ފޯ ސީޒަންސް ކުޑަހުރާގެ މެރިން ސޭވާސް ޓީމުގެ މުވައްޒަފަކު ވެލާ ބިސްތަކާ އެކު: މާލޭގެ ބްރިޖު ސަރަހައްދަށް އެޅި ވެލާ ބިސްތައް ފީވެ، އޭގެ ބައެއް ބިސްތަކުން މިއަދު ވެލާތައް ނުކުމެ ވަނީ މޫދަށް ގޮސްފައި.

ވެލާ

ބްރިޖު ކައިރިއަށް އެޅި ބިސްތަކުން ކުދި ވެލާތައް ނުކުމެ މޫދަށް

އެންވަޔަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި %76 ބިސްތަކުން ވެލާ ރައްކާތެރިކަމާ އެކު މޫދަށް ދޫކޮށްލެވިފައިވޭ

މާލޭގެ އިރު ދެކުނު ފަރާތުން، ސިނަމާލެ ބްރިޖަށް އަރާ ހިސާބުގައި އޮންނަ ފަސްގަނޑަށް މިދިޔަ މާޗު މަހު ވެލައެއް އަރައި އެޅި ބިސްތަކުން ރޭ ފަތިހު ވެލާތައް ނުކުމެއްޖެ އެވެ.

މިދިޔަ މާޗު 16ގެ ރޭގަނޑު ބްރިޖު ކައިރީގައި އޮންނަ ފަސްގަނޑަށް ވެލާ އެރުމުން ފުލުހުން ވަނީ އެ ތަނަށް ގޮސް އެ ތަން ބަންދުކޮށް، ވެލާ ބިސްތައް ހިމާޔަތްކޮށްފަ އެވެ. އެ ރޭ ދަންވަރު އެ ވެލާ ބިސް އެޅުމުން އެ ބިސްތައް ފީކުރަން، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ބެލުމުގެ ދަށުން ފޯ ސީޒަންސް ކުޑަހުރާ ރިސޯޓަށް ގެންދިޔަ އެވެ.

ވީ ކިހިނެއް؟ - އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ ވެލާ ބިސްތައް މިއަދު ފަތިހުގެ ވަގުތެއްގައި ފީވެ، ބިސްތަކުން ނުކުމެފައިވާ ކަމަށެވެ. އޭގެ ތެރެއިން %76 ބިސްތަކުން ވެލާ ރައްކާތެރިކަމާ އެކު މޫދަށް ދޫކޮށްލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - އީޕީއޭއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ބްރިޖު ކައިރިއަށް މާޗު 16ގައި އެޅީ 96 ވެލާ ބިހެވެ.

މާލޭގެ ބްރިޖު ސަރަހައްދަށް އެޅި ވެލާ ބިސްތައް ފީވެ، އޭގެ ބައެއް ބިސްތަކުން މިއަދު ވެލާތައް ނުކުމެ ވަނީ މޫދަށް ގޮސްފައި.
ފޯ ސީޒަންސް ކުޑަހުރާގެ މެރިން ސޭވާސް ޓީމުގެ މުވައްޒަފަކު ވެލާ ބިސްތަކާ އެކު: މާލޭގެ ބްރިޖު ސަރަހައްދަށް އެޅި ވެލާ ބިސްތައް ފީވެ، އޭގެ ބައެއް ބިސްތަކުން މިއަދު ވެލާތައް ނުކުމެ ވަނީ މޫދަށް ގޮސްފައި.

ރާޅުއަރާ ހިސާބުގައި ހުރި ބިސްވަޅަކުން ރައްކާތެރިކަމާ އެކު ބިސްތައް ނަގައިގެން ކުޑަހުރާއަށް ގެންދިއުމަށް ފަހު ވިހެއުމާ ހަމައަށް ބެލެހެއްޓުމަކީ ލިބުނު ކުރިއެރުމެއް ކަމަށް ރިސޯޓުގެ މެރިން ސޭވާސް ޓީމާ ހަވާލާދީ އަލީ ސޯލިހު ވިދާޅުވި އެވެ.

އެކަމަކު، އެ ވެލާތައް ބިސްތަކުން ނުކުތް ވަގުތުގެ ފޮޓޯ އަދި ވީޑިއޯ ނަގާފައެއް ނުވެ އެވެ. އަލީ ސޯލިހު ވިދާާޅުވި ގޮތުގައި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފޯ ސީޒަންސް ކުޑަހުރާގެ މެރިން ސޭވަސް ޓީމަށް އެކަން ނުކުރެވުނީ އެވެ.

ވެލާ ބިސްތައް ފޯ ސީޒަންސް ރިސޯޓުގައި ވަޅުލަނީ: 96 ބިސް އެޅި ކަމަށް އީޕީއޭއިން ބުނި. (ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ)

ވެލާ ބިސް ފީކުރާ ހެޗަރީއެއް ހުންނަ ފޯ ސީޒަންސް ކުޑަހުރާ ރިސޯޓުގައި ވެލާ ކޮންޒަވޭޝަން ޕްރޮގްރާމެއް ވެސް ކާމިޔާބުކަމާ އެކު ހިންގަ އެވެ.

އެނގުން މުހިންމު - ބްރިޖު ކައިރިއަށް މި ބިސްތައް އެޅުމުގެ ކުރިން ވެސް ބިސް އަޅަން އެ ތަނަށް ވެލައެއް އެރި އެވެ. އެ ވެލާ ބިސް އެޅުމުގެ ކުރިން ފުލުހުން މޫދަށް ދޫކޮށްލީ އެވެ.

ވެލާ އާންމުކޮށް ބިސް އަޅަން އަރަނީ އެ ވެލައެއް އުފަންވި ސަރަހައްދެއްގެ ގޮނޑުދޮށަށެވެ. އެހެންކަމުން، ބްރިޖު ސަރަހައްދަށް ބިސް އެޅީ މާލެ ސަރަހައްދުގެ ގޮނޑުދޮށަކަށް އުފަންވި ވެލައެއް ކަމަށް ވުން ގާތެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް