަނާޗާ ޝޯ ބަލަން ދިޔަ އެތައް ހާސް ބަޔަކު ވަރަށް ފޯރިނެގި އެވެ.

ޝޯއަށް އޮތް ތަރުހީބު، ދަނޑަށް ވަންނަން ދަމާލާފައި އޮތް ކިޔޫއިން ވެސް އެނގުނެވެ. މިއީ ރާއްޖޭގައި މި ފަހަކަށް އައިސް ބޭއްވި އެންމެ ވަރުގަދަ ޝޯ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. 

ހުޅުމާލެ ޓްރެކް ދަނޑުގައި ޗަނާޗާ ކުރިއަށް ދަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)

"ޗަނާޗާ 2022" ބޮޑު ބެނާއާ އެކު އުސް ސްޓޭޖެވެ. ދިއްލާފައި ހުރި އަލިތައް ދުރަށް ފެތުރިފަ އެވެ. ސްޓޭޖްގެ ވަށައިގެން ހުރި ސްކްރީންތަކުން ފެންނަނީ ފަންނާނުންގެ ލަވަތަކަށް ބާރުދޭ އެނިމޭޝަންތަކެވެ. ލައިޓިން ރީއްޗެވެ. ސްޓޭޖް ފުރިހަމަ އެވެ. ދިވެހި ފަންނާނުންނަށް އެފެންވަރުގެ ސްޓޭޖެއް މި ފަހުން ފެނިފައެއް ނެތެވެ. އެ  ފުރިހަމަކަން ގެނެސްދިނީ ސްޓޭޖް ކޯ އިންނެވެ. އިހްސާސްކޮށްލެވެނީ ރާއްޖެއިން ބޭރުގެ ޝޯއެއް ހެންނެވެ. 

ޝޯގައި ގުގުމުން ދިޔައީ ދިވެހި އަމިއްލަ އުފެއްދުންތަކެވެ. ދިވެހި ފަންނާނުން ހުށަހެޅީ އަމިއްލަ ރާގެވެ. ދިވެހި ސަޕޯޓަރުންނަށް މީގެ ކުރިން މިހާ ގިނަ އަމިއްލަ ރާގުތައް އެއް ތަނަކުން ލައިވް ޝޯއަކުން ފެނިފައި ނުވާނެ ކަން ޔަގީނެވެ.

ދިވެހި މިއުޒިކް ލެޖެންޑެއް ކަމަށްވާ ލަވަކިޔުންތެރިޔާ އަހުމަދު ފަސީހް އޭނާގެ ބޭންޑް "ފަސީ ލައިވް" އާ އެކު 2016 ގައި މޯލްޑިވިއަން އައިޑަލް އިން އެއްވަނަ ހޯދި ލައިޝާ ޖުނެއިދު ވެސް ފެނުނެވެ. ފަސީ ނެރޭ އާ އަލްބަމްގައި އޭނާގެ އަޑު ހިމެނޭ ލަވައިގެ އޮރިޖިނަލް ފީޗާއެއް ހުށަހަޅާދިނެވެ.

2016 ގައި މޯލްޑިވިއަން އައިޑަލްގަ އެއް ވަނަ ހޯދި ލައިޝާ ޖުނެއިދު ޗަނާޗާގައި ލަވަ ހުށަހަޅަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)
ފަސީހް(ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)

އެޗޭސިއާގެ މިޔުޒިކުން އެތައް ބަޔަކަށް ހިތްހަމަޖެހުން ލިބުނެވެ. އެ ބޭންޑްގެ ރީތި ލަވަތައް މާހައުލު އިތުރަށް ފުރިހަމަކޮށްލަދިނެވެ.

  • އެޗޭސިއާގެ ބޭންޑްގެ މެންބަރު އިބްރާހިމް ޔާފިއު (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)
  • އެޗޭސިއާގެ ލީޑް ލަވަކިޔުންތެރިޔާ ހުސެއިން އިންފިތާހް ލަވަ ހުށަހަޅަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)
  • އެޗޭސިއާއާ އެކު ކޮލެބްރޭޓް ކުރި ވަންނައިޓްސްޓޭންޑްގެ މެންބަރު މުހައްމަދު ރީހާން (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)

ސްކައިރޮކްގެ 'ސަމުގާ' ޖެއްސި އިރު ސްކްރީންތަކުން ފެންނަ މަންޒަރުތަކުން އެ މިއުޒިކު ތެރެއަށް މީހާ އިތުރަށް ގަންބާލި އެވެ. ބޭންޑްގެ ކޮސްޓިއުމްއަކީ ފެހުންތެރިޔާ ޖާދުއްﷲ އިސްމާއިލްގެ ފުރިހަމަ މަސައްކަތެވެ. ދިވެހިވަންތަ އަދި ޒަމާނީ ގޮތްގަނޑެކެވެ. ޝޯ ފުރިހަމަކުރަން ތަފާތު ފަންނުވެރިއެއްގެ އިތުރު އެހެން މަސައްކަތެކެވެ.

  • އުމުރުން 25 އަހަރުގެ އިންޝާ އަހުމަދު، ސްކައިރޮކް ބޭންޑްގެ ލީޑް ލަވަކިޔުންތެރިޔާގެ ހުށެހެޅުމާއި ހެދުން ވެސް ފުރިހަމަ (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)
  • އަހުމަޒު ފައިޒަން ސްކައިރޮކްގެ ޑްރަމަރު ފޯރީގައި (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)
  • ސްކައިރޮކްގެ ލީޑް ގިޓަރިސްޓް ޒަޔާން ފައިސަލް: ސްކައިރޮކްގެ އިތުރުން ރެވިއޯގައި ވެސް ގިޓާ ކުޅުނު (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)

އިކުއެޓިކްވައިބް އެމީހުންގެ 'ގާދޫނި'ގެ އިތުރުން އާ ލަވައެއް ވެސް ދޫކޮށްލި އެވެ. ލަވަކިޔުންތެރިޔާ ޝައްމޫން މުހައްމަދު އެ ޕާފޯމްގެ ތެރެއަށް ވަދެފައި ހުރީ ވަރަށް ބޮޑަށެވެ. އޯޑިއަންސުން އެ ލޯބި އޭނާއަށް އަނބުރާ ދިނެވެ.

އިކުއެޓިިކްވައިބްގެ ލަވަކިޔުންތެރިޔާ ޝައްމޫންގެ ހުށެހެޅުން ވަރުގަދަ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
 ބޭންޑްގެ ފުރިހަމަަ މިޔުޒިކްގެ ތެރެއަށް ޝައްމޫން ވަދެ ހުރީ އެހާމެ ފުނަށް (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)

ސްރީ ލަންކާގެ ނަތާޝާ ރަތަނައިކަގެ ހުށެހެޅުމުން އެންމެންގެ ސަމާލުކަން ހޯދާ މުޅި ތަނުގެ ރޫހު ބަދަލުކޮށްލި އެވެ. މުޅި ޝޯގައި ވެސް ފުރަތަމަ ފަހަރަށް އިނގިރޭސި ލަވައެއް އިވުނު އޭނާގެ ފަރާތުންނެވެ. ލަވަޔާ އެއްވަރަށް ބެލުންތެރިން އަތް ނަގާ ނަށަން ފެށި އެވެ. ދިވެހި ބަހުގެ ޅެންވެރިކަމުން އިނގިރޭސި ޅެންވެރިކަމަށެވެ.

ޝޯއަށް ވަން އިރު މީހުންނަށް ދިން ދިއްލޭ އެތިކޮޅުތަކުގެ ކުލައިން ތަން ދިއްލަމުން އެންމެން އެ ލަވައިގެ ޖާދުލުގައި ޖެހުނު ކަހަލަ އެވެ.

ޝޯގެ ފޯރި ގަދަކޮށްލީ ނަތާޝާ ރަތަނައިކަގެ ހުށައެޅުމުން (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)
ހުރިހާ އުމުރެއްގެ މީހުންނަށް އިތުރު އުފާވެރިކަމެއް ގެނެސްދިން (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)

ޑިޓިއުން ބޭންޑްގެ ވަގުތުކޮޅު ވެސް އެހާމެ ހާއްސަ އެވެ. ބައެއް މީހުން މުޅި އާއިލާއާ އެކު ގޮސް ތުއްތު ކުދިން އުރާލައިގެން ތިއްބެވެ. އަނެއް ބަޔަކު ވިނަގަނޑު މަތީގައި އިށީނދެލައިގެންނެވެ. އަނެއް ބަޔަކު ބައިވެރިޔާ ގައިގައި ބާރަށް ބާއްދާލައިގެން މި މިއުޒިކްގަ އެވެ. އަނެއް ބަޔަކު ހުއްޓުމެއް ނެތި ފޯރި ނަގަނީ އެވެ. ވަރުބަލި ކަމެއް އިހްސާސެއް ނުވި އެވެ. ވަގުތު ކުޑަ ކަމުން މާ ގިނަ ލަވަތަކެއް ކިޔައިދެވެން ނެތް ކަމަށް ބޭންޑުން އެންގި އެވެ. އެކަމަކު 'ނަށާލާ' ހުށަހަޅައިދިނީ ދިނީ ފޯރިއާ އެކު އެވެ. އޯޑިއަންސުން އަތްޖަހަމުން ދިޔަ އެވެ. 

  • ޑިޓިއުން ބޭންޑްގެ ލަވަކިޔުންތެރިޔާ އަހުމަދު ފުރުޤާން(ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)
  • ޑިޓިއުންގެ ލަވަކިޔުންތެރިޔާ ފާތިމަތު ފެޒްލީން(ފެޒޫ) ފޯރީގައި
  • ފެޒޫ އާއި ޑިޓިއުން ޗަނާޗާއަށް އެރި އިރު އެ ބޭންޑަށް ވަނީ މި އަހަރު ގައުމީ އިނާމު ވެސް ލިބިފައި

ޒުވާނުންގެ ހިތް އަތުލި އެއް ބޭންޑަކީ ރެވިއޯ އެވެ. އެމީހުންގެ ލަަވަތަކާ އެކު ނެށުމުގެ ބައި ވެސް ކުރިއަށް ދިޔަ އެވެ. 'ހޫރެއް ފަދައިން'ގެ ވީޑިއޯ ލަވައިގެ އުޅޭ އެކްޓަރުން ނެށުމުގެ ހަރަކާތްތަކެވެ. އާ ލަވަ 'ނީނާ' ވެސް އެ ފޯރިގަނޑުގައި ދޫކޮށްލި އެވެ. ފޭނުންގެ ފެވަރިޓް 'އުދުހިލާ' ކިޔަމުން ގެންދިޔައީ އޯޑިއަންސް އެވެ. 

  •  ރެވިއޯއިން އޯޑިއަންސް އުދުއްސާލި: ޒުވާން ފަންނާނު 24 އަހަރުގެ އަހުމަދު ހުމާމް (ޒޯލޯ) ލަވަކިޔަނީ(ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)
  • ސްކައިރޮކްގެ ހުށެހެޅުމަށް ފަހު، ޒަޔާން އަވަސްވެގަތީ ރެވިއޯގައި މިޔުޒިކް ފުރިހަމަކޮށްލަން(ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)
  • ބޭސިސްޓް އިނާން އާދިލް ފޯރީގައި: ހަތަރު ބޭންޑަކާ އެކު އޭނާ ޕާފޯމްކުރި (ދަައުރުފޮޓޯ/އަބްދުﷲ ޔަޝާއު)

ސިމްބޮލިކް ރެކޯޑްސްގެ ރެޕަރުން ހުސް ހުދުގައި މިފަހަރު ސްޓޭޖަށް އެރީ އެންމެ މަގުސަދެއްގަ އެވެ. އެމީހުން ބޭނުންވާ ބަސް ބުނުމަށެވެ. ސިޔާސީ ބަސްތަކެވެ. 'ވެރިންގެ ވެރިކަން' އާއި 'ގައްދާރު' އިއްވާލި އެވެ. ހިތްގައިމެވެ.

ސިމްބޮލިކުގެ ހުށެހެޅުމުން އޯޑިއަންސް ރެޕްކުރަން ފެށި: ގިނަ ބަޔަކު ފޯނުން ރެކޯޑްކޮށް ސޯޝަލް މީޑިއާއަށް ވަގުތުން އަޕްޑޭޓް ކުރަމުން ދިޔަ (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)
ސިމްބޮލިކްގެ ރައްޔާން މުހައްމަދު (ރައިޑޭ) ލަވައެއްގައި (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)

ޝޯގައި އެންމެން ވެސް އިންތިޒާރުކުރި އެއް ފަންނާނަކީ ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑިލޯކާ ޑިސިލްވާ އެވެ. އޭނާގެ ހިންދީ ލަވަ 'އެކި ލަޅްކީ ކީ އޭސާ' އާއި 'ޗައްމަކަޗައްލޯ' ހުށައެޅި އެވެ. އޭނާގެ މަޝްހޫރު މަނީކޭ މަގޭ ހިތޭ އާއި ލަންކާ ބަހުން އަމިއްލަ ރެޕަކާއި ސަގާފީ ބީޓެއްގެ ލަވައެއް ވެސް ގެނެސްދިނެވެ.

  • ޔޮހާނީ: ޝޯއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން (ދައުރުފޮޓޯ/ އަބްދުﷲ ޔަޝާއު)
  • ޔޮހާނީ ލަވަ ހުށަހަޅާލަ ދޭއިރު އެތައް ބަޔަކު ފޯރީގައި (ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)
  • ޔޮހާނީ: ހިންދީ އާއި ލަންކާ ބަހުން ވެސް ލަވަކީ (ދައުރުފޮޓޯ/ އަބްދުﷲ ޔަޝާއު)

ސަގާފީ ލަވައާ އެކު ފޭނުން ބޮޑު ބެރު ސްޓައިލަށް ނަށަން ފެށި އެވެ. މިއުޒިކަކީ ވަކި ނަސްލެއް އޮންނަ އެއްޗެއް ނޫނެވެ. އެއީ ރޫހެކެވެ. ޝޯ ބަލަން ގޮސް ތިބި ލަންކާ ފޭނުން އުތުރިއަރަން ފެށި އެވެ. އެންމެން އެއްކޮށްހެން ނަށައިގަތީ އެެވެ.

ޔޮހާނީއަށް ފަހު، ބައިސްކޯފުގެ ބޭންޑް، "ހަމްބަލް ބަކަރި" އެވެ. އެމީހުންނާ އެއްކޮށް ލަވަ ހުށަހެޅި ފަންނާނުންނަށް ފޯރިދޭން އެތައް ބަޔަކު ކުރިއަށް ޖެހުނެވެ. ކުރީގެ ސަލްޓަންސް ބޭންޑްގެ ލަވަކިޔުންތެރިޔާ ހުސެއިން މުއާދުގެ އަޑު ޖެހުމުން އެތައް ބައެއްގެ ހަނދާނަށް 90ގެ އަހަރުތައް ވެރިވެގަތެވެ.

ހަމްބަލް ބަކަރިއާ އެކު ލަވަކީ ހަދީޖާ މުހައްމަދު (ރިޒޫ) (ފޮޓޯ/އެޗްޑީސީ)

މުހައްމަދު މައިސާން މުމްތާޒް (ބޮކިޓޯސް) އޭނާގެ ހުރި ހުރިހާ ހަކަތައެއް ސްޓޭޖް މަތިން ދައްކާލި އެވެ.  ލަވަކިޔުންތެރިޔާ ހަދީޖާ މުހައްމަދު (ރިޒޫ)ގެ ހުށެހެޅުން ވެސް ވަރުގަދަ އެވެ. އެންމެންގެ ލޯތައް ހުއްޓިފައި ހުރީ އޭނާއާ ދިމާލަށެވެ.

ޓްރެފިކް ޖޭމް ދަންކޮށްލާފައި އެރިއިރު ވެސް ފޯރި އޮތް (ފޮޓޯ/ސާމާހު އާމިރު)

ހަމްބަލް ބަކަރިއަށް ފަހު ދެން އޮތީ ރޮކް ބޭންޑް ޓްރެފިކް ޖޭމެވެ. އެމީހުންގެ ސަޕޯޓަރުން ސްޓޭޖާ ދިމާލަށް ދުއްވައިގަތީ ފޯރިއާ އެކު އެވެ. އާ ލަވަ 'ދިވެހިންނަށް ދިވެހިން' ގެނެސްދިނެވެ. ސްޓޭޖްގެ ވަށައިގެން ހުރި ސްކްރީންތަކުން ފޭނުންނަށް ހިތްވަރު ދެނީ ސަޕޯޓް ދިނުމަށެވެ. އަޑުގަދަކޮށްލުމަށެވެ. ބޭންޑްގެ އެ އެދުމަށް ކަމޭހިތި އެވެ.

މި ބޭންޑްގެ އެއް ލަވަ ބަލާލައިފައި ދެން ދާން ޖެހުނީ ގެއަށެވެ. ސަބަބަކީ ލަވަކިޔުންތެރިޔާ މުހައްމަދު ރަޝީދު (ކަޔާނޯ)ގެ މަންމައަށް ލަސްވާ ގޮތަށް 1:30 ނުވިޔަސް އެތައް ބަޔަކަށް ލަސްވީ އެވެ.

 ޗަނާޗާ ޝޯ ބަލަން އެތައް ހާސް ބަޔަކު އެއްވި(ދައުރު ފޮޓޯ/ އަބްދުﷲ ޔާޝާއު)

ބައިސްކޯފްގެ ޗަނާޗާ ވަރަށް ފުރިހަމަ އެވެ. ދިވެހި އަމިއްލަ އުފެއްދުންތެރިކަން ބަލައިލަން ދަނޑު ފުރޭހާ މިންވަރަށް މީހުން ވަނީ ވެސް އެ އުއްމީދުގަ އެވެ. ފަންނާނުން ހުނަރުވެރި އެވެ. މާހައުލު ވެސް ފުރިހަމަ އެވެ.

ރައީސް އިބްރާހިމް ސޯލިހް، ޗަނާޗާ ޝޯގައި (ފޮޓޯ/އެޗްޑީސީ)

ޝޯ ބައްލަވާލައްވަން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ޓުއަރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމް ވެސް ވަޑައިގަތެވެ. 

ޝޯ އަށް ފަހު ސޯޝަލް މީޑިއާ ފުރާލާފައި ވަނީ އޭގެ ވީޑިއޯ އާއި ފޮޓޯތަކުންނެވެ. އޭގެ ތެރޭގައި ފަންނާނުންނާ ބެހޭ މިނިސްޓަރު ޔުމްނާ މައުމޫނު ވެސް ހިމެނެ އެވެ.

މި ޝޯގެ ވާހަކަ މި ޝޯ ބަލަން ދިޔަ މީހުންގެ ހަނަދާނުގައި އަދި މި ޝޯގެ ފޯރި ސޯޝަލް މީޑީއާގައި އެތަށް ދުވަހަކަށް ދެމިގެންދާނެ އެވެ. ސަބަބަކީ ފިސާރި، ފޯރިގަދަ ފަންނުވެރިންނެވެ. މިއަހަރު ނުދެވުނު މީހުން މިއަންނަ އަހަރަށް ތައްޔާރު ވާށެވެ. އަދި މިފަދަ ޝޯއެއް މިހާ ފުރިހަމަކޮށް އިންތިޒާމް ކުރީތީ ބައިސްކޯފަށް ހޫނު އަތްތިލަ ބަޑި އެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް