ޔޫރޯގައި އިންގްލެންޑްގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުން ރަޝްފޯޑް (ކ) އަރަނީ.

ވޯލްޑް ކަޕް ސްކޮޑް 26 ކުޅުންތެރިންނަށް އިތުރުކޮށްފި

މި ބަދަލު އެހެން މުބާރާތްތަކުން މިހާރު ވެސް ފެނޭ

ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮންމެ ޓީމަކަށް ވެސް 26 ކުޅުންތެރިންގެ ސްކޮޑެއް ގެންދެވޭ ގޮތަށް ފީފާ އިން ހަމަޖައްސައިފި އެވެ.

ކުރިން ވޯލްޑް ކަޕަށް ގެންދެވެނީ 23 ކުޅުންތެރިންގެ ސްކޮޑެކެވެ. ކޮވިޑުގެ ފަހުން ވަރަށް ގިނަ މުބާރާތްތަކުން ވަނީ 26 ކުޅުންތެރިންގެ ސްކޮޑެއް ގެންދެވޭ ގޮތަށް ހަދައިފަ އެވެ. އެއީ ކޮވިޑުގެ ސަބަބުން ބައެއް ކުޅުންތެރިންނަށް ނުކުޅެވޭ ހާލަތުގައި އިތުރު ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ފީފާ އިން ވަނީ ކޮންމެ މެޗެއްގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި 15 ކުޅުންތެރިން ޖެހޭ ގޮތަށް ވެސް ހަދައިފަ އެވެ. މާނައަކީ ސްކޮޑުގެ ހުރިހާ ކުޅުންތެރިން ވެސް މެޗުޑޭ ސްކޮޑުގައި ބޭނުންކުރެވުމެވެ. ކުރިން އޮންނަ ގޮތުން ނަމަ އެ މެޗަކަށް ކަނޑައަޅާ ސްކޮޑުގައި ހުރިހާ ކުޅުންތެރިންގެ ނަން ނުޖެހޭނެ އެވެ.

މި ބަދަލާ އެކު ވޯލްޑް ކަޕުގެ މެޗުތަކުގައި ބެންޗުގައި ތިބެވޭނީ 15 ބަދަލު ކުޅުންތެރިންނާއި 11 އޮފިޝަލުންނާ އެކު 26 މީހުންނަށްވެ. 11 އޮފިޝަލުންގެ ތެރޭގައި ޓީމު ޑޮކްޓަރު ހިމަނަން ޖެހޭނެ އެވެ.

ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކުން ފައިނަލް ސްކޮޑް ލިސްޓު ހުށަހަޅަން ޖެހޭނީ އޮކްޓޫބަރު 20 ގަ އެވެ. އެއީ މުބާރާތް ފެށުމުގެ 30 ދުވަސް ކުރި އެވެ.

ވޯލްޑް ކަޕް އޮންނާނީ ނޮވެމްބަރު 21 އިން ޑިސެމްބަރު 18 އަށެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް