Majlis 2024
ފުޓްބޯޅަ

މައްސަލަ ޝަރީއަތުގައި، ގިގްސް ވޭލްސްގެ ކޯޗުކަން ދޫކޮށްލައިފި

ގެވެށި އަނިޔާގެ ތުހުމަތުކުރެވި ޝަރީއަތާ ކުރިމަތިލާން ޖެހިފައިވާ ރަޔަން ގިގްސް ވޭލްސް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދީފި އެވެ.

އެ ތުހުމަތާ ގުޅިގެން ގިގްސް ވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅު ގައުމީ ޓީމުގެ ވަޒީފާ އިން ވަގުތީ ގޮތުން ދުރުވެފަ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އޭނާ ހައްޔަރުކުރި އެވެ.

ގިގްސްގެ ބަދަލުގައި އޭރު ގައުމީ ޓީމާ ހަވާލުވީ ރޮބް ޕޭޖް އެވެ. އޭނާ ވަނީ އެ ޓީމު 1958 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފަ އެވެ.

ގިގްސް ބަދަލުގައި ވޯލްޑް ކަޕުގައި ވޭލްސް އަށް ކޯޗުކޮށްދޭނީ ޕޭޖް އެވެ.

ގިގްސް ބުނީ އޭނާގެ މައްސަލައިގެ ސަބަބުން އެ ޓީމުގެ ވޯލްޑް ކަޕް ތައްޔާރީތަކަށް ހުރަސް އެޅެން ބޭނުންނުވާ ކަމަށާއި މިވަގުތު އިސްތިއުފާ ދިނަސް ފަހުން އަލުން ކޯޗިން ފަށަން ބޭނުންވާ ކަމަށެވެ.

ގިގްސްގެ ޝަރީއަތް އެންމެ އަވަހަށް ވެސް ފެށޭނީ އޮގަސްޓް މަހު އެވެ. އޭނާ ވަނީ ތުހުމަތުތަކުން ބަރީއަވެ، ދައުވާއަށް އިންކާރުކޮށްފަ އެވެ.

އޭނާގެ މައްޗަށް ކުރާ ގެވެށި އަނިޔާގެ ދައުވާގައި އޮގަސްޓް 2017 އިން ނޮވެމްބަރު 2020 އާ ދެމެދު އޭނާގެ އޭރުގެ ލޯބިވެރިޔާ އަށް އަށް އަނިޔާކުރުމުގެ މައްސަލަ ހިމެނެ އެވެ.

ގިގްސް އަކީ މެންޗެސްޓާ ޔުނައިޓެޑަށް 1990-2014 އަށް ކުޅުނު ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ނަމެކެވެ. އޭނާ ވަނީ ވޭލްސް ގައުމީ ޓީމަށް 1991-2007 އަށް ކުޅެފަ އެވެ.

އޭނާ ކޯޗިން ކެރިއަރު ފެށީ މެންޗެސްޓާ ޔުނައިޓެޑުގެ ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. އެ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކުރި އެވެ.

ގިގްސް ވޭލްސްއާ ހަވާލުވީ 2018 ގަ އެވެ. އޭނާގެ ކޯޗުކަމުގައި އެ ޓީމު މިދިޔަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް