ތިލަފުށި: ވެމްކޯއިން ވަގުތީގޮތުން ކުނި ބަލަހައްޓާ ސަރަހައްދުގައި މިއަދު މެންދުރު އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައި.

ތިލަފުށީގެ ކުނި ބަހައްޓާ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް؛ ހަފުތާއަކަށް ދުމުގެ އަސަރު ކުރާނެ

މިއަދު މެންދުރު ރޯވި އަލިފާންގަނޑު ނިއްވާލި ނަމަވެސް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު އެ ސަރަހައްދުން އަލިފާން ފެނި، ދުން އެރުން އެކަށީގެންވޭ
21 ސެޕްޓެމްބަރު 2022

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ތިލަފުށީގައި ވަގުތީ ގޮތުން ކުނި ބަހައްޓާ ސަރަހައްދުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަފުތާއެއްހާ ދުވަހުގެ މުއްދަތަކަށް ދުން އަރާފާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ވެމްކޯއިން ބުނީ ތިލަފުށީގައި ހުންނަ އެ ކޯޕަރޭޝަންގެ ވަގުތީ 'ވޭސްޓް ޑިސްޕޯސަލް ސައިޓު'ގައި އަލިފާނުގެ ހާދިސާއެއް ހިނގީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އެ ހާދިސާގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި އެ ކޯޕަރޭޝަންގެ މުވައްޒަފުންގެ ގުޅިގެން ވަނީ ނިއްވާލާފަ އެވެ.

ބުނީ ކީކޭ؟ - އަލިފާންގަނޑު ނިއްވާލި ނަމަވެސް، ވެމްކޯއިން ބުނީ މިހާރު ވެސް އެ ސަރަހައްދުން ދުން އަރަމުންދާ ކަމަށެވެ.

"އަދި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު އެ ސަރަހައްދުން އަލިފާން ފެނި، ބޯކޮށް ދުން އެރުމަކީ އެކަށީގެންވާ ކަމެކެވެ،" އެކަމާ ގުޅިގެން ވެމްކޯއިން މިރޭ ނެރުނު ނޫސްބަޔާނުގައިވެ އެވެ.

ތަފުސީލު - ވެމްކޯއިން ބުނި ގޮތުގައި ތިލަފުށީ ކުނިގޮނޑުން ދުން އެރުން ހުއްޓުވައި، ކުނި މެނޭޖު ކުރުމަށް ޓަކައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އެ ކޯޕަރޭޝަނާއި އެންވަޔަރަމަންޓް މިނިސްޓްރީން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރާނެ އެވެ.

ތިލަފުށީ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އަކީ ރައްކާތެރިކަމާ އެކު ކުނި ނައްތާލެވޭ ތަނަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ކޯޕަރޭޝަނުން ވަނީ ދީފަ އެވެ.

އެނގުން މުހިންމު - ވެމްކޯއިން ފާހަގަކުރި ގޮތުގައި ކުނި މެނޭޖުކުރަން ކުރާ މަސައްކަތް އިތުރުވެ، ތިލަފުއްޓަށް ގެންދާ ކުނީގެ މިންވަރު ބޮޑުތަނުން އިތުރުވުމާ އެކު މިހާރު ކުނި ބަލަހައްޓަމުން އަންނަނީ ތިލަފުށީގެ ކުނި ފުންޏާއި ކީވޯލްއާ ދެމެދުގައި އޮންނަ ސަރަހައްދުގަ އެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ތިލަފުށީގައި ދުވާލެއްގެ މައްޗަށް 500 ޓަނަށް ވުރެ ގިނަ ކުނި ޕްރޮސެސްކޮށް، ބޭލް (ބްލޮކުތަކަށް ކުނި ކޮމްޕްރެސް) ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް