އެމްއެމްއޭ އިން އިއްޔެ ދިވެހި ރުފިޔާގެ ނިޝާން ދައްކާލަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްއެމްއޭ

ރުފިޔާގެ ނިޝާނާ މެދު ހިޔާލު ތަފާތު: އާންމުން ބަލައިގަންނާނެތަ؟

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރި ރުފިޔާގެ ނިޝާން ދައްކާލުމާ އެކު އާންމުން އަންނަނީ އެ ނިޝާނާ ގުޅޭ ގޮތުން އެކި ކަހަލަ ޝުއޫރުތައް ސޯޝަލް މީޑިއާގައި ފާޅުކުރަމުން

މުހިންމު ނުކުތާތައް

އެމްއެމްއޭއަށް ރުފިޔާގެ ނިޝާން ހުށައެޅި ބައެއް މީހުން ވަނީ އެ މީހުންގެ ޑިޒައިން ހިއްސާކޮށްފައި

ފާޑުކިޔާ ބައެއް މީހުން ބުނަނީ މިހާރު ބޭނުންކުރާ ގޮތަށް ހަމައެކަނި ރ. އޮތަސް ރަނގަޅުވާނެ ކަމަށް

މި ނިޝާން އެމްއެމްއޭ އިން ހޮވީ 70 ހުށައެޅުމުގެ ތެރެއިން

ދިވެހި ރުފިޔާގެ ރަސްމީ ނިޝާނެއް ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ތައާރަފުކުރީ އިއްޔެ އެެވެ. އެ ނިޝާނުން ދައްކުވައިދެނީ 'ރ' އަކުރުގެ މެދުގައި އިތުރު އެއް ރޮނގުބުރި ދަމާ އޮންނަ ތަނެވެ.

އެމްއެމްއޭ އިން އެ ނިޝާން ދައްކާލުމާ އެކު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ފެންނަން ފެށީ އެއާ މެދު އާންމުން ކުރާ މަޝްވަރާތަކެވެ. އެ ނިޝާނާ މެދު ބައެއް މީހުންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ނަމަވެސް ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވި އެވެ. އެކި މީހުން އަމިއްލައަށް ފަރުމާކުރި ނިޝާންތަކާއި މަރުކަޒީ ބޭންކަށް ހުށަހަޅައިގެން ނުހޮވުނު ޑިޒައިންތައް ވެސް ހިއްސާކުރި އެވެ.

އެ ނިޝާން ފަރުމާ ކުރަން އާންމުކޮށް ހުޅުވާލި ފުރުސަތުގައި އެމްއެމްއޭއަށް 70 ހުށަހެޅުމެއް ލިބުނެވެ. އިއްޔެ ތައާރަފުކުރި ނިޝާނަކީ އެމްއެމްއޭގެ އިތުރުން ދިވެހި ބަހުގެ އެކެޑަމީ އާއި މިފަދަ މަސައްކަތްތައް ކުރާ އަމިއްލަ ފަރާތްތަކުގެ މައްޗަށް އެކުލެވޭ ކޮމެޓީއަކުން ބެލުމަށް ފަހު ހޮވި ނިޝާނެވެ. މިހާރު ސޯޝަލް މީޑިއާގައި ކުރިއަށްދަނީ އާންމުން އެ ނިޝާން 'ޖަޖު' ކުރުމުގެ މަސައްކަތެވެ.

އިއްޔެ އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި ޓެކްނޮލޮޖީ މިނިސްޓަރު ޝައުނާ، ދިވެހި ރުފިޔާގެ ނިޝާން ތައާރަފުކޮށްދެއްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނިޝާން ކަމުނުދާ މީހުން ބުނީ ކުޑަ 'އައިބު' ގޮތެއް ހުންނަ ކަމަށް

ދިވެހި ރުފިޔާގެ ނިޝާނާ މެދު ފޭސްބުކްގައި ހިޔާލު ފާޅުކުރި އެކަކު ބުނީ، އޭނާއަށް ފެންނަ ގޮތުގައި ދިވެހި އެކި ފޮންޓުތަކާ މި ނިޝާން ގުޅުވާއިރު މާ ދިގެވެ.

"ނަންބަރުތަކާ ގުޅުވަން ނިޝާން ތެދުކޮށްލީމަ ވެސް ތަފާތުވާނެ ކަމަށް ފެނޭ. ގޯސްކޮށް ނުވިސްނާތި. ގައިޑްލައިނަށް ބަލާފައި ފޮންޓުގެ އަކުރުތަކުގެ ފުޅާމިނަށް ބަލާފައި ސެޓްކޮށްފައި އެ ވަނީ،" ދިވެހި އެކި ފޮންޓުތަކާ އެކު ނިޝާން ބޭނުން ކުރުމުން ހުންނާނެ ގޮތް ދައްކުވައިދޭ ފޮޓޯއެއް ހިއްސާކުރަމުން އޭނާ ބުންޏެވެ.

އެކަކު ބުނީ އެ ނިޝާން ތެދުކޮށްލި ނަމަ ރީތިވީސް ކަމަށެވެ. ނަމަވެސް އިއްޔެ އެ ނިޝާން ތައާރަފުކުރި ރަސްމިއްޔާތުގައި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ދެއްކެވި ވާހަކައިގައި ދިވެހި އަކުރުތަކަކީ ކަތިކޮށް ލިޔާ އަކުރުތަކެއް ކަމާއި މި ނިޝާން ވެސް ކަތިކޮށް ހުރުމަކީ މީގެ ދިވެހިވަންތަކަށް ބޮޑުކޮށްދޭ އަދި ދިވެހި އަކުރުތަކާ ގުޅޭ ސަބަބެއް ކަމަށް ފާހަގަކުރެއްވި އެވެ.

"ނިޝާން މާ ބޮޑަށް ކަތި. އިނގިރޭސި އަކުރުތަކާ އެކު ބޭނުންކުރާއިރު ވަރަށް އައިބު ގޮތެއް ހުންނާނެ. އާންމުކޮށް ބޭނުންކުރާ ތާނަ ފޮންޓުތަކަށް ވުރެ ވެސް މި ނިޝާން ތަންކޮޅެއް ބޮޑަށް ކަތި،" ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ބުންޏެވެ.

ރުފިޔާގެ ނިޝާން އެއްގޮތަކަށް ވެސް ކަމުނުދިޔަ މީހުންގެ ތެރެއިން ބައެއް މީހުންނަށް ރަނގަޅުވީ ކުރިން ބޭނުން ކުރަމުން އައި ގޮތެވެ. ނިޝާން ތައާރަފުކުރުމާ ހަމައަށް އޭގެ ބަދަލުގައި ބޭނުން ކުރަމުން އައީ ހިސާބު އަދަދުގެ ފަހަތަށް 'ރ.' ނުވަތަ '-/' މިގޮތަށެވެ.

އެހެން ގައުމުތަކުގެ ފައިސާގެ ނިޝާން ހުރީ ކިހިނެއް؟

ބައެއް މީހުންނަށް ރުފިޔާގެ ނިޝާން ވައްތަރުވީ އަވަށްޓެރި އިންޑިއާގެ ފައިސާ (ރުޕީސް)ގެ ނިޝާނާ އެވެ. ސަބަބަކީ ރުޕީސްގެ ނިޝާނުގައި އިނގިރޭސި 'އާރު' އަކުރަށް ކުޑަ ބަދަލެއް ގެނައުމަށް ފަހު އެ އަކުރުގެ މަތިން ދެ ރޮނގުބުރި ދަމާލާފައި އޮތުމުންނެވެ. އިންޑިއާގެ 'ދޭވަނަގަރީ' ބަހުގައި 'ރަ' ލިޔަން ބޭނުންކުރާ އަކުރު ވެސް އޮންނަނީ އިނގިރޭސި 'އާރު' އަކުރާ ދާދި އެއްގޮތްކޮށެވެ.

އިންޑިއާ ރުޕީސްގެ ނިޝާނާ ވައްތަރު ކަމަށް ބުނި ނަމަވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ފައިސާގެ ނިޝާންގައި މި ކޮންސެޕްޓް ބޭނުންކޮށްފައި އެބަ ހުއްޓެވެ. އެގޮތުން ދެ ރޮނގުބުރި ހިމެނޭ ބައެއް ނިޝާންތަކަކީ:

  • ޔޫރޯ: €

  • ޗައިނާގެ އޫއާން އަދި ޖަޕާނުގެ ޔެން (ލެޓިން ލިޔުންތަކުގައި): ¥

  • ދެކުނު ކޮރެއާގެ ވޮން: ₩

  • ފިލިޕީންސްގެ ޕޭސޯ: ₱

ބައެއް ގައުމުތަކުގެ ފައިސާގެ ނިޝާންގައި، ކޮންމެވެސް އަކުރަކަށް އެއް ރޮނގުބުރި ވެސް އިތުރުކޮށްފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި:

  • ޑޮލަރު: $

  • ރަޝިއާގެ ރޫބްލް: ₽

  • ތައިލެންޑުގެ ބާޓް: ฿

ރުފިޔާގެ ނިޝާން ފަރުމާކުރަން ހުޅުވާލި ފުރުސަތުގައި ޑިޒައިން ހުށަހެޅި ބައެއް އެހެން މީހުން ވަނީ އެ މީހުންގެ ޑިޒައިންތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

  • މީހަކު ފަރުމާކުރި ދިވެހި ރުފިޔާގެ ނިޝާނެއް
  • މީހަކު ފަރުމާކުރި ދިވެހި ރުފިޔާގެ ނިޝާނެއް
  • މީހަކު ފަރުމާކުރި ދިވެހި ރުފިޔާގެ ނިޝާނެއް

އެ ޑިޒައިންތަކާ މެދު ވެސް އާންމުންގެ ހިޔާލު ހުރީ ދެ ގޮތަކަށެވެ. ކޮމެޓީން ފާސްކުރި ނިޝާނަށް ވުރެ ބައެއް މީހުންނަށް އެ ތަނުން ބައެއް ނިޝާންތައް މާ ކަމުދެ އެވެ. ހާއްސަކޮށް، ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ޗާންސެލަރު ޑރ. ހަސަން ހަމީދުގެ ހުށަހެޅުން ވަރަށް ގިނަ މީހުންނަށް ކަމުދިޔަ އެވެ.

ނަމަވެސް ފާސްކުރި ނިޝާނަކީ އެންމެ ރަނގަޅު ނިޝާން ކަމަށް ބުނާ މީހުން ވެސް އެބަ ތިއްބެވެ.

އެމްއެމްއޭ އިން އިއްޔެ ހޮވި ރުފިޔާގެ ނިޝާން ބޭނުން ކުރާނެ ގޮތް، އެ އޮތޯރިޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ގައިޑްލައިނުން ބަލައިލެވޭނެ އެވެ. އެ ގައިޑްލައިންގައި ބުނާ ގޮތުން ނަމަ:

  • އަބަދުވެސް ނިޝާން އޮންނަން ވާނީ ހިސާބު އަދަދުތަކުގެ ވައަތް ފަރާތުގައި

  • ދިވެހި އަކުރާއި އިނގިރޭސި ސިމްޕަލް އަކުރުތަކާ އެކު ބޭނުންކުރާއިރު ނިޝާންގެ މަތީ ހުރަސް ރޮނގު އޮންނަން ވާނީ ފޮޅުވަތުގެ މަތީގައި

  • އިނގިރޭސި ކެޕިޓަލް އަކުރުތަކާ އެކު ބޭނުންކުރާއިރު ނިޝާންގެ މައްޗާއި ތިރި އޮންނަން ވާނީ އިނގިރޭސި އަކުރުތަކުގެ މައްޗާއި ތިރިއާ ދިމާވާ ގޮތަށް، އެއްވަރަކަށް

ކުރުކޮށް ބުނާ ނަމަ އާންމުން، "ވަރަށް ރީތި"ން ފެށިގެން "ވަރަށް ހުތުރު"އާ ދެމެދުގެ ހުރިހާ ދަރަޖަތަކަކުން ރުފިޔާގެ ނިޝާން އިންސާފުކޮށްފި އެވެ. ދެން އޮތީ މި ނިޝާން މުޅި ނިޒާމުގައި ބޭނުންކުރަން ފެށުމެވެ. އާންމުން ބަލައިގަތުމާއި ބަލައިނުގަތުމަކީ އަދި އެހެން ވާހަކައެކެވެ. ބޭނުންކުރަން ފެށުމުން ދެން އެހެން ގޮތެއް ވެސް ނޯންނާނެ އެވެ.

އެމްއެމްއޭ އިން ނިންމާފައިވަނީ އަލަށް ޗާޕުކުރާ ފައިސާގެ ނޫޓުތަކުގައި ރުފިޔާގެ ނިޝާން ހިމަނައި ޑިޖިޓަލްކޮށް މި ވަސީލަތް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ކުރަން ޖެހޭ މަސައްކަތްތައް ވެސް ކައިރި މުސްތަގްބަލެއްގައި ފެށުމެވެ.

ކޮމެންޓް (2)

ޙައިރާން

5 ޖުލައި 2022
ޢެއްވެސް އޮރިޖިނަލް ކަމެއް ނެތް. ޚުޑަކުދިންނަށްވެސް އެނގޭނެ ރ އެއްގެ މަތީ ދެ ރޮނގުދަމާލަން. ޢިއުލާންގައި ނިޝާން ފަރުމާ ކުރުމަށް ހުރި ޝަރުތުތަކަށް ތިޔެއް ނުފެތޭ
2 0

ހުތާބެ

4 ޖުލައި 2022
މަށަކަށް ކަމަކުނުދޭ. މާ ދިވެހި އަކުރުތަކާ ވައަތަރު ކުރަން އުޅެފަ ހުރީ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް