Majlis 2024

ބަޔާން މިއުނިކުގެ ފޯވާޑް ލެވޮންޑޮސްކީ.

ބަޔާން މިޔުނިކް

ބަޔާން މިއުނިކް ދޫކޮށްލަން ލެވޮންޑޮސްކީ ނިންމައިފި

އޭނާ ބަދަލުވާނެ ކަމަށް ބެލެވެނީ ބާސެލޯނާ އަށް

މި ސީޒަން ނިމުމުން ބަޔާން މިއުނިކް ދޫކޮށްލާނެކަން އެ ޓީމުގެ ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ މެނޭޖްމަންޓަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބަޔާންއާ އެކު ލެވޮންޑޮސްކީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ ސީޒަން ނިމުމުންނެވެ. އޭނާ ބޭނުންވަނީ އެހެން ގައުމެއްގެ ފުޓްބޯޅަ ތަޖުރިބާކުރުމަށްޓަކައި މި ސީޒަން ނިމުމުން ކްލަބް ދޫކޮށްލާށެވެ.

ލެވޮންޑޮސްކީ، 33، ގެންދަން މަސައްކަތްކުރަމުން އަންނަ ކްލަބްތަކުގެ ތެރޭގައި ބާސެލޯނާ ހިމެނެ އެވެ.

ބަޔާނުން ވެސް ވަނީ ލެވޮންޑޮސްކީ މަޑުކުރުވަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެ ކްލަބުގެ ޗީފް އެގްޒެކެޓިވް އަދި ކުރީގެ ގޯލްކީޕަރު އޮލިވާ ޚާން ދާދި ފަހުން ބުނީ ސީޒަނެއްގައި 30-40 ގޯލް ޖަހާ ފޯވާޑަކު ވިއްކާލުން ވާނީ މޮޔަކަމަކަށް ކަމަށާއި ވަރަށް އަވަހަށް ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ބާއްވާނެ ކަމަށެވެ.

އެހެންވިޔަސް ކްލަބް ދޫކޮށްލަން ބޭނުންވާކަން އޭނާ މިހާރު ރަސްމީކޮށް އަންގާފައިވާތީ އެ މަސައްކަތް އެ ކްލަބުން ހުއްޓާލާފައިވާ ކަމަށްވެ އެވެ.

އެއާ އެކު ބަޔާނުން ދެން މަސައްކަތްކުރާނީ، ރިޕޯޓްތައް ބުނާ ގޮތުގައި ޓްރާންސްފާ ފީ އެއް ނަގައި ލެވޮންޑޮސްކީ މި ސީޒަން ނިމުމުން ވިއްކާލާށެވެ. އަންނަ ސީޒަނަށް ފަހު އޭނާ ކްލަބް ބަދަލުކުރާ ނަމަ އެހެން ޓީމަކަށް ހިލޭ ދެވޭނެ އެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭސް އަންނަނީ ލެވޮންޑޮސްކީ ގެންނަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. ކްލަބް ފޯމު އަލުން ރަނގަޅުކުރުމަށްޓަކައި، ސީޒަނެއްގައި ޔަގީންކޮށް ތިރީހަކަށް ލަނޑު ޖަހާ ފޯވާޑެއް ގެންނަން އޭނާ ބޭނުންވާ ކަމަށްވެ އެވެ.

ބޮރޫޝިއާ ޑޯޓްމަންޑުން 2014 ވަނަ އަހަރު ބަޔާން އަށް ބަދަލުވި ލެވޮންޑޮސްކީ ވަނީ އެ ޓީމާ އެކު ޖަރުމަން ލީގު އަށް ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭނާ އެ ޓީމަށް 374 މެޗުން 343 ގޯލް ޖަހައިދީފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް