އަންހެން ކުދިންގެ ސެކަންޑަރީ ސްކޫލުތައް ބަންދުކުރުމާ ގުޅިގެން ގާތްގަނޑަކަށް 3 މިލިއަން ދަރިވަރުންގެ ކިޔެވުން މަހުރޫމުވެފައި ވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި (ފޮޓޯ/ އޭއެފްޕީ)

އަފްގާނިސްތާން

އަންހެން ދަރިވަރުންގެ ސްކޫލްތަކެއް ބަންދުކުރުމުން އަފްގާނުގައި މުޒާހަރާކޮށްފި

ސްކޫލުތައް ނުހުޅުވި ލަސްވަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަރިކިއުލަމްތައް ތައްޔާރު ކުރެވިފައި ނުވާތީކަމަށް ތާލިބާނުން ބުނޭ
11 ސެޕްޓެމްބަރު 2022

އަފްގާނިސްތާނުގެ ޕަކްތިއާ ޕްރޮވިންސުގައި ހުންނަ ސްކޫލުތަކެއްގެ ކިޔެވުން ފެށުނުތާ މަދު ދުވަސްކޮޅެއް ތެރޭގައި ތާލިބާނުގެ ސަރުކާރުން އެ ސްކޫލުތައް ބަންދުކުރުމާ ގުޅިގެން ދަރިވަރުން މުޒާހަރާތަކެއްކޮށްފި ކަމަށް އެގައުމުގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ.

އަފްގާނިސްތާނުގައި އަންހެން ދަރިވަރުންގެ ސެކަންޑަރީ ސްކޫލުތައް ބަންދުކޮށްފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ތިން މިލިއަނެއްހާ ދަރިވަރުން ވަނީ ކިޔެވުމުން މަހުރޫމުވެފަ އެވެ.

އަންހެނުންނަށް ވަޒީފާ އަދާ ކުރުމުގެ ފުރުސަތާއި، ތައުލީމު އުނގެނުމުގެ ފުރުސަތު އޮންނާނެ ކަމަށް މީގެ ކުރިން ތާލިބާނުން ވައުދުވެފައިވީ ނަމަވެސް، އެފުރުސަތުތައް ހަނިކޮށް ތާލިބާނުން އަންނަނީ އަންހެނުންގެ ހައްގުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވަމުން ނެވެ.

ތާލިބާނުން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، އެ ޖަމާއަތުން 1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރަށް އަފްގާނިސްތާނުގައި ވެރިކަން ކުރި އިރު އަންހެނުންނާ މެދު ގެންގުޅުނު ހަރިކަށިކަމުގެ ހަނދާތައް ވަނީ އަލުން އާވެގެން ގޮސްފަ އެވެ. އޭރު ތާލިބާނުން ވަނީ އަންހެނުންނަށް އޮތް ތައުލީމު ހޯދުމުގެ ފުރުސަތުތައް އެކީ ބަންދުކޮށް، އާންމުންގެ ތެރެއަށް އަންހެނުން ނުކުމެ އުޅުން ވެސް މަނާކޮށްފަ އެވެ.

އަންހެން ކުދިންނަށާއި އަންހެނުންނަށް ސެކަންޑަރީ ސްކޫލުތަކާއި ވަޒީފާގެ މައިދާނުގައި "ރައްކާތެރި މާހައުލެއް" ގާއިމު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ތާލިބާނުގެ ސީނިއާ ލީޑަރެއް ވަނީ މިދިއަ މަހު އަލްޖަޒީރާ ނޫހަށް ވިދާޅުވެފަ އެވެ. އަދި އަންހެނުން ތައުލީމު އުނގެނި، ވަޒީފާ އަދާކޮށް، ވިޔަފާރި ކުރުމަށް އިސްލާމް ދީން ހުރަސް ނާޅާ ކަމަށް ވެސް އޭނާ އޭނާ އޭރު ވިދާޅުވި އެވެ.

މިމަހު ކުރީކޮޅު އަފްގާންގެ ގަރްދޭޒްގައި ހުންނަ އަންހެނުން ކުދިންގެ ގްރޭޑް ހަޔަކުން މައްޗަށް ކިޔަވައިދޭ ހަތަރު ސްކޫލަކާއި ސަމްކާނީ ޑިސްޓްރިކްޓުގައި ހުންނަ އެއް ސްކޫލެއް ވަނީ، އެސަރަހައްދުތަކުގެ ގަބީލާ ލީޑަރުންނާއި ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ހިޔާލާއި ހުށައެޅުމުގެ މައްޗަށް ބަރޯސާވެ އޮޕަރޭޓު ކުރަން ފަށާފަ އެވެ. ނަމަވެސް އެ ސްކޫލުތައް ފެށުމަށް ތާލިބާނުންގެ ތައުލީމީ ވުޒާރާގެ ހުއްދަ ހޯދާފައެއް ނުވެ އެވެ.

އަދި ގަރްދޭޒްގެ ދަރިވަރުން އިއްޔެ ސްކޫލަށް ދިޔުމުން އަނބުރާ ގެޔަށް ފޮނުވާލާފައިވާ ކަމަށް އެސަރަހައްދުގައި ދިރިއުޅޭ މީހުންނާއި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތަކުން ވަނީ އޭއެފްޕީއަށް މައުލޫމާތު ދީފަ އެވެ.

"މިއަދު ހެނދުނު އެމީހުން އެދަރިވަރުންތައް ސްކޫލަށް ވަނުމަށް ހުރަސް އެޅުމުން އަހަރުމެން މުޒާހަރާކުރީ،" މިމުޒާހަރާ އިންތިޒާމު ކުރި އެކްޓިވިސްޓު ޔާސްމީން އޭއެފްޕީއަށް ފޯނު މެދުވެރިކޮށް މައުލޫމާތު ދެއްވި އެވެ.

ހުސްވި މާޗު މަހު ތާލިބާނުންގެ ތައުލީމާ ބެހޭ ވުޒާރާ ކުރިމަތީ ބޭއްވުނު މުޒާހަރާއެއްގެ ތެރެއިން (ފޮޓޯ/ އޭއެފްޕީ)

އަންހެނުންނާއި ސްކޫލުގެ ދަރިންވަރުން ޔުނީފޯމުގައި ތިބެ ބައިވެރިވި މި މުޒާހަރާގެ ފޮޓޯތައް ދަނީ ސޯޝަލް މީޑިއާ އާއި އެސަރަހައްދުގެ އެހެން މީޑިއާތަކުގައި ދައުރުވަމުން ނެވެ.

"އަހަރުމެންގެ ސްކޫލްތައް ބަންދުކުރީ ކީއްވެ؟ އަހަރުމެންގެ ޖަޒުބާތުތަކާ ތިކުޅެނީ ކީއްވެ"؟ ލޯ ކަރުނައިން ފުރިފައިވާ އަންހެން ކުއްޖަކު އެއް ވީޑިއޯގައި ބުނާ މަންޒަރު ފެނެ އެވެ.

ނޫސްވެރިން ކަވަރުކުރުމަށް މަނާ ކުރި މި މުޒާހަރާ ހިނގިކަން ގަރްދޭޒް ސިޓީގައި ދިރިއުޅޭ އިތުރު ދެމީހަކު ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

"ދަރިވަރުންތައް މުޒާހަރާ ކުރަމުން ދިޔައީ ސުލްހަވެރިކަމާ އެކު. އެކަމު މާ ގިނަ އިރުތަކެއް ނުވެ ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާ ރޫޅާލާފައި،" ނަން ނުޖެހުމަށް އެދި އޭއެފްޕީއަށް މައުލޫމާތު ދިން މީހަކު ކިޔާދިނެވެ.

ސްކޫލުތައް ނުހުޅުވި ލަސްވަމުން ދަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަރިކިއުލަމްތައް އަދި ނުހެދޭތީ ކަމަށާއި މިކަން ނިމޭހާ އަވަހަކަށް ކިޔެވުން ފެށޭނެކަމަށް ތާލިބާނުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. 

ތާލިބާނުންނާ ދެކޮލަށް ތައުލީމު ހާސިލުކުރަން މަސައްކަތް ކުރަމުން އަންނަ އަންހެން ދަރިވަރުންނާ ގުޅޭ (ވީޑިއޯ/ ސީބީއެސް އީވްނިންގް ނިއުސް)

ތާލިބާނުގެ ވެރިކަމަށް މިހާރު އަހަރެއް ވެފައިވާ އިރު، އަފްގާނިސްތާނުގައި މިވަގުތު ކިޔަވާދެމުން އަންނަ ސަރުކާރުގެ މަދު ސްކޫލެއް ހިނގަމުން އަންނަނީ ސަރަހައްދީ ލީޑަރުންނާއި އާއިލާތަކުގެ ޕްރެޝަރުތަކާ ހެދި އެވެ. ނަމަވެސް ކާބުލް އާއި ކަންދަހާރު ފަދަ ގިނަ ޕްރޮވިންސުތަކެއްގައި ސްކޫލްތައް ހުރީ ބަންދުކޮށްފަ އެވެ.

އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާކަމުގައިވާ ޔުނިސެފުން އަންދާޒާ ކުރާ ގޮތުގައި އަފްގާނިސްތާނުގައި ސެކަންޑަރީ ތައުލީމް ހޯދުމުން މަހުރޫމުވެފައިވާ ތިން މިލިއަނެއްހާ ދަރިވަރުން މިވަގުތު އެބަ ތިއްބެވެ. އަދި އެގައުމުގެ 39 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް އިންސާނީ އެހީތެރިކަން ބޭނުންވާކަމަށާއި ހަ މިލިއަން މީހުންނަށް ބަނޑަށް ޖެހުމުގެ ބިރު ކުރިމަތިވެފައިވާ ކަމަށް ވެސް އދ. އިން ވަނީ އަންދާޒާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް