އުމުރުން 5 އަހަރުގެ ސަދާ މަރުވީ ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ވަނީ ނިންމާފައި. (ފޮޓޯ/އާއިލާ)

އެޗްއާރުސީއެމުގެ ތަހުގީގުން ވެސް ނިންމީ ސަދާގެ މަރުގައި އިހުމާލު އޮތް ކަމަށް

މި މައްސަލައިގައި ހިމެނޭ ނަރުހުންނާއި ޑޮކްޓަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް މިހާރު ވަނީ ފަށާފައި

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ސަދާ ސައުދުﷲއަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން އިހުމާލުވެފައިވާ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ކުރި ތަހުގީގުން ވެސް ހާމަވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ބަނޑުގައި ރިިއްސައި ހޮޑުލާތީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ސަދާ މަރުވީ މިދިޔަ އޮކްޓޯބަރު 3ގައި އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. ދެމަފިރިއެއްގެ އޭރު ހުރި ހަމައެކަނި އަންހެން ދަރިފުޅު މަރުވީ ހޮސްޕިޓަލްގެ ފަރުވާކުޑަކަމުން ކަމަށް ބުނެ އާއިލާ އިން ނުރުހުން ފާޅުކޮށް މުޒާހަރާކުރަން ފެށުމުން ހެލްތުން ނިންމީ އެ މައްސަލަ ބެލުމަށެވެ.

ސަދާ މަރުވީ އެ ކުއްޖާގެ ހާލަތު ބެލުމެއް ނެތި ދިން ނުގުޅޭ ފަރުވާތަކެއްގެ ސަބަބުން ކަމަށް ވާތީ އެ ކަމުގައި އިހުމާލުވި އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ފިޔަވަޅު އެޅުމަށް ހެލްތު މިނިސްޓްރީން އަންގާފައިވެ އެވެ.

ވީ ކިހިނެއް؟ - މި މައްސަލަ ސަދާގެ އާއިލާ އިން އެޗްއާރުސީއެމަށް ހުށަހެޅުމުން، އެ ތަނުން ވަނީ މައްސަލަ ތަހުގީގުކޮށް، އެކަމާ ގުޅޭ ގޮތުން ނިންމި ގޮތް އާއިލާއާ ހިއްސާކޮށްފަ އެވެ.

މިދިޔަ މަހުގެ 28ގައި ނިންމި ތަހުގީގުގައި އެޗްއާރުސީއެމުން ބޮޑަށް ރިއާޔަތްކޮށްފައިވަނީ، އެ މައްސަލައިގައި ހެލްތު މިނިސްޓްރީންނާއި މޯލްޑިވްސް މެޑިކަލް އަދި ޑެންޓަލް ކައުންސިލުން ނެރެފައިވާ ރިޕޯޓަށެވެ.

ސަދާ: އޭނާގެ ހަނދާނުގައި މައިންބަފައިން ވަނީ ކްލިނިކެއް ހުޅުވާފައި.

އެ ރިޕޯޓާ ހަވާލާދީ އެޗްއާރުސީއެމުން ބުނީ:

  • ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުން ރަނގަޅަށް ޓެސްޓުނުކޮށް އަދި މެޑިކަލް ހިސްޓްރީ ބަލާފައި ނުވާ ކަމަށް

  • ކުއްޖާއަށް ފަރުވާ ދިނުމަށް ޑޮކްޓަރު އިމަޖެންސީ ރޫމަށް ދިޔައީ ވެސް 30 މިނިޓް ލަހުން ކަމާއި ވަގުތުން ފަށަން ޖެހޭ 'ފްލުއިޑް ތެރަޕީ' ވެސް ފެށީ ގަޑިއިރެއް ފަހުން ކަމަށް

  • ކުއްޖާ މަރުވުމާ ހަމައަށް ވެސް ނަރުހުން ވިންދު ޗެކްކޮށްފައި ނުވާ ކަމަށް

  • ލެބޯޓަރީ ތަހުލީލުތަކުގައި ހުންނަން ޖެހޭ ރޭންޖަށް ވުރެ ދަށް ނުވަތަ މަތިވެފައި ވާނަމަ، ލެބޯޓަރީ ޓެކްނީޝަން އެކަން ޑޮކްޓަރަށް ނުވަތަ އަންގަން ޖެހުނު ނަމަވެސް އެކަން ކޮށްފައި ނުވާކަން

މި މައްސަލައިގައި ދައުލަތުގެ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް ވެސް އެޗްއާރުސީއެމުން ބެލި އެވެ.

އެ ތަނުން ބުނި ގޮތުގައި:

  • މި މައްސަލަ ހެލްތުން ބަލައި ފާހަގަކުރެވުނު ކަންކަމާއި ރަނގަޅު ކުރަން ޖެހޭ ކަންކަން މެޑިކަލް ކައުންސިލާ ވަނީ ހިއްސާކޮށްފައި

  • މައްސަލަ އެ ކައުންސިލުން ރިވިއުކޮށް، އިހުމާލުވި ޑޮކްޓަރުންގެ ރަޖިސްޓްރޭޝަނާއި ލައިސަންސް ވަނީ ބާތިލްކޮށްފައި (އިހުމާލުވި ދެ ޑޮކްޓަރުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ވަޒީފާއިން ވަކިކޮށް، އަނބުރާ ގައުމަށް ފޮނުވާލާފައި)

  • ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް

  • ނާސިން އަދި މިޑްވައިފްރީ ކައުންސިލުން މައްސަލަ ބަލަމުންދާ ކަމަށް

އެޗްއާރުސީއެމުން މި މައްސަލަ ނިންމީ، ސިއްހީ އިހުމާލުގެ މި މައްސަލަ ކަމާ ގުޅޭ އިދާރާތަކުން ތަހުގީގުކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެކަމަކު މި މައްސަލައިގައި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޝަރުއީ ކޯޓަށް ހުށަހެޅުމުގެ ފުރުސަތުގެ ހައްގު ގެއްލިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އާއިލާގެ ބަސް - އާއިލާ އިން ވަނީ، މި މައްސަލައިގައި މިހާތަނަށް ނަރުހުންނަށް ވެސް އަދި ޑޮކްޓަރުންނަށް ވެސް އިތުރު ފިޔަވަޅެއް އަޅާފައި ނުވާތީ، އެކަމުގައި ޖިނާއީ ދައުވާ ކުރުމަށް މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ.

ސަދާގެ ބައްޕަ، ސައުދުﷲ އަހުމަދު ހަސަން ބުނީ އާއިލާއަށް މި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް، އެކަން ޝަރީއަތަށް ހުށަހެޅޭނީ، މައްސަލަ ހެލްތު މިނިސްޓްރީން ނިންމި ގޮތާ ގުޅޭ ގޮތުން އެ ތަނުގެ އަސްލު ލިޔުމެއް ލިބުމުން ކަމަށެވެ.

އަދި މިހާތަނަށް އެ ލިޔުން ނުލިބޭއިރު، އެ ހޯދުމަށް ވަކީލުންގެ އެހީގައި ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.

ސައުދުﷲ ބުނީ މި މައްސަލައިގައި ފުލުހުން ކުރާ ތަހުގީގު ވެސް ބާރަށް ކުރިއަށް ދާ ކަމަށެވެ. އެގޮތުން މައްސަލަ ތަހުގީގު ކުރުމަށް، ވަރަށް އަވަހަށް ފުލުހުންގެ ޓީމެއް މާލެއިން ފުވައްމުލަކަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

އަންހެން ދަރިފުޅުގެ ހަނދާނުގައި ސައުދުﷲ އާއި އޭނާގެ އަންހެނުން މިހާރު އަންނަނީ، ފުވައްމުލަކުގައި ކްލިނިކެއް ހިންގަމުންނެވެ. އެ މީހުންގެ މަގްސަދަކީ ދަރިފުޅަށް ދިމާވި ފަދަ ކަަމެއް އިތުރު މީހަކަށް ދިމާ ނުވެ، އެންމެ ރަނގަޅު ފަރުވާ ރަށުގައި ހުރެގެން ހޯދުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް