Majlis 2024

ހުޅަނގު އައްސޭރީގެ ޖަނިންގައި އިޒްރޭލުން އިއްޔެ ދިން ބަޑީގެ ހަމަލާއެއްގައި މަރުވި ފަލަސްތީނުގެ ނޫސްވެރިޔާ ޝިރީން އަބޫ އަގްލާ

ފަލަސްތީން

ޝިރީން އަބޫ އަގްލާ: ފަލަސްތީނަށް ގެއްލިގެންދިޔަ އަގުހުރި އަޑެއް

ޝިރީން ފާހަގަވެފައިވަނީ އިޒްރޭލުގެ އަނިޔާވެރިކަން ހާމަކޮށްދިނުމުގައި 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް ސާބިތުވެ ހުރި ހިތްވަރުގަދަ ނޫސްވެރިއެއްގެ ގޮތުގައި

ޝިރީން އަބޫ އަގްލާގެ ގަޔަށް ބަޑި ޖަހައި މަރާލި ވަގުތުކޮޅުގެ ވީޑިއޯތަކުން ގައިން ހީބިހި ނަގައިގެންދެ އެވެ. ފަލަސްތީނުގެ ނޫސްވެރިޔާ މޫނު ވަތަށް ބިންމައްޗަށް ވެއްޓިފައި އޮތް އިރު، އެހެން ނޫސްވެރިންގެ ހަޅޭކުގެ އަޑާ އެކު ބަޑީގެ އަޑު ކަނޑައިގެން ނުދެ އެވެ. ޝިރީންގެ ހަރަކާތެއް ނެތް ހަށިގަނޑު ކައިރީ އެހެން ނޫސްވެރިޔަކު ގޮތް ހުސްވެފައި ހުރެ ރޮމުން ގެންދެ އެވެ.

ނޫސްވެރިއެއްކަން އަންގައިދޭ 'ޕްރެސް' ޖެކެޓާއި ރައްކާތެރިވުމަށް ބޮލުގައި އެޅި ހެލްމެޓާ އެކު ވެއްޓިފައި އޮތް އަލް ޖަޒީރާގެ ތަޖުރިބާކާރު ޓީވީ ރިޕޯޓަރު އިޒްރޭލުން ގަސްދުގައި މަރާލީކަމާ މެދު އެ ނެޓްވޯކަށް ޝައްކެއް ނެތެވެ. ޝިރީންއާ އެކު އެ ތަނުގައި ތިބި، ގާތުން މަންޒަރު ދުށް ނޫސްވެރިން ބުނާ ގޮތުގައި އެ މީހުންނަކީ ނޫސްވެރިންކަން ކަނޑައެޅިގެން އެނގޭނެހެން އަދި އެ ތަނުގައި އެ މީހުން އުޅެމުންދާކަން އިޒްރޭލު ސިފައިންނަށް އެންގުމަށް ވެސް ފަހު ހަރަކާތްތެރި ވަމުން ދަނިކޮށް ބަޑި ޖެހީ އެއްވެސް އިންޒާރެއް ދީފައެއް ނޫނެވެ. އެ މީހުން ދެކޭގޮތުގައި އިޒްރޭލުގެ ސްނައިޕަރަކު އެ ވަޒަން ފޮނުވާލީ ޝިރީންގެ ކަންފަތް ކައިރީ ހެލްމެޓުން ފޮރުވިފައި ނެތް ތަންކޮޅަށް ސީދާ އަމާޒުކޮށެވެ.

 އޭނާއަކީ ދުނިޔޭގައި ގުގުމަމުން ދިޔަ ފަލަސްތީނުގެ އެ ހިތްވަރުގަދަ އަޑެވެ. މޫސުމީ ނޫސްވެރިން އައިސްގޮސް ހަދާ ތަނެއްގައި އޭނާ ދުވަހަކަށް ފަހު ދުވަހެއް، އަހަރަކަށް ފަހު އަހަރެއް ދެމިހުރީ، އޭނާގެ އަމިއްލަ ބިމަށް ވެރިވެގަނެގެން ތިބި މީހުންނާ މޫނާއި މޫނު ދިމާކޮށް، އަޑެއް ނެތް ނެތް ފަލަސްތީނު ރައްޔިތުންގެ އަޑު އިއްވުމުގަ އެވެ.

މަރްވާން ބިޝާރާ / އަލް ޖަޒީރާގެ ސީނިއާ ޕޮލިޓިކަލް އެނަލިސްޓް
ޝިރީންގެ ގަޔަށް ވަޒަން އެރުމާ އެކު ކަން ހިނގި ގޮތް ފެންނަ ވީޑިއޯއެއް

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނާ ދެކޮޅަށް އިޒްރޭލު ސިފައިން ހިންގާ އަމަލުތަކުގައި އެތަކެއް ނޫސްވެރިން މަރާލާއި ނުވަތަ ޒަހަމްކޮށްލާފައިވެ އެވެ. އަދި އިތުރު އެތަކެއް ސަތޭކަ ނޫސްވެރިން ޖަލަށް ލާފައިވެ އެވެ. ޝިރީން، 51، ގެ މަރު ހައިރާންކަމަކަށް ނުވާ ސަބަބަކީ އެއީ އެވެ. އެކަމަކު އެ މަރުން ގެނުވި ހިތާމައިގެ ސިހުން ބޮޑެވެ. އިޒްރޭލާއި ފަލަސްތީނުގެ ހަނގުރާމަ ކަވަރުކުރުމަށް 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ކުރި ހިތްވަރުގަދަ މަސައްކަތްތަކަށްޓަކައި އަރަބި ދުނިޔޭގެ ލޯބި ހޯދާފައިވާ ނޫސްވެރިޔާ ގެއްލިދިޔުމަކީ އެތައް ބަޔަކަށް ތަހައްމަލް ނުކުރެވޭ ފަދަ ގެއްލުމެކެވެ.

"ތަޖުރިބާކާރު ނޫސްވެރިއެއްގެ ގޮތުގައި އޭނާއަކީ ދުނިޔޭގައި ގުގުމަމުން ދިޔަ ފަލަސްތީނުގެ އެ ހިތްވަރުގަދަ އަޑެވެ. މޫސުމީ ނޫސްވެރިން އައިސްގޮސް ހަދާ ތަނެއްގައި އޭނާ ދުވަހަކަށް ފަހު ދުވަހެއް، އަހަރަކަށް ފަހު އަހަރެއް ދެމިހުރީ، އޭނާގެ އަމިއްލަ ބިމަށް ވެރިވެގަނެގެން ތިބި މީހުންނާ މޫނާއި މޫނު ދިމާކޮށް، އަޑެއް ނެތް ނެތް ފަލަސްތީނު ރައްޔިތުންގެ އަޑު އިއްވުމުގަ އެވެ،" ޝިރީންގެ ހަނދާނުގައި އަލް ޖަޒީރާގެ ސީނިއާ ޕޮލިޓިކަލް އެނަލިސްޓް މަރްވާން ބިޝާރާ ލިޔުނެވެ.

ބައިތުއްލަހަމްގެ ކްރިސްޓިއަން އާއިލާއަކަށް 1971 ވަނަ އަހަރު ގުދުސްއަށް އުފަންވި ޝިރީން އެންމެ ފުރަތަމަ ކިޔެވީ އާކިޓެކްޗާ އެވެ. އެކަމަކު ވަކި ހިސާބަކުން ނޫސްވެރިކަން ކިޔަވަން ފަށައި، އުރުދުންގެ ޔަރްމޫކް ޔުނިވާސިޓީން ގްރެޖުއޭޓްވުމަށް ފަހު އެނބުރި ފަލަސްތީނަށް ބަދަލުވި އެވެ. ފަލަސްތީނުގެ މީޑިއާގެ އެކި ތަންތަނުގައި ޝިރީން މަސައްކަތްކުރި އެވެ. ޝިރީން އަލް ޖަޒީރާއާ ގުޅުނީ އެ ޗެނަލް 1996ގައި އިފްތިތާހުކުރިތާ އަހަރެއް ފަހުންނެވެ. އަލް ޖަޒީރާގެ ފުރަތަމަ ފީލްޑް ނޫސްވެރިންގެ ތެރޭގައި އޭނާ ހިމެނުނެވެ. އަދި 2000 ވަނަ އަހަރު އައި ފަލަސްތީނުގެ ދެވަނަ އިންތިފާޟާ ކަވަރުކުރުމަށް ކުރި މަސައްކަތުން އޭނާއަށް މަގުބޫލުކަން ލިބުނެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ކުރީގެ ވީޑިއޯއެއްގައި ޝިރީން ބުނެފައިވާ ގޮތުގައި އޭނާ ނޫސްވެރިޔަކަށްވީ އާއްމު ރައްޔިތުންނާ ގާތްކަން ބޭއްވުމަށެވެ.

"ހަގީގަތް ބަދަލުކުރުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ. އެކަމަކު އަހަންނަށް އެންމެ ކުޑަމިނުން އެ މީހުންގެ އަޑު ދުނިޔެއަށް އިއްވޭނެ،" ޝިރީން ބުނެ އެވެ.

ޝިރީން މަސައްކަތުގައި

ޝިރީން މަރުވި އިރު ގެންދިޔައީ އިޒްރޭލުން މީޑިއާގައި ދައްކާ ވާހަކަތައް ބޮޑަށް ދެނެގަތުމަށް ހިބްރޫ ބަސް ދަސްކުރަމުންނެވެ.

ގާޒާގެ ހަނގުރާމަތަކާއި ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގާ އުދުވާންތަކާއި 2009ގެ ލުބްނާން ހަނގުރާމަ އާއި އެއަށް ވުރެ ކުދިކުދި ކަންކަން ވެސް ޝިރީން ކަވަރުކުރި އެވެ. އިންވެސްޓިގޭޓިވް ނޫސްވެރިއެއްގެ ގޮތުގައި ކުށްތައް ތަހުގީގު ވެސް ކުރި އެވެ.

އެކުގައި މަސައްކަތްކުރި ނޫސްވެރިން ބުނާގޮތުގައި ޝިރީން އަބަދުވެސް ދައްކަމުންގެންދިޔައީ ޕްރޮފެޝަނަލްކަމެވެ. ކޮންމެ ފަހަރަކު ވެސް ގެނެސްދިނީ ތެދު މައުލޫމާތެވެ. އަދި އޭނާއަކީ އެންމެ އަނިޔާވެރި ހާލަތުގަ އާއި އެންމެ ހިތްދަތި ހާލަތުގައި ވެސް ހަމަޖެހިގެން ހުރެ މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތްކުރި ނޫސްވެރިއެއްކަން އެ މީހުން ފާހަގަކުރެ އެވެ.

"އެހާމެ ބަލާޣާތްތެރިކޮށް، އެހާމެ ސާފު އިބާރާތްތަކުން އިތުބާރާ އެކު ދުނިޔެއާ ވާހަކަދައްކަމުން އޭނާ ފަލަސްތީނުގެ މަގުތައް މަތިންނާއި ރެފިއުޖީ ކޭމްޕްތަކުގެ ގޯޅިގޯޅިން ހިނގާލާފައިދަނީ ހިތްތިރި އެކަމަކު ޖާދުވީ ގޮތަކަށެވެ،" ޝިރީންގެ ރިޕޯޓްކުރުމުގެ ހުނަރަށް ތައުރީފްކުރަމުން ބިޝާރާ ލިޔުނެވެ.

ހުޅަނގު އައްސޭރީގެ ޖަނިން ރެފިއުޖީ ކޭމްޕުގައި އިޒްރޭލުން 2002ގައި ހިންގި ވަރުގަދަ އުދުވާނުގައި އެތައް ބަޔަކު މަރާލި އިރު އެކަން ކަވަރުކުރަން ޝިރީން ހުއްޓެވެ. އޭގެ 20 އަހަރު ފަހުން ހަމަ ޖަނިންގައި އިޒްރޭލުގެ އުންޑައެއް އެ އަމާޒުވީ އޭނާގެ މޫނަށެވެ.

ޝިރީން ވެއްޓިފައި އޮތް މަންޒަރު ފެނި، ކުރި އަސަރާ އެކު މީހަކު ކޮށްފައިވާ ޓްވީޓެއް

ފާރެއް ބުޑަށް ޝިރީން ވެއްޓިފައި އޮތް މަންޒަރުން އެތައް ބަޔަކު ރޮއްވާލައި ރުޅިއަރުވައިފި އެވެ. އެއީ އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ފަލަސްތީނު މީހުންނަށް ދެމުންދާ އަނިޔާ އާއި އިޒްރޭލު ސިފައިންނާ ދެކޮޅަށް އެ މީހުން ދައްކަމުން އަންނަ ހިތްވަރު ހާމަކޮށްދިނުމުގައި ސާބިތުކަމާއި ނަމޫނާ ދައްކަމުން އައި ނޫސްވެރިއެއްގެ އަޑު ކަނޑުވާލުމުގެ އަމަލެއްކަން އެ މީހުންނަށް ޔަގީންވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް