Majlis 2024

އީލޮން މަސްކު. (ފޮޓޯ / ރޮއިޓާސް)

އީލޮން މަސްކް

ފޭކު އެކައުންޓުތަކުގެ ތަފްސީލު ހޯއްދެވުމަށް، ޓުވިޓާ ގަތުން މަސްކު މަޑުޖައްސާލައްވައިފި

މިއީ މި ޑީލާ މެދު އަލުން މަޝްވަރާކުރުމަށް ނުވަތަ ޑީލު ދޫކޮށްލެއްވުމަށް މަސްކު ގެންގުޅުއްވާ އުކުޅެއް ކަމަށް ބައެއް މާހިރުން ދެކޭ

ސޯޝަލް މީޑިއާ ކުންފުނި ޓުވިޓާ ގަތުމަށް ހުށަހެޅުއްވި 44 ބިލިއަން ޑޮލަރުގެ ޑީލު، ޓުވިޓާގައި ހުރި ފޭކު އަދި ސްޕޭމް އެކައުންޓުތަކުގެ އަދަދު ހޯއްދެވުމަށް، މަޑުޖައްސާލައްވާފައިވާ ކަމަށް ބިލިއަނަރު އީލޮން މަސްކު ވިދާޅުވެއްޖެ އެވެ.

މަސްކު ވިދާޅުވީ ޑީލު މަޑުޖައްސާލެއްވީ ޓުވިޓާގައި ހުރި މިފަދަ އެކައުންޓުތަކުގެ އަދަދު ހަގީގަތުގައި ވެސް %5 އަށް ވުރެ ދަށްކަން ކަށަވަރުވާނެ މައުލޫމާތު ލިބެންދެން ކަމަށެވެ.

ޓުވިޓާގައި ހުރި ފޭކު އަދި ސްޕޭމް އެކައުންޓުތައް ނައްތާލުމާ ބެހޭ ގޮތުން މަސްކު ވަނީ މީގެ ކުރިން ވެސް ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް މަސްކުގެ މި ނިންމުމުން ދޭހަވަނީ މި ޑީލާ މެދު އޭނާ އަލުން މަޝްވަރާކުރައްވަން ބޭނުންވާކަން ނުވަތަ ޑީލު އެކީ ދޫކޮށްލައްވަން ބޭނުންވާކަން ކަމަށް ބައެއް މާހިރުން ލަފާކުރައްވަ އެވެ.

މަސްކުގެ ޓުވީޓާ ގުޅިގެން، މިއަދު ހިއްސާގެ ބާޒާރު ހުޅުވުމުގެ ކުރިން ކުރި ވިޔަފާރިތަކުގައި، ޓުވިޓާ ކުންފުނީގެ ހިއްސާގެ އަގު ވަނީ %25 ވެއްޓިފަ އެވެ.

މަސްކު ހުށަހަޅުއްވާފައިވާ އަދި ޓުވިޓާގެ ބޯޑުން ގަބޫލުކޮށްފައިވާ ޑީލު، މި މުއާމަލާތުގައި ހިމެނޭ އެއްވެސް ފަރާތަކުން ކެންސަލުކޮށްފި ނަމަ 1 ބިލިއަން ޑޮލަރު އަނެއް ފަރާތަށް ދައްކަން ޖެހޭނެ އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭ ޓުވިޓާ ބޭނުންކޮށްފައިވާ ޖުމްލަ އެކައުންޓުތަކުގެ ތެރެއިން ފޭކް އެކައުންޓުތަކުގެ ނިސްބަތަކީ %5 ކަމަށް އެ ކުންފުނިން ވަނީ މީގެ ދެ ހަފްތާ ކުރިން ބުނެފަ އެވެ. ނަމަވެސް ފޭކު އެކައުންޓުތަކުގެ އަދަދު ހޯދުމަށް ޖަހާފައިވާ ހިސާބުތަކުގައި ގެންގުޅެފައިވާ މިންގަނޑުތަކުގެ ސަބަބުން، މިއީ އެންމެ ސައްހަ ނިސްބަތް ތަމްސީލުކޮށްދޭ އަދަދަށް ނުވުން އެކަށީގެންވާ ކަމަށް އެ ކުންފުނިން އޭރު ބުނެފައިވެ އެވެ.

"އަހަރެމެންގެ އަންދާޒާތަކަށް ވުރެ ފޭކު އަދި ސްޕޭމް އެކައުންޓުތަކުގެ އަދަދު އިތުރުވެދާނެ. މި އަދަދު އަންދާޒާކުރުމަށް އަހަރެމެން ކުރާ މަސައްކަތްތައް އަބަދުމެހެން މި ދަނީ ރަނގަޅުކުރަމުން،" ޓުވިޓާއިން ބުނެފައިވެ އެވެ.

މަސްކު ޓުވިޓާ ޑީލު މަޑުޖައްސާލެއްވުމާ ގުޅޭ. (ވީޑިއޯ/ ނިއުސްނޭޝަން)

އޮޓޮމެޓިކުން ބައިވަރު ފޭކު ޕޯސްޓުތައް އުފައްދާ އެކައުންޓުތަކާ ދެކޮޅަށް ޓުވިޓާއިން މަސައްކަތް ކުރާތާ އަހަރުތަކެއް ވަނީ ވެފަ އެވެ. ޓުވިޓާގައި ހުރި މިފަދަ 'ސްޕޭމް ބޮޓު'ތައް ނައްތާލުމާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފަދަ ޓުވިޓާއިން ބޭރުކޮށްލާފައިވާ ބޭފުޅުންގެ އެކައުންޓުތައް އަނބުރާ ދިނުން ފަދަ ގިނަ ބަދަލުތަކެއް ގެންނަވާނެ ކަމަށް މަސްކު ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް