Majlis 2024

ރައީސް ސޯލިހް މިދިޔަ ހަފްތާގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީސް

ރައީސްގެ އިންޑިއާ ދަތުރުފުޅުގައި އާ ލޯނެއް ނުނަގާ؛ އާ މަޝްރޫއެއް ނުފަށާ: ސަރުކާރު

ސަރުކާރުން ބުނީ އިތުރު 100 މިލިއަންގެ ލޯނަކީ ކުރިން ދިން 800 މިލިއަން ޑޮލަރުގެ ލޯނަށް އިތުރުކުރާ ފައިސާ ކަމަށް؛ 2،000 ފްލެޓަކީ ކުރިން އިއުލާންކޮށްފައިވާ މަޝްރޫއެއްގެ ބައެއް ކަމަށް ވެސް ބުނޭ
6 އޯގަސްޓު 2022
1

މުހިންމު ނުކުތާތައް

އެގްޒިމް ބޭންކުން 2019ގައި ނުވަ މަޝްރޫއަކަށް 800 މިލިއަންގެ ލޯނެއް ދިން

އިތުރުކޮށްދިން 100 މިލިއަން ބޭނުންކުރާނީ ހަނިމާދޫ އެއާޕޯޓާއި ކެންސަރު ހޮސްޕިޓަލަށް

އެ މަޝްރޫއުތަކުގެ އަގު ލަފާކުރި ވަރަށް ވުރެ ބޮޑުވެފައިވާ ކަމަށް ސަރުކާރުން ބުނޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފްތާގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އާ ލޯނެއް ނުނަގާ ކަމަށާއި އަދި އާ މަޝްރޫއެއް ފެށުމުގެ އެއްބަސްވުމެއްގައި ވެސް ސޮއި ނުކުރައްވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހު މިދިޔަ ހަފްތާގައި އިންޑިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ:

  • 1-

    އިންޑިއާ އިން ލޯނު ދީގެން ހިންގާ މަޝްރޫއުތަކަށް އިތުރު 100 މިލިއަން ޑޮލަރު (1.54 ބިލިއަން ރުފިޔާ)ގެ ލޯނު ދޭން ސޮއިކުރި

  • 2-

    ހުޅުމާލޭގައި އިތުރު 2،000 ފްލެޓް އަޅަން 119 މިލިއަން ޑޮލަރު (1.83 ބިލިއަން ރުފިޔާ)ގެ ލޯނު ދޭނެކަން އިއުލާންކުރި

އިގްތިސާދީ މައްސަލަތައް ހައްލުކުރަން، އަމަލީ މަސައްކަތް ނުފެށި ހުރި އާ މަޝްރޫއުތައް ނުފެށުމާއި މަޝްރޫއުތަކަށް އާ ލޯނު ނެގުން ހުއްޓާލާނެކަން ސަރުކާރުން އިއުލާންކޮށްފައި ވަނިކޮށް، އަނެއްކާވެސް ދަރަނި އިތުރުވާނެ އެ އެއްބަސްވުންތަކުގައި ސޮއިކުރުމުން ސަރުކާރަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ބުނީ ކީކޭ؟ - އެ ފާޑުކިޔުންތަކާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލު ކުރުމުން، ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ 2019ގައި އިންޑިއާގެ އެގްޒިމް ބޭންކުން ނުވަ މަޝްރޫއަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ)ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ނުވަތަ ލޯނެއް ހަމަޖައްސައިދީފައި ވާއިރު، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިފައިވާތީ އޭރު ލަފާކުރި ވަރަށް ވުރެ މިހާރު މަޝްރޫއުތަކަށް ހިނގާނެ އަގު ބޮޑުވެފައިވާ ކަމަށެވެ. އެހެންވުމުގެ ސަބަބުން އެ ނުވަ މަޝްރޫއު ހިންގުމަށް އިތުރަށް ބޭނުންވާނެ ފައިސާ އެ އެލްއޯސީގެ ތެރެއަށް އެގްޒިމް ބޭންކުން އިތުރުކޮށްދިނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ފައިސާ އަކީ، އެ އޮފިޝަލް ވިދާޅުވި ގޮތުގައި، މަޝްރޫއުތައް އަވަސް ކުރަން ދިން ފައިސާއެއް ވެސް ނޫނެވެ.

"އާ ލޯނު ނުނެގުމާއި އާ މަޝްރޫއުތައް ނުހިންގުމަށް ނިންމި އިރު ވެސް އެ ނުވަ މަޝްރޫއަކީ ފައިސާ ހަމަޖެހި، މަޝްރޫއު ތަންފީޒު ކުރުމުގެ މަސައްކަތް އެކި މަރުހަލާގައި ހިނގަމުން ދިޔަ ކަންކަން. އެހެން ވީމާ އެއީ އާ ލޯނެއް ނޫން، އާ މަޝްރޫއުތަކެއް ވެސް ނޫން. އެއީ ހަމަ ވޭރިއޭޝަނެއް،" އޮފިޝަލް ވިދާޅުވި އެވެ.

"ދެން ޓެކްނިކަލީ މަޝްރޫއުތަކެއް އަވަސް ވެގެން އަންނާނެ އަގުބޮޑުވާ ބަޔަށް ފައިސާ ހަމަޖެހުނީމާ."

ރައީސް ސޯލިހް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި 2،000 ހައުސިން ޔުނިޓުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރަނީ. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - އިންޑިއާ އިން 100 މިލިއަން ޑޮލަރު އިތުރުކޮށްދިން އެލްއޯސީގައި ހިމެނޭ މަޝްރޫއުތަކަކީ: 

  • 1-

    އައްޑޫ މަގު ހެދުމުގެ މަޝްރޫއު

  • 2-

    34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު

  • 3-

    އައްޑޫ ބިން ހިއްކުމާއި ތޮށިލުމުގެ މަޝްރޫއު

  • 4-

    ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު

  • 5-

    ހުޅުމާލޭގައި އަޅާ ކްރިކެޓް ސްޓޭޑިއަމް

  • 6-

    މިފްކޯ ތަރައްގީ ކުރުން

  • 7-

    ގުޅީފަޅު ބަނދަރު ތަރައްގީ ކުރުން

  • 8-

    އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރުން

  • 9-

    ލ. އަތޮޅުގައި އަޅާ ކެންސަރު ހޮސްޕިޓަލް

ފައިސާ އިތުރުކުރީ ބްރިޖާ ގުޅޭ އެލްއޯސީއަކަށް ނޫން. އެއީ މުޅިން ވަކި ހާއްސަ އެލްއޯސީއެއް. އެހެން ވީމާ ނުވަ މަޝްރޫއަށް ނޫން ގޮތަކަށް އިތުރު ކުރި ފައިސާ ބޭނުމެއް ނުކުރެވޭނެ. އެގްޒިމް ބޭންކުގެ އުސޫލުތައް އޮންނަނީ އެހެން.

ސަރުކާރުގެ އޮފިޝަލެއް

އޮފިޝަލް ވިދާޅުވީ އެ އެލްއޯސީއަށް އިތުރުކޮށްދިން 100 މިލިއަން ޑޮލަރު ބޮޑަށް ބޭނުން ކުރާނީ:

  • ހަނިމާދޫ އެއާޕޯޓް މަޝްރޫއަށް 

  • ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަޝްރޫއަށް

އޮފިޝަލް ވިދާޅުވީ އެ މަޝްރޫއުތަކުގެ އަގު ލަފާކުރި ވަރަށް ވުރެ ބޮޑުވެފައި ވާތީ، ކޮންޓްރެކްޓަރާ އެކު އެއްބަސްވުމުގައި ސޮއިކުރުން ލަސްވެފައިވާ ކަމަށެވެ. އެކަމަކު އިތުރުކުރި ފައިސާއާ އެކު ވަރަށް އަވަހަށް އެ ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފައިސާ އިތުރުކޮށްދިން އެލްއޯސީގައި ހިމެނޭ ނުވަ މަޝްރޫއު ފިޔަވައި އެހެން މަޝްރޫއަކަށް އެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ފައިސާ އިތުރުކުރީ ބްރިޖާ ގުޅޭ އެލްއޯސީއަކަށް ނޫން. އެއީ މުޅިން ވަކި ހާއްސަ އެލްއޯސީއެއް. އެހެން ވީމާ ނުވަ މަޝްރޫއަށް ނޫން ގޮތަކަށް އިތުރު ކުރި ފައިސާ ބޭނުމެއް ނުކުރެވޭނެ. އެގްޒިމް ބޭންކުގެ އުސޫލުތައް އޮންނަނީ އެގޮތަށް،" އޭނާ ވިދާޅުވި އެވެ.

'2،000 ފްލެޓަކީ އާ މަޝްރޫއެއް ނޫން'

ރައީސް އޮފީހުގެ އިސް އޮފިޝަލް ވިދާޅުވީ 2،000 ހައުސިން ޔުނިޓްގެ މަޝްރޫއަކީ ވެސް އާ މަޝްރޫއެއް ނޫން ކަމަށާއި އެއީ ސަރުކާރުން ކުރިން ވެސް އިއުލާންކޮށްފައިވާ 6،000 ފްލެޓް އެޅުމުގެ މަޝްރޫއުގެ ބައެއް ކަމަށެވެ. އަދި އެ މަޝްރޫއުގެ އެއްބަސްވުމުގައި ކޮންޓްރެކްޓަރާ އެކު ސޮއިކޮށް އަމަލީ މަސައްކަތްތައް ވެސް ހުޅުމާލޭގައި ހިނގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ލޯނު ނުނެގުމާއި އާ މަޝްރޫއުތައް ނުހިންގުމަށް ނިންމި އިރު ވެސް އެ ނުވަ މަޝްރޫއަކީ ފައިސާ ހަމަޖެހި، މަޝްރޫއު ތަންފީޒު ކުރުމުގެ މަސައްކަތް އެކި މަރުހަލާގައި ހިނގަމުން ދިޔަ ކަންކަން. އެހެން ވީމާ އެއީ އާ ލޯނެއް ނޫން، އާ މަޝްރޫއުތަކެއް ވެސް ނޫން. އެއީ ހަމަ ވޭރިއޭޝަނެއް.

ސަރުކާރުގެ އޮފިޝަލެއް

އެ މަޝްރޫއު އަމަލީ ގޮތުން ފަށާފައިވީ ނަމަވެސް އެ މަޝްރޫއަށް ބޭނުންވާ ހުރިހާ ފައިސާއެއް ހޯދުމުގެ މަޝްވަރާތައް އޭރު ވެސް ކުރަމުން އައިކަން އޮފިޝަލް ފާހަގަކުރެއްވި އެވެ. ރައީސްގެ ދަތުރުފުޅުގައި ހަމައެކަނި ކުރެއްވި ކަމަކީ، އެ އޮފިޝަލް ވިދާޅުވި ގޮތުގައި، އެ ފައިސާގެ ކަންކަން ހަމަޖެހުނުކަން ރަސްމީކޮށް އިއުލާނުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމެވެ.

"އެއީ އާ މަޝްރޫއެއް ނޫން. އެއީ އަމަލީ މަސައްކަތް ވެސް ފެށިފައި އޮތް މަޝްރޫއެއް. ކުރިން އޭގެ ފައިނޭންސް ހަމަޖެހި އެގްރިމަންޓް ސައިނިންއަކާ ހަމައަށް ނުގޮސް އޮތީ. އެ ފައިނޭންސް މިހާރު އެ ހަމަޖެހުނީ،" އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ސޯލިހް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު މޯދީއާ އެކު ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިންމު - އިންޑިއާ އެގްޒިމް ބޭންކުން ރާއްޖެއަށް އެކި ފަހަރު މަތިން ވަކިވަކިން ދީފައިވާ އެލްއޯސީ ނުވަތަ ލޯނުގެ އަދަދުގެ ޖުމްލަ 1.4 ބިލިއަން ޑޮލަރު (21.5 ބިލިއަން ރުފިޔާ)އަށް އަރަ އެވެ. އޭގެ ތެރެއިން:

  • މިހާތަނަށް ރާއްޖެއަށް ދޫކޮށްފައި ވަނީ 133 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ) 

  • 680 މިލިއަން ޑޮލަރު (10.4 ބިލިއަން ރުފިޔާ)ގެ އަގުހުރި މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށް އެ މަޝްރޫއުތައް ފަށާފައިވޭ

އެގްޒިމް ބޭންކުގެ ލޯނުތަކުގެ ތަފްސީލް:

  • އެގްޒިމް ބޭންކުން ރާއްޖެއަށް ލޯނު ދެނީ %1.75 އިންޓަރެސްޓް ރޭޓްގައި 

  • އެ ލޯނުތައް ދައްކަން ފަށަން ޖެހެނީ އެ ލޯނެއްގެ ފުރަތަމަ ފައިސާ ދޫކުރަން ފަށާތާ ފަސް އަހަރު ފަހުން 

  • އެ ލޯނުތައް އަނބުރާ ދައްކަން 20 އަހަރު ލިބޭނެ 

  • އެ ލޯނުތަކުގެ ހިލޭ އެހީގެ މިންވަރަކީ ޖުމްލަ ލޯނުގެ %31.37 

ކޮމެންޓް (1)

ސަލީމް

6 އޯގަސްޓު 2022
ޢިތުރު.އޭގެ މާނަ އޮޅިއްޖެ....ދެން މާދަން ބުނޭ އޮޅުނިއްޔޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް