ސްރީ ލަންކާގެ ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރު ކުރި މުޒާހަރާ ފުލުހުން ރޫޅާލަނީ. (ފޮޓޯ/ އޭއެފްޕީ)

ސްރީ ލަންކާ

ލަންކާގެ އިގްތިސާދު %4 ދަށަށް ދާނެ ކަމަށް ލަފާކޮށްފި

ސްރީ ލަންކާގެ އިގްތިސާދު މިދިޔަ އަހަރު %11 ދަށަށް ދިއުމަށް ފަހު މި އަހަރު %3.5 އާއި %4އާ ދެމެދުގެ މިންވަރެއްގައި ދަށަށް ދާނެ ކަމަށް ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

"އަންނަ އަހަރުން ފެށިގެން އިގްތިސާދު ރަނގަޅު ކުރިއެރުމަކަށް ގެންދެވޭނެ. އެއްވެސް މީހަކަށް ބޯނުލަނބާ، ދަރަނި ނެތް ހަރުދަނާ ގައުމެއް މި ގާއިމްކުރަނީ،" ދީނީ ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވި އެވެ.

"މިދިޔަ އަހަރު އިގްތިސާދު ކުރިއެރި މިންވަރު ހުރީ މައިނަސް %11ގައި. މި އަހަރު އެ މިންވަރު އުޅޭނީ %3.5 އާއި %4ގައި."

ޓެކްސް ބޮޑުކުރުމާއި ދައުލަތުގެ ހަރަދު ކުޑަކުރުމާއި ދަރަނި ރީސްޓްރަކްޗާ ކުރުން ފަދަ ސިޔާސަތުތަކަށް ގެންނަން ޖެހޭ އުނދަގޫ ބަދަލުތައް ހިމެނޭ އިގްތިސާދީ ޕްރޮގްރާމްތައް ތަންފީޒު ނުކުރެވިއްޖެ ނަމަ، ލަންކާގައި އިތުރު ސިޔާސީ ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރުގެ މެއި އަދި ޖޫން ފަދައިން އަނެއްކާވެސް ގައުމު ކާރިސާއަކަށް ވެއްޓުން އެއްވެސް ފަރާތަކަށް ނުހުއްޓުވޭނެ،" ރަނިލް ވިދާޅުވި އެވެ.

ބާވީސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަޒީރާ ގައުމަށް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭރު ފައިސާގެ ދަތިކަމުން ފެށިގެން އިންފްލޭޝަން އާއި ބޮޑު ރިސެޝަނަކާ ކުރިމަތިލާން ޖެހުނެވެ. އެއީ އެ ގައުމު 1948ގައި އިނގިރޭސީންގެ އަތުން މިނިވަންވީއްސުރެ ނުދެކޭ ފަދަ ތަދުމަޑުކަމެކެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ އެކު 2.9 ބިލިއަން ޑޮލަރުގެ ޕްރޮގްރާމެއް ހިންގުމަށް މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން އިބްތިދާއީ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، ފައިސާ ދޫކުރަން ފެށުމުގެ ކުރިން ދަރަނި ދެމެހެއްޓެނިވި މަގަކަށް ގެންނަން ޖެހެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް