ހިޕްކިންސް، 44، ރަސްމީކޮށް ހަމަޖެއްސީ ޖަސިންޑާ އާޑާން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވިތާ ހަފުތާއެއް ފަހުން.

ނިއު ޒީލެންޑް

ހިޕްކިންސް ނިއުޒިލޭންޑްގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި

ނިއުޒީލޭންޑްގެ 41 ވަނަ ބޮޑުވަޒީރުކަމުގެ ހުވާ ކްރިސް ހިޕްކިންސް ކުރައްވައިފި އެވެ.

ނިއުޒީލޭންޑްގެ ވެރިކަމަށް ހިޕްކިންސް، 44، ރަސްމީކޮށް ހަމަޖެއްސީ އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ޖަސިންޑާ އާޑާން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވިތާ ހަފުތާއެއް ފަހުންނެވެ. ހަތް އަހަރުދުވަސް ވަންދެން ބޮޑުވަޒީރުކަން ކުރެއްވި އާޑާން، 42، ވިދާޅުވެފައި ވަނީ ގައުމުގެ ލީޑަޝިޕަށް ބޭނުންވާ ވަރަށް އޭނާގެ ހަކަތަ މިހާރު ނެތް ކަމަށެވެ.

ހިޕްކިންސް ވަނީ ނިއުޒީލޭންޑްގައި ކޮވިޑް-19 ކަންކަން މެނޭޖުކުރުމުގައި އިސްކޮށް ދައުރެއް އަދާކުރައްވައިފަ އެވެ. އަދި އެކަމުން އޭނާ ވަނީ މަޝްހޫރުކަން ހޯއްދަވައިފަ އެވެ.

ވެރިކަން ކުރާ ލޭބާ ޕާޓީގެ ކޮކަސްގައި މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ބައްދަލުވުމެއްގައި ހިޕްކިންސްއަށް ވަނީ ތާއީދު ލިބިފަ އެވެ. އަދި އަންނަ އޮކްޓޫބަރު މަހު ބާއްވާ އާންމު އިންތިހާބުގައި ވެރިކަން ދެމެހެއްޓުމުގެ ބުރަ މަސައްކަތަށް މިހާރު ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ހިޔާލު ހޯދުމުގެ ޕޯލްތަކުން ދައްކާ ގޮތުގައި، އޭނާގެ ޕާޓީ އަކީ، ކޮންޒަވޭޓިވް އިދިކޮޅު، ނޭޝަނަލް ޕާޓީއަށް ވުރެ މަގްބޫލުކަން ދަށް ޕާޓީ އެކެވެ.

ފަސް މިލިއަން މީހުން ދިރިއުޅޭ އެ ގައުމަކީ ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ބޯޑަރު ބަންދުކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މި ފިޔަވަޅުގެ ސަބަބުން ނިއުޒީލެންޑް ވައިރަހުން ސަލާމަތްވެފައި އޮތުމުން ގިނަ ބައެއްގެ ތައުރީފު ލިބުނު ނަމަވެސް، ޒީރޯ ކޮވިޑް ސްޓްރެޓެޖީގެ ހަރުކަށި ފިޔަވަޅުތަކުގެ މަތިން މީހުން ފޫހިވެ، އާންމުންގެ މެދުގައި މާޔޫސްކަން އުފެދުނެވެ.

ހިޕްކިންސް މިހާރު ގަބޫލުކުރައްވާ ގޮތުގައި ހަރުކަށި ލޮކްޑައުންތަކަށް ކުރިން ލުއިދޭން ޖެހެ އެވެ.

ހިޕްކިންސް ކުރިން ވަނީ ތައުލީމާއި ފުލުހުންނާއި ޕަބްލިކް ސާވިސް މިނިސްޓަރުކަމުގެ މަގާމުތައް ވެސް ފުރުއްވާފަ އެވެ.

"ޗިޕީ"ގެ ނަމުން ނަން ދީފައިވާ ދެ ކުދިންގެ ބައްޕަ ބުނީ އޭނާގެ ވައުދާއި ސިޔާސީ ކަމަކީ "ބުރަކޮށް މަސައްކަތް ކުރަން ބޭނުންވާ ހުރިހާ ކިވީންނަށް ވެސް ފުރުސަތު ހޯދައިދީ، ބުރަކޮށް މަސައްކަތްކޮށް ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދީ، އަމިއްލަ ނަފްސާއި އާއިލާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުން" ކަމަށެވެ.

އޭނާގެ ކެބިނެޓްގެ ފުރަތަމަ ބައްދަލުވުން އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.

އާޑާން ވެރިކަމުގެ އެންމެ ފަހު ދުވަސް ނިންމަވާލެއްވީ ވެލިންޓަންގެ އުތުރުން އޮންނަ ކުޑަ އަވަށެއް ކަމަށްވާ ރަތާނާއަށް ކުރެއްވި ޒިޔާރަތެއްގަ އެވެ. ބެކްބެންޗް އެމްޕީއަކާއި އެއްބަނޑު އެއްބަފާ ކޮއްކޮއަކާއި މަންމައަކަށް ވާން ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް