ޗެލްސީގެ ޑިފެންޑަރު ރުޑިގާ.

ޗެލްސީ

ޗެލްސީ ދޫކޮށްލީ ފިޔަވަޅުތަކާ ގުޅިގެންނެއް ނޫން: ރުޑިގާ

އޭނާ ވަނީ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައި

ޗެލްސީގެ ކޮންޓްރެކްޓް އާނުކުރީ އެ ކްލަބާ މެދު އިނގިރޭސި ސަރުކާރުން ފިޔަވަޅު އަޅާފައިވާތީ ނޫން ކަމަށް އެ ޓީމުގެ ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ބުނެފި އެވެ.

ރުޑިގާ ވަނީ މި ސީޒަނަށް ފަހު ޗެލްސީގެ ކޮންޓްރެކްޓް ހަމަވުމުން ރެއާލް މެޑްރިޑަށް ބަދަލުވާން ހުރިހާ ކަމެއް ނިންމައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރުޑިގާ ކޮންޓްރެކްޓް އާކުރުމުގައި ޗެލްސީ އަށް ނާކާމިޔާބުވި އެއް ސަބަބަކީ، އެ ކްލަބް މައްސަލަގަނޑެއްގެ ތެރޭގައި އޮތުމެވެ.

ޗެލްސީގެ ކުރީގެ ވެރިޔާ ރޯމަން އަބްރަހަމޮވިޗަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއާ ގާތް ގުޅުމެއް އޮންނަ މީހަކަށް ވާތީ، ރަޝިއާ އިން ޔޫކްރޭނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އިނގިރޭސި ސަރުކާރުން އެ ކްލަބް ހިންގުން ހުއްޓުވާލި އެވެ. ފަހުން ވަނީ ވަގުތީ ހުއްދައެއް ދީފަ އެވެ. އަދި އިނގިރޭސި ސަރުކާރުގެ އެންގުމާ ގުޅިގެން އަބްރަހަމޮވިޗް ވަނީ ޗެލްސީ ވިއްކާލައިފަ އެވެ.

އެކަމަކު އޭރު ރުޑިގާ ވަނީ ރެއާލަށް ބަދަލުވާން އެއްބަސްވެފަ އެވެ.

އެފްއޭ ކަޕުގެ ފައިނަލުން ރޭ ޕެނަލްޓީ ޖަހައިގެން ލިވަޕޫލް އަތުން ބަލިވި މެޗަށް ފަހު ރުޑިގާ ބުނީ އެކަމުގައި މާ ގިނަ ވާހަކަތަކެއް ދައްކަން ބޭނުންނުވާ ކަމަށެވެ.

"އަހަންނަށް ޗެލްސީ ވަރަށް ރަނގަޅު. އަދި އަހަރެން ވެސް ޗެލްސީ އަށް ކަންކޮށްދިނީ ރަނގަޅަށް. އަހަންނާއި އަހަރެންގެ އާއިލާ އިން ޗެލްސީއާ މެދު ޝުކުރުވެރިވަން،" ރުޑިގާ ބުންޏެވެ.

"ޗެލްސީގައި އަހަރެން މަޑުކުރުމުގެ ފުރުސަތު އޮތް. އެކަމަކު އެކަންނުވީ ފިޔަވަޅުތަކާ ގުޅިގެންނެއް ނޫން."

ރޯމާ އިން 2017 ވަނަ އަހަރު ޗެލްސީއާ ގުޅުނު ރުޑިގާ އަކީ އެ ޓީމުގެ ޑިފެންސުގެ މައި ތަނބެކެވެ. އެ ޓީމުން އޭނާއާ މެދު ދެކެނީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާގެ ގޮތުގަ އެވެ. އުމުރުން 29 އަހަރުގެ ކުޅުންތެރިއާ ވަނީ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕާއި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރެއާލް ފަދަ ތާރީހީ ވަރުގަދަ ކްލަބަލުން އަމުދުން އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ އިސްވެ ބޭއްވި ވާހަކަތަކުން ރުޑިގާގެ ހިޔާލު ރެއާލާ ދެކޮޅަށް އެނބުރުނީ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ރެއާލަށް ބަދަލުވާން އެއްބަސްވީ ޗެލްސީން ދޭން ބުނި މުސާރައަށް ވުރެ ކުޑަ އަދަދަކަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރުޑިގާގެ ބަދަލުގައި ޗެލްސީން ގެންނަން މަސައްކަތްކުރާ ކުޅުންތެރިންގެ ތެރޭގައި އިޓަލީގެ ނަޕޯލީގެ ކަލިދޫ ކޫލިބަލީ އާއި ޓޮރިނޯގެ ގްލެއިސަން ބްރޭމާ ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް