ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ޖަވާބުދެއްވަނީ (ފޮޓޯ/ މަޖިލިސް)

ސަރުކާރު ކުންފުނިތަކުން އިމާރާތްކުރުމުގެ ދާއިރާއަށް ވަންނާތީ މިނިސްޓަރު ކަންބޮޑުވެއްޖެ

އަސްލަމް ވިދާޅުވީ އެގޮތަށް ކަން ކުރާ ނަމަ ކުންފުނިތަކުގެ އަސްލު މަގުސަދު ހާސިލްކުރަން އުނދަގޫވާނެ ކަމަށް

ސަރުކާރު ކުންފުނިތަކުން މެންޑޭޓުން ބޭރުން އިމާރާތްކުރުމުގެ ދާއިރާއަށް ވަންނާތީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލިހުގައި މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވީކިހިނެއް؟- ސަރުކާރުގެ ބައެއް ކުންފުނިތަކުން މެންޑޭޓުގައި ނުހިމެނޭ މަސައްކަތްތައް ކުރަމުންދާތީ މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. 

އަފީފް ސުވާލު ކުރެއްވީ އިމާރާތްކުރުމުގެ ދާއިރާ ފަދަ ދާއިރާތަކަށް ސަރުކާރުން ނުވަދެ، ޕްރައިވެޓް ސެކްޓަރާ މަސައްކަތްތައް ހަވާލުކުރުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަމަކަށް ވާއިރު، ސަރުކާރުގެ ބައެއް ކުންފުނިތަކަށް އެ ދާއިރާއަށް ވަދެވޭ ސަބަބާ ގުޅިގެންނެވެ.

އެނގުން މުހިއްމު- އަސްލަމް ވެސް އެ ކަންބޮޑުވުން ފާޅުކުރެއްވި އިރު މާލެއަށް ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯއިން ވަނީ ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަންނަން ނިންމާފަ އެވެ. އަދި ސަލާމަތީ ހިދުމަތްތަކުގެ ވެލްފެއާގެ މެންޑޭޓު ހަވާލުކޮށްފައިވާ ސިފްކޯ އާއި ޕޮލްކޯ އިން ގެންދަނީ އެ ދާއިރާގައި ބައިވެރިވަމުންނެވެ.

ބުނީ ކީކޭ؟- އަސްލަމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަކީ އެއްވެސް އިރަކު ބާރުއަޅާނެ ކަމެއް ނޫން ކަމަށެވެ. އަދި ސިފްކޯ ފިޔަވައި އެހެން އެއްވެސް ކުންފުންޏަކާ މިހާތަނަށް އެ މަސައްކަތް ހަވާލުކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިފްކޯއާ މަޝްރޫއު ހަވާލުކުރި ސަބަބެއްގެ ގޮތުގައި އަސްލަމް ވިދާޅުވީ އެ ނޫން ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރަން ސަލާމަތީ ހިދުމަތްތަކުން އެއްބަސްނުވުން ކަމަށެވެ. 

ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިތަކުގެ މެންޑޭޓުން ބޭރުން މަސައްކަތް ހަވާލުކުރުމުގައި ގާނޫނީ ހުރަހެއް ނެތެވެ.

"ޓެންޑާ ޕްރޮސެސްއަކަސް ލައިގެން ސިފްކޯ އަށް ޕޮލްކޯއަށް ނޫނީ ފެނަކައަށް މަސައްކަތް ދިނުން އެއީކީ އަޅުގަނޑުމެން ކުރާ ކަމެއް ނޫން. ކޮންޓްރެކްޓަރުންގެ ގޮތުގައި ރެޖިސްޓްރީ އެބަހުރޭ ލާފައި. އަޅުގަނޑުމެން އަނެއްހެން، ގާނޫނީ ގޮތުން މަނާ ކަމެއް ނޫން އެމީހުން އެކަން ކުރުމަކީ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމުގައި ގާނޫނީ ހުރަހެއް ނެތް ނަމަވެސް، ކުންފުނިތަކުގެ މެންޑޭޓުން ބޭރުން މަސައްކަތްކުރަން އެއްވެސް ގޮތަކަށް ތަރުހީބެއް ނުދެއްވާނެ އެވެ. އެގޮތަށް މަސައްކަތް ކުރާ ނަމަ، އެ ކުންފުނިތައް އުފައްދާފައިވާ މަގްސަދު ހާސިކުރަން ދަތިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ. 

"ޕްލޭނިން މިނިސްޓަރުގެ ހައިސިއްޔަތުން ހަމަގައިމުވެސް އަޅުގަނޑު ތަރުހީބުދޭ ކަމެއް ނޫން. އަޅުގަނޑު ކުރުވަން ބޭނުންވާ ކަމެއް ވެސް ނޫން. ސަރުކާރުގެ ސިޔާސަތެއް ވެސް ނެތް އެމީހުން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ތެރެއަށް ވެއްދުމަކަށް،" އަސްލަމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް