Majlis 2024

ކެމްޕޭން ދަތުރުގެ ތެރެއިން ގއ. މާމެންދޫ ޖަގަހައިގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ ނަޝީދުގެ ކެމްޕޭން ޓީމް)

ރައީސް ކޯލިޝަން ހައްދަވައިގެން ތިއްބެވީ ޔާމީނަށް ވުރެ ބިރުވެރި މީހުންނާ: ނަޝީދު

ނަޝީދު ވިދާޅުވީ ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މީހުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުން ބުނާހާ ގޮތެއް ހަދަން ނުޖެހޭ ކަމަށް
21 ޖެނުއަރީ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޯލިޝަން ހައްދަވައިގެން ތިއްބެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވުރެ މާ ބިރުވެރި ބޭފުޅުންނާ އެކު ކަމަށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނަޝީދު ކުރީގެ ރައީސް ޔާމީނާ އެކު ކޯލިޝަނެއް ހައްދަވާފާނެ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައީސް ސޯލިހުގެ ކެމްޕޭނުގައި ރޭ މާލޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެންމެ ބިރުހީވަނީ ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ޔާމީނާ އެކީ ކޯލިޝަނެއް ހައްދަވާފާނެތީ ކަމަށެވެ.

އެ ވާހަކަތަކަށް، އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ގއ. އަދި ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނަޝީދު ވަނީ ގއ. މާމެންދުއަަށް ވަޑައިގެން އެ ރަށުގައި ހުންނަ އެ މަނިކުފާނުގެ ކެމްޕޭނު ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ރައްދު ދެއްވާފަ އެވެ.

މާމެންދޫގައި ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ކޯލިޝަން ހައްދަވައިގެން ތިއްބެވީ މާ "ބިރުވެރި" ބޭފުޅުންނާ އެކު ކަމަށެވެ.

ބުނީ ކީކޭ؟ - "... އިއްތިހާދު ހަދައިގެން މި ތިބީ [ކުރީގެ] ރައީސް މައުމޫން [އަބްދުލްގައްޔޫމް]އާ އެކީ. ދެން މުހައްމަދުމެންގެ އިއްތިހާދުގެ އަނެއް މެމްބަރަކީ [އަދާލަތު ޕާޓީގެ ރައީސް] ޝޭހު އިމްރާން [އަބްދުﷲ]. ދެން އަޅުގަނޑު މި ވާހަކަ ދިގުކޮށް ދައްކާނެ ކަމެއް ނެތް މި ތަނުގައި. ބިރުވެރީ ކޮން ކަމެއްތޯ؟" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫންގެ ދައުރުގައި ނަޝީދު ޖަލުގައި ހޭދަކުރެއްވި ދުވަސްވަރަށް އިޝާރާތްކުރައްވައި އެ މަނިކުފާނު ވަނީ "18 މަސްދުވަސް ވަންދެން ޓިނު ގޮޅިއެއްގައި ބަންދުކޮށްގެން ގެންގުޅުނީ ރައީސް ޔާމީނު ނޫން"ކަން ފާހަގަކުރައްވާފަ އެވެ.

"ބިރުވެރީ އެމްޑީޕީގެ ސިޔާސަތެއް ނުހިންގާފާނެތީ. އެ ނޫން އެއްވެސް އެހެން ކަމެއް ބިރުވެރިއެއް ނޫން. ބިރުވެރީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން މި އެދޭ ބަދަލު ނުގެނެސްދެވިދާނެތީ،" ނަޝީދު ވިދާޅުވި އެވެ.

"ބިރުވެރީ ނިކަމެތިކަން އަޅުގަނޑުމެންގެ ރައްޔިތުންނަށް ފޯރަމުންދާ ކަމުން. އެ މީހުންނަށް ހަށިފޮޅާލާފައި ނުތެދުވެވޭ ކަމުން. އަޅުގަނޑު ބިރުގަންނަނީ މަހުގެ އަގު 25ރ.އަށް ނުއުފުލޭތީ."

އެނގުން މުހިންމު - ނަޝީދު ޔާމީނާ އެކު ކޯލިޝަން ހައްދަވާފާނެ ކަމަށް އެ މަނިކުފާނުގެ ވާދަވެރިން ވިދާޅުވިޔަސް، ނަޝީދު ވަނީ އެކަން ނުކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް، ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން އެ މަނިކުފާނު ވަނީ ޔާމީނަށް ތައުރީފުކުރައްވާފަ އެވެ.

... އިއްތިހާދު ހަދައިގެން މި ތިބީ [ކުރީގެ] ރައީސް މައުމޫން [އަބްދުލްގައްޔޫމް]އާ އެކީ. ދެން މުހައްމަދުމެންގެ އިއްތިހާދުގެ އަނެއް މެމްބަރަކީ [އަދާލަތު ޕާޓީގެ ރައީސް] ޝޭހު އިމްރާން [އަބްދުﷲ]. ދެން އަޅުގަނޑު މި ވާހަކަ ދިގުކޮށް ދައްކާނެ ކަމެއް ނެތް މި ތަނުގައި. ބިރުވެރީ ކޮންކަމެއްތޯ؟

މުހައްމަދު ނަޝީދު / އެމްޑީޕީގެ ރައީސް

'މަގާމުތަކުގައި ތިބީ ސަރުކާރުގެ ނޯކަަރުންނެއް ނޫން'

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ މަގާމުތަކުގަ އާއި ރައީސް އައްޔަންކުރައްވާ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ސަރުކާރުގެ ނޯކަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މިއަދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މަސްވެރިކަމުން ރަނގަޅު އާމްދަނީއެއް ނުލިބިގެން ފެނަކަ ނުވަތަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ފަދަ ސަރުކާރުގެ ކުންފުނިތަކަށް ވަޒީފާއަށް ވަނުމުން ރައްޔިތު މީހާގެ ބޭނުންތައް ފުއްދައިދޭ ތަނަކީ ސަރުކާރު ކަމުގައި ގަބޫލުކޮށް، "މިއީ ތިމަންނާމެންގެ ނޯކަރުންނޭ" ސަރުކާރުންނޭ ދެކޭ ކަމަށެވެ.

"ސަރުކާރުން ބޭނުންހާ އިރެއްގައި ބޭނުން އެއްޗެއް ހަދައި އެ ތަނުގައި [ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގައި] ތިބޭ މުވައްޒަފުންނަކީ ސަރުކާރުގެ ނޯކިރީންނެއް ނޫން. ސަރުކާރުން ބުނާހާ ގޮތެއް އެ މީހުން ހަދާކަށް ނުޖެހޭ. އެ މީހުންނަށް މުސާރަ ލިބޭ އެ މީހުން ކުރާ މަސައްކަތް ކުރީމަ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭންގެ ތެރެއަށް "މައުމޫނީ ސިފައެއް" ގެންނަވަން އެ މަނިކުފާނުގެ ވާދަވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ނަޝީދު ވަނީ މީގެ ކުރިން ވެސް ތަކުރާރުކޮށް ތުހުމަތު ކުރައްވާފަ އެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އުޅޭ މުވައްޒަފުން ރައީސްގެ ކެމްޕޭނުގައި ބައިވެރިވުމަށް މަޖުބޫރުކުރުވުމުގެ ގޮތުން އިންޒާރުދީ ހެދި ކަމަށް ނަޝީދު މާމެންދޫގައި ދެއްކެވި ވާހަކަފުޅުގައި ވެސް ތުހުމަތުކުރެއްވި އެވެ.

ކެމްޕޭން ދަތުރުގެ ތެރެއިން ގއ. މާމެންދޫ ޖަގަހައިގައި ނަޝީދު ދެއްކެވި ވާހަކަފުޅު އަޑުއަހަން މެމްބަރުން އެ ސަރަހައްދުގައި. (ފޮޓޯ/ ނަޝީދުގެ ކެމްޕޭން ޓީމް)

"ގާނޫނުއަސާސީގެ 115 ވަނަ މާއްދާ އަކީ ރައީސަށް ހިތަކަށް ލިބިފައިވާ" ބާރެއް ނޫންކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވި ގޮތުގައި، އެކި ސިޔާސީ ޕާޓީތައް އެކުވެގެން ސަރުކާރެއް އުފެއްދުމުން، ރައީސް ސިޔާސީ މަގާމުތަކަށް ގެންނަވަނީ އެކި ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރައްވާނެ ބޭފުޅުންނެވެ.

"އެއީ ރައީސުލްޖުމްހޫރިއްޔާގެ ނޯކިރީންނެއް ނޫން. އެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެއް ކުޑަކޮށް ވެސް ޖެހިވަޑައެއްނުގަންނަވާނެ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުމާ އެއްގޮތް ވާކަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެނގުން މުހިއްމު - ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ތެރޭގައި:

  • ވަޒީރުންގެ މަޖިލީހަށާއި ރައީސްގެ ވާޖިބުތައް އަދާކުރުމަށްޓަކައި ބޭނުންވާ އެހެނިހެން މަގާމުތަކަށް މީހުން އައްޔަންކުރެއްވުން 

  • މަގާމުތަކުން މީހުން ވަކިކުރެއްވުން 

  • އެ މީހުންގެ އިސްތިއުފާ ގަބޫލުކުރެއްވުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް