Majlis 2024

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ޓެރަރިޒަމް

އައިއެސްއަށް ތާއީދުކުރާ މީހާ ދިޔައީ ޓެލެގްރާމްގައި މެސެޖުތައް ދައުރުކުރަމުން

ފުލުހުން ބުނީ އެ ގުރޫޕުތައް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލުތައް ރާވާ ހިންގުމަށް އޭނާ ގޮވާލަމުން ދިޔަކަން ފާހަގަވި ކަމަށް

ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސްް)ގެ މީޑިއާ ކެމްޕޭނުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވިގެން ރާއްޖެއިން ހައްޔަރު ކުރި ދިވެހި މީހާ ދިޔައީ ޓެލެގްރާމް އާއި އެނޫންވެސް އެންކްރިޕްޓެޑް މެސެޖިން ޕްލެޓްފޯމުތަކުގައި އެކައުންޓުތައް ހަދަައިގެން އައިއެސް އަށް ތާއީދުކޮށް އެ ޖަމާއަތުގެ ލިޔެކިޔުންތައް ދައުރުކުރަމުން ކަމަށް ފުލުހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - އައިއެސްގެ މީޑިއާ ކެމްޕެއިނުތަކުގައި ހަރަކާތްތެރިވާ ދިވެއްސެއް މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު ރާއްޖެއިން ހައްޔަރު ކުރި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ މިދިޔަ ބުދަ ދުވަހު ވިދާޅުވެފަ އެވެ.

ސީޕީ ވިދާޅުވީ، 30 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންނާއި އެފްބީއައި އަދި އީޔޫގެ ދެ ގައުމެއްގެ ސަލާމަތީ ބާރުތަކާ ގުޅިގެން ކަމަށެވެ.

ތަފްސީލް - އެމީހާ ހައްޔަރުކުރުމާ ގުޅޭގޮތުން ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މެސެޖިން ޕްލެޓްފޯމުތަކުގައި އެމީހާ "ސްކާމިޝް" އަދި "ސްކާމިޝްކިޑް"ގެ ނަމުގައްޔާއި އެނޫންވެސް ނަންނަމުގައި އެކައުންޓުތައް ހަދައިގެން ބޭނުންކުރަމުންދިޔަ ކަމަށެވެ. އެގޮތުން އައިސްއެސް އަށް ތާއީދުކޮށް އެކި ގައުމުތަކުގައި ހަރަކާތްތެރިވާ، އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް އެ ޖަމާއަތުގެ ލިޔެކިޔުންތައް ދައުރުކުރަމުން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ދައުރު ކުރާ ފޮޓޯތަކާއި ލިޔުންތަކާއިި ވީޑިއޯތައް ހުންނަނީ އެ ގައުމުތަކަށް އަމާޒުކޮށް އެ ގައުމެއްގައި ވާހަކަ ދައްކާ އުޅޭ ބަސްބަހުން ކަމަށް ފުލުހުން ބުންޏެވެ.

ބުނީ ކީކޭ؟ - ފުލުހުން ބުނީ، އިތުރަށް ބެލިބެލުމުން، އެ ގުރޫޕުތައް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލުތައް ރާވާ ހިންގުމަށް އޭނާ ގޮވާލަމުން ދިޔަކަން ފާހަގަވި ކަމަށާއި އެކަމަށް ހިތްވަރުދީ، ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެ ކަމަށް ބިރުދައްކާ އިންޒާރުދެމުން ގޮސްފައިވާކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ސޯޝަލް މީޑިއާގައި ފަތުރާ ޝާއިއުކޮށްފައިވާ ކޮންޓެންޓުތަކުގެ ތެރޭގައި

  • ޔޫރަޕުގެ ބައެއް ގައުމުތަކުގެ ވެރިންގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާ ދިނުމަށް ގޮވާލާ އެކަމަށް ހިތްވަރު ދީފައިވާ  ކަމަށް

  • ޔޫރަޕުގެ އެކި ގައުމުތަކުގައި، އެ ގައުމުތަކުގެ ރައްޔިތުންނަށާއި އެ ގައުމުތަކުގެ އެކި ތަންތަނަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާތައް ދިނުމަށް ގޮވާލާފައިވާ ކަމަށް

އެ މައްސަލައާ ގުޅިގެން އެމީހާ ހައްޔަރުކޮށް އޭނާ ގެންގުޅުނު ޑިޖިޓަލް ޑިވައިސްތަކެއްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެނގުން މުހިއްމު - އޭނާގެ މައްޗަށް ފުލުހުން ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުންނަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލާޒިމްކޮށްފައިވާ ކަމެއް ކުރުމަށް މުޅިން ހުރަސް އެޅޭ ގޮތަށް ގާނޫނުތައް މާނަ ނުކުރެވޭނެ ކަމަށާއި މުޖުތަމައުގެ ސަލާމަތާ ގުޅުންހުރި މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން، މައްސަލައާ ސީދާ ގުޅުންހުރި ޒާތީ މައުލޫމާތު ފުލުހުންނަށް ދޫކުރެވޭނެ ކަމަށް ހައި ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން، 'އެހެނިހެން' ކޯޓު އަމުރަށް އެދޭ ފޯމުން، މުދަލާއި ލިޔެކިޔުމާއި މައުލޫމާތު ހޯދައި ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުނެވެ. އެ އަމުރުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ފުލުހުން ހޯދަން ބޭނުންވި މައުލޫމާތަކީ:

  • އޭނާ ބޭނުންކުރާ ކަމަށް މައުލޫމާތު ލިބިފައިވާ ހަ ފޯނު ނަންބަރެއްގެ ވެރިފަރާތުގެ މައުލޫމާތު 

  • އެ ނަންބަރުތަކުން ކޮށްފައިވާ އަދި އެ ނަންބަރުތަކަށް ރިސީވް ވެފައިވާ ފޯނު ކޯލްތަކާއި ކޯލްތަކުގެ ރިކޯޑިންތައް 

  • ޓެކްސްޓް މެސެޖްތަކުގެ ތަފްސީލު 

  • ސެލް ޓަވަރުތަކުގެ ތަފްސީލުތައް 

  • އެ ނަންބަރުތަކުގެ ސިމް ކާޑު ބޭނުންކޮށްފައިވާ މޯބައިލް ފޯނުތަކުގެ އައިއެމްއީއައި ނަންބަރުތައް

ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ގާނޫނު ބުނާގޮތުން، މީހެއްގެ ޒާތީ މައުލޫމާތު ނުވަތަ މުއާސަލާތާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހާމަކޮށްގެން ނުވާނެ އެވެ. މީހެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެ ފަދަ ކަމެކެވެ.

އިތުރަށް ކިޔާލަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް