Majlis 2024

ފެންބޮޑުވުމުގެ ސަބަބުން ލޯގާރް ޑިސްޓްރިކްޓުގެ ގެތަކަށް ލިބިފައިވާ ގެއްލުންތައް (ރޮއިޓާސް)

އަފްގާނިސްތާން

ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އަފްގާނިސްތާނަށް ބޮޑެތި ގެއްލުންތަކެއް

އަފްގާނިސްތާނުގެ އާބާދީގެ ދެބައިކުޅަ އެއްބައި ވަނީ އިންސާނީ އެހީއަށް ޖެހިފައި؛ އަދި މިލިއަނެއްހާ ކުޑަކުދިން ވަނީ ބަނޑަށް ޖެހިފައި

ގަދަ ވިއްސާރައާ އެކު ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އަފްގާނިސްތާނުގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، 180 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އަފްގާނިސްތާނުގެ ހުރިހާ ހިސާބުތަކަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 8،000 އެއްހާ މީހުންނަށް އަމިއްލަ ގެދޮރުން ނުކުންނަން މަޖުބޫރުވެފައި ވާއިރު، މަދުވެގެން 3،000 ގެދޮރަށް ވަނީ ގެއްލުންވެފަ އެވެ.

އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ ކުނާރު، ލަގްމަން، ލޯގާރް، ވަރްދަކު، ނަންގަހާރް، ނޫރިސްތާނު، ޕަކްތިއާ އަދި ޕަރްވާނަށް ކަމަށް އދ. ގެ އޮފީސް ފޮ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާސް (ޔޫއެން އޯސީއެޗްއޭ) އިން ވަނީ ބުނެފަ އެވެ.

ޔޫއެން އޯސީއެޗްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފެންބޮޑުވުމުގެ ކުއްލި ހާދިސާތަކުގެ ސަބަބުން މި މަހު އެކަނި ވެސް އަފްގާނިސްތާނުން 118 މީހުން ވަނީ މަރުވެފަ އެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އަފްގާނިސްތާނުގެ ގިނަ ޕްރޮވިންސުތަކެއްގައި ފާއިތުވެދިޔަ ހަފްތާތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. މި ކާރިސާތަކުގައި ލޯގާރް ޕްރޮވިންސުގެ 20 މީހުން މަރުވެ އިތުރު 30 މީހަކަށް ވަނީ އަނިޔާވެފަ އެވެ. 

ހަނަފަސްކަމާއި ބިންހެލުންތައް ފަދަ ގުދުރަތީ ގިނަ ކާރިސާތަކެއް އަފްގާނިސްތާނަށް މި އަހަރު ދަނީ ކުރިމަތިވަމުންނެވެ. މިދިޔަ ޖޫން މަހު އެ ގައުމަށް އައި ބިންހެލުމެއްގައި މަދުވެގެން 1،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަަދި އަފްގާނިސްތާނުގެ ވެރިކަމާ މިދިޔަ އަހަރު ތާލިބާނުން ހަވާލުވުމާ ގުޅިގެން އެ ގައުމު ވަނީ ބައިނަލްއަގްވާމީ މުޖުތަމައުގެ މާލީ ނިޒާމުތަކުން ވަރަށް ބޮޑަށް އެކަހެރިވެފަ އެވެ.

ފެންބޮޑުވުންތަކާ ގުޅިގެން މީހުންގެ ފުރާނައަށާއި އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ތާލިބާން ސަރުކާރުގެ ޑިޒާސްޓާ މެނޭޖްމަންޓާ ބެހޭ އިދާރާގެ ނާއިބު ވަޒީރު މުއްލާ ޝަރަފުއްދީން މުސްލިމް ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ހަކަތަ އާއި ފެނާ ބެހޭ ވަޒީރު ބުނިގޮތުގައި 750 ފެން ތާނގި އާއި 329 ޑޭމް އާއި ފެން ދައުރުކުރާ 441 ބޮޑެތި މަގު ވަނީ ހަލާކުވެފަ އެވެ. އަދި ހަ ލައްކަ އޭކަރުގެ ދަނޑުބިމުގައި ފެންބޮޑުވެ ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައިވާ ކަމަށް ދަނޑުވެރިކަމާ ބެހޭ ވަޒީރު މުއްލާ އަތާއުއްލާ އޮތާރީ ބުނެފައިވެ އެވެ. އަފްގާނިސްތާނުން މިހާރު ތަޖުރިބާކުރަމުން ދަނީ "އިންސާނީ ކާރިސާއެއް" ކަމަށާއި ބައިނަލްއަގްވާމީ އެހީތެރިކަން ދިނުމަށް އެދޭ ކަމަށް އޮމާރީ ބުންޏެވެ.

މިދިއަ އަހަރުގެ އޮގަސްޓު މަހު ތާލިބާނުން އަފްގާނިސްތާނުގައި އޮތް ސަރުކާރު ވައްޓާލައި އެ ގައުމުގެ ވެރިކަމާ ހަވާލުވުމާ އެކު، އަފްގާނިސްތާނު ތަރައްގީކުރުމަށް ހުޅުވާލާފައި އޮތް ބައިނަލްއަގްވާމީ ފަންޑު ވަނީ ގަނޑުކޮށްފަ އެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ މާޓިން ގްރިފިތުސް ވަނީ އަފްގާނިސްތާނުގެ ހަ މިލިއަން މީހުން ބަނޑަށް ޖެހުމުގެ ބިރު ކުރިމަތިވެފައި އޮތުމުން، އެ ފަންޑަށް އަލުން އެހީތައް ފޯރުކޮށްދެމުން ގެންދިއުމަށް، އެހީދޭ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.

ގްރިފިތުސް އދ. ގެ ސަލާމަތީ މަޖިލީހަށް މައުލޫމާތު ދެއްވި ގޮތުގައި އަފްގާނިސްތާނަށް ވަނީ ގިނަ ކާރިސާތަކެއް ކުރިމަތިވުމުގެ ބިރު ހީވެފަ އެވެ. މީގެ ތެރޭގައި އިންސާނީ، އިގްތިސާދީ، މޫސުމީ އަދި ބަނޑަށް ޖެހުމާއި މާލީ ކާރިސާތައް ހިމެނޭ ކަމަށާއި ކުރިއަށް އޮތް ފިނި މޫސުމުގައި އަފްގާން ރައްޔިތުންނަށް އެހީތެރިވުމަށް އެހީދޭ ފަރާތްތަކުން ވަގުތުން 770 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ގްރިފިތުސް ގޮވާލެއްވި އެވެ.

ހަމަނުޖެހުން، ފަގީރުކަން، މޫސުމީ ގެއްލުންތައް އަދި ކާބޯތަކެތީގެ ތަދުމަޑުކަމުގެ ހާލަތަކީ "ޒަމާންތަކެއް ވަންދެން އަފްގާނިސްތާނަށް ކުރިމަތިވެފައި ހުރި ހިތްދަތި ހަގީގަތްތަކެއް،" ގްރިފިތުސް ވިދާޅުވި އެވެ. މިހާރު ހާލަތު މިހާ ގޯސްވެފައި މިވަނީ ތަރައްގީގެ ބޮޑެތި އެހީތައް ހުއްޓުމުންކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ފަގީރުކަން އިތުރުވަނީ، އާބާދީ ބޮޑުވަނީ، އަދި ގައުމާ ހަވާލުވެފައިވާ ފަރާތްތަކުގެ އަތުގައި ގައުމުގެ މުސްތަގުބަލަށް އިންވެސްޓު ކުރާނެ ބަޖެޓެއް ނެތް. ތަރައްގީގެ ބައެއް އެހީތައް އަލުން ފައްޓަން ޖެހޭކަން އަހަރެމެންނަށް ވަރަށް ސާފު،" ގްރިފިތުސް ވިދާޅުވި އެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އަފްގާނިސްތާނަށް ކުރިމަތިވެފައިވާ ހާލަތާ ގުޅޭ (ވީޑިއޯ/ އަލްޖަޒީރާ)

އަފްގާނިސްތާނުގެ އާބާދީގެ 39 މިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުން ވެއެވެ. ހަ މިލިއަން މީހުންނަށް ވަނީ ބަނޑަށް ޖެހުމުގެ ބިރު ކުރިމަތިވެފަ އެވެ. އަދި މިލިއަނަކަށް ވުރެ ގިނަ ކުޑަކުދިންނަށް ވަނީ "އަންދާޒާކުރެވޭ ގޮތުގައި އެންމެ ބިރުވެރި، ފުރާނައަށް ނުރައްކާކުރާ ވައްތަރުގެ މެލްނިއުޓްރިޝަނާ ކުރިމަތިވެފަ" އެވެ. ރަނގަޅު ފަރުވާ ނުލިބިއްޖެ ނަމަ އެ ކުދިން މަރުވާނެ ކަމަށް ގްރިފިތުސް ވިދާޅުވި އެވެ.

ބޭރުގެ އެއްވެސް ސަރުކާރަކުން އަފްގާނިސްތާނުގައި އޮތް ތާލިބާނުގެ ސަރުކާރު ރަސްމީކޮށް އަދި ބަލައިގެންފައި ނުވާއިރު، ތާލިބާނުންނާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފަ އެވެ. އަދި މި ސަބަބާ ހުރެ އަފްގާނިސްތާނުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އދ. އާއި އެހީދޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް