އދ. އޮމަދޫގެ ފާލަން މަތީގައި ދެ މީހަކު މަސް ބާނަން މަޑުކޮށްލައިގެން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ދިރިއުޅުން ބެލެންސް ކުރާނީ ކިހިނެއް؟

ދިރިއުޅުން ބެލެންސް ކުރުމަށް ގިނަ މީހުންނަށް އުދަނގޫވިޔަސް ބައެއް ކަންކަން ކުރުމުން ބެލެންސް ކުރަން ފަސޭހަވޭ

މުހިންމު ނުކުތާތައް

އެހެން މީހުންނާއި ތިމާގެ ދިރިއުޅުން އަޅާނުކިޔުން މުހިއްމު

މަސައްކަތުގައި ބަލަންވީ އަބަދުވެސް ދެން ކުރެވޭނެ ކަމަކަށް

ޝުކުރުވެރިވުމާއި ކެރިގެން ކަންކަމާ ކުރިމަތިލުން ވެސް މުހިއްމު

ދިރިއުޅުމުގައި ކަންކަން ފުރިހަމަ އަށް ބެލެންސް ކުރެވެނީ މަދު ބަޔަކަށް ހެއްޔެވެ؟ ނޫނީ މިއީ އެންމެންނަށް ކުރެވޭ ކަމެއް ހެއްޔެވެ؟ ކަންކަން ފުރިހަމަ އަށް ބެލެންސް ކުރާ މީހުން ފެނުމުން އާޝޯހުވޭ ހެއްޔެވެ؟ އެމީހުންގެ ސިއްރަކީ ކޮބާބާވައޭ ހިތަށް އަރާ ހެއްޔެވެ؟ ނުވަތަ ތިމާ އަށް މިކަން ނުވަނީ ކީއްވެގެންކަމާ މެދު ސުވާލު އުފެދޭ ހެއްޔެވެ؟

ފުރިހަމަ ދިރިއުޅުމަކަށް އަޅުކަން، މަސައްކަތް، އާއިލާ، ކަސްރަތު، ރަނގަޅު ސިއްހަތެއްގައި ހުރުން އަދި ނަފްސާނީ ހަމަޖެހުމަށް އެކަނިވެލައި ނަފްސަށް ހޯދާ ވަގުތު ވެސް މުހިއްމެވެ.

ބައެއް މީހުންގެ ދިރިއުޅުން އެއްކޮށްހެން ސޯޝަލް މީޑިއާއިން ފެނެ އެވެ. ދިރިއުޅޭ ގެ ތަރުތީބުކަމުން އެއީ ފަހަރެއްގައި ހޮޓެލައް ހެން ހީވެދާނެ އެވެ. ދަންނާށެވެ. ސޯޝަލް މީޑިއާއިން ފެންނަނީ އެ މީހަކު ހާމަކުރަން ބޭނުންވާ އެއްޗެހި އެކަންޏެވެ. ކެމެރާގެ ލެންސަށް ނާރާ ބައި އޮތް ގޮތެއް އަހަރެމެންނަކަށް ނުފެނެ އެވެ.

ނުވަތަ ފަހަރުގައި އެއީ ހަމަ ތަރުތީބު ރީތި ސާދަ ދިރިއުޅުމެއް އުޅޭ މީހަކު ކަމުގައި ވެސް ވެދާނެ އެވެ. ނުވަތަ އެއީ އެ މީހަކަށް އެ ދުވަހު ހަމައެކަނި ހަމަޖެހިލަން ލިބުނު ވަގުތުކޮޅު ކަމުގައި ވެދާނެ އެވެ. އަދި އެ ފޮޓޯގަނޑު ފުރިހަމަވީ ބުރަ މަަސައްކަތެއް ކޮށް ގިނަ ވަގުތު ހޭދަކޮށްގެން ކަމުގައި ވެސް ވެދާނެ އެވެ. 

ބަދިގޭގެ ސުފުރާމަތި (ފޮޓޯ/ނަބީ ޝިޔާމް)

އެންމެ މުހިއްމު ކަމެއް ދޭންވީ ތިމާގެ ހާލަތާއި އެެހެން މީހުންނާ އަޅާ ނުކިޔުމަށެވެ. ދިރިއުޅުމަކީ ރޭހެއް ނޫނެވެ. ދަރިން ތަރުބިއްޔަތު ކުރުމަކީ ވެސް ރޭހެއް ނޫނެވެ. ދިރިއުޅުން ބެލެންސް ކުރަނީ އެ މީހަކަށް ކުރެވުނު އެންމެ ރަނގަޅަކަށް ކޮންމެ ކަމެއް ވެސް ކޮށްގެންނެވެ. އެހެން މީހުންގެ ދިރިއުޅުމާ އަޅާ ކިޔާ ނަމަ ދުވަހަކު ވެސް ބެލެންސްވި ކަމުގެ އިހްސާސެއް ނުކުރެވޭނެ އެެވެ. ކުރެވުނު އެންމެ ރަނގަޅަކަށް ކޮންމެ ކަމެއް ކުރުމުން އެ ހިސާބުން އެ ނިމުނީ އެވެ.

އެއް ފަހަރު ފެއިލް ވެދާނެ އެވެ. ދެވަނަ ފަހަރަށް އެއަށް ވުރެ ރަނގަޅަށް އެކަން ކުރަންވީ އެވެ. މިއީ ދިިރިއުޅުން ބެލެންސް ކުރާ ގޮތުގެ ސިއްރެެކެވެ.

ކޮންމެ ދުވާލެއްގައި ވެސް އޮންނަނީ 24 ގަޑި އިރެވެ. އޭނާ އަށް ވެސް ތިމާއަށް ވެސް ލިބެނީ 24 ގަޑި އިރެވެ. ދިރިއުޅުން ފުރިހަމަ ކުރުމަށް އެ ގަޑި ހެޔޮގޮތުގައި ބޭނުން ކުރަންވީ އެވެ. މަސައްކަތުގައި ބަލަންވީ ހުހަށް ވަގުތު ދުއްވާލުމުގެ ބަދަލުގައި އެއް ކަމަކަށް ފަހު ދެން ތިމަަންނާ އަށް ކުރެވޭނީ ކޮން ކަމެއްތޯ ބަލާށެވެ. އެއީ ވެސް ސިއްރެކެވެ. 

ހަޔާތުގައި އަަހަރެމެންނާ އެކިއެކި މީހުންނާ ބައްދަލުވެ އެވެ. އެ އެންމެންނާ ރަނގަޅު ގުޅުމެއް ބޭއްވުމަކީ ކުރިއަށް ދާން އޮތް މަގެއް ކަމުގައި ދެކޭށެވެ. ރަހުމަތްތެރިން ހޯދުމުގައި އަދި ގުޅުން ބަދަހި ކުރުމުގައި އަބަދު ތިމާއާ އެއް ފެންވަރެއްގެ ދިރިއުޅުމެއް އުޅޭ މީހެއް ހޯދާނެ ކަމެއް ނެތެވެ.

 ދެ އެކުވެރިން ވިލިމާލޭ އިރުމަތީ ފަރާތުގައި އިށީނދެލައިގެން. (ދައުރު ފޮޓޯ/ އައިޝާ އީމާން)

ބުއްދިވެރިން ބުނެ އުޅޭ ބަހެއް އޮވެ އެވެ. ހާލުގައި ޖެހޭ އިރު ރައްޓެހިން މަދުވެ އެވެ. އަދި ކުރިއަރާ ކާމިޔާބު ނަމަ ގިނަ އެކުވެރިންތަކެއް ތިބޭނެ އެވެ. މިއީ ވަރަށް ގިނަ ފަހަރު ކުރެވޭ ތަޖުރިބާއެކެވެ. ދޭދޭ މީހެއްގެ މެދުގައި މައްސަލައެއް ޖެހޭ އިރު އަބަދުވެސް ގިނަ ފައިސާ ލިބޭ މީހާގެ ކޮޅުގައި ގިނަ މީހުން ތިބޭ ކަމުގެ އިހްސާސް ކުރެވިދާނެ އެވެ. ގިނަ އެކުވެރިންތަކެއް ހޯދަން އުޅޭނެ ކަމެއް ނެތެވެ. ސަބަބަކީ ގިނަ ފަހަރަށް އެ މީހުންގެ ހިތުގައި އޮންނަ އެއްޗެއް ނޭނގެ އެވެ. އިހްލާސްތެރި އެންމެ ރައްޓެއްސެއް، އިހްލާސްތެރިކަމެއް ނެތް 10 ރައްޓެހިންނަށް ވުރެ ރަނގަޅެވެ. މިއީ އެންމެން ދަންނަ ސިއްރެކެވެ.

ސޯޝަލް މީޑިއާގައި 1،000 ރަހްމަތްތެރިން ތިއްބަސް ގިނަ ފަހަރަށް އެ މީހުންނަކީ ހަގީގީ ރައްޓެހިންނެއް ނޫނެވެ. ތިމާގެ ދިރިއުޅުމުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއަކާ އެމީހުން އެއްވަރެވެ. ހެވެއް ނޭދެ އެވެ. އަބަދުވެސް ކަން ކުރާ ގޮތް ބަލަން ތިބޭ ބަޔަކަށް ވެ އެވެ.

ދިރިއުޅުމުގެ ކަންކަމާ މެދު ޝުކުރުވެރިވާ ނަމަ ލިބޭ ހިތްހަމަޖެހުން ބޮޑުވެ އެވެ. ޝުކުރުވެރި ހިތެއް އޮންނަ ނަމަ ކޮންމެ ކަމެއް ވެސް ބެލޭނީ ކާމިޔާބީއެއްގެ ގޮތުގަ އެވެ. ކިތަންމެ ކުޑަ ކަމެއް ހާސިލްވި ކަމުގައި ވިޔަސް އެކަމަށް ޝުކުރުވެރި ވާންވެ އެވެ. ޝުކުރު ހައްގު ކިތައް ކަންތައް ދުވާލެއްގެ މައްޗަށް ފެނޭ ހެއްޔެވެ؟ 

މާލޭ ރާޅުގަނޑުގައި ބޭއްވި މުބާރާތެއްގައި އަންހެން ސާފަރުންތަކެއް އުފާފާޅުކުރަނީ. (ފޮޓޯ/މޯލްޑިވްސް ސާފިން އެސޯސިއޭޝަން)

ޝުކުރުވެރިވުމުގެ ސަބަބުން ދިރިއުޅުމާ މެދު ރަނގަޅު އިހުސާސެއް ކުރެވި، އިތުރު ޖޯޝެއް ލިބި، އެހެން މީހުންނަށް އެހީތެރިވުމަށް ވެސް ޝައުގުވެރިވެ އެވެ. ކޮންމެ ދުވަހަކު ވެސް ޝުކުރުވެރިވާ ކަންކަން ލިޔާށެވެ. ފޮތް ފުރިއްޖެ ނަމަ ހިތް ވެސް ފުރޭނެ އެވެ.

ކާމިޔާބު ވުމަށް އެދޭ ނަމަ ކަންކަމާ ކުރިމަތިލާށެވެ. ފަހަތު ފަޔަށް ބުރަ ނުވެ، ކެރިގެން ކުރިމަތިލާށެވެ. އޭގެ ނަތީޖާ ފޮންޏެވެ. މީހުންގެ ކުރިމަތީގައި ވާހަކަ ދެއްކުން، ފޮތެއް ލިޔުން ނުވަތަ ކުރާހިތްވާ އަދި ދުވަހަކު ވެސް ނުކޮށް ހުންނަ އާ ކަންކަން ކުރާ ނަމަ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ އެވެ. މި ގޮތަށް ކަންތައް ކުރާ އިރު ކަމެއް ހާސިލް ނުވެއްޖެ ނަމަ އެއީ ދަސްކުރުމަށް ލިބުނު ތަޖުރިބާއެއް ކަމުގައި ބަލާށެވެ. އަދި އެކަމުން ހިތްވަރު ލިބިގެން މަސައްކަތް ކުރާށެވެ.

ކުރަން ފަށާ ކަމެއް ނިންމުމަކީ ވެސް މުހިއްމު ކަމެވެ. އެއީ ކޮންމެ ކަމެއް ކަމުގައި ވިޔަސް އެވެ. ހަދަން ފެށި ކޯސް އުދަނގޫވެގެން ދޫކޮށްލާ އިރު އެކުގައި ކޯހުގައި ބައިވެރިވި އެހެން މީހުންނަށް ކޯސް ފުރިހަމަ ކުރުމުން ލިބޭ ޕްރޮމޯޝަން ލިބިފައި އޮވެދާނެ އެވެ. ނުވަތަ އެހެން ވެސް ކުރިއެރުމެއް ލިބޭ އިރު، ކޯސް ނުނިންމާތީ އެކަމުން ތިމާ މަހުރޫމުވެފައި އޮވެދާނެ އެވެ.

ގައުމީ ޔުނިވަސިޓީގެ ދަސްވެނިވުން ހަފްލާއެއްގެ ތެރެއިން (ފޮޓޯ/އެމްއެންޔޫ)

ޖިމަށް ފައިސާ ދައްކާފައި ޖިމަށް ނުގޮސް، ސައިކަލް ދުއްވަން ދަސްކުރަން ގޮސް އެކަން ނުކޮށް އޮތުމުން އަދިވެސް ލައިސަންސް ކަންތައް ކޮޅެއްގައި ނުޖެހި އޮވެދާނެ އެވެ. އޭގެ ބަދަލުގައި ކުރަން ހިތުލާ ކަމެއް ކޮށް ނިންމަން ގަސްދުކޮށް އެކަން ނިންމައިފި ނަމަ ލިބޭ އުފާވެރިކަން ބޮޑެވެ. ކަމެއް ހާސިލުވުމުގެ އިހްސާސްވުމުގެ އިތުރުން އެ ކަމެއްގެ ސަބަބުން ލިބޭ އެހެން ކުރިއެރުމާއި ފުރުސަތުތައް ގިނަ އެވެ.

ބެލެންސް ކުރުމަށް ދިރިއުޅުމުގައި ކުރަނީ ކުރާ ހިތްވާ ކަމެއްތޯ ވެސް ބަލަން ޖެހެ އެވެ. އެ މީހެއްގެ ހަޔާތުގައި އެންމެ އިސްކަންދޭން ބޭނުންވަނީ ކޮން ކަމެއް ކަން ކޮންމެ މީހަކަށް ވެސް އެނގުން މުހިއްމެވެ. "މަނީ ކާންޓް ބައި ހެޕިނަސް" އޭ ބުނޭ ނޫން ހެއްޔެވެ؟ އެއީ ތެދެކެވެ. ފައިސާ ހުއްޓަސް އަދި އުފާވެރިކަމެއް ނުލިބިދާނެ އެވެ.

 އަދާ ކުރާ ވަޒީފާ އަކީ ތިމާ ކުރާ ހިތްނުވާ ކަމެއް ނަމަ ކިތަންމެ ފައިސާއެއް ލިބުނަސް ނަފްސަށް ހަމަޖެހުމެއް ނެތެވެ. ގޭގައި ދަރިން ބެލުމަށް ހުންނަން ބޭނުންވާ މީހާ އަށް ކިތަންމެ ބޮޑު މުސާރައެއްގެ ވަޒީފާއެއް ލިބުނަސް އޭނާ އަށް މުހިއްމު ވަނީ ދަރިންނާ އެކު ހޭދަ ކުރާ ވަގުތެވެ. ކުޑަ ފައިސާކޮޅެއް ލިބޭ މަސައްކަތެއް ގޭގައި ހުރެގެން ކުރެވޭ ނަމަ އެ މީހަކު އެ ގޮތް ހިޔާރުކޮށްފާނެ އެވެ. އަދި އެކަމުން ލިބޭނެ ހިތްހަމަޖެހުން ބޮޑުވެ އެެވެ.

އެންމެން ވެސް ފައިސާ ބޭނުންވެ އެވެ. ފައިސާ ހުންނަ ނަމަ ގިނަ ކަންކަން ފަސޭހަވެ އެވެ. އެކަމަކު ލިބޭ ފައިސާއަށް ވުރެ، ދިރިއުޅުމުގައި އިސްކަން ދޭން ބޭނުންވާ ކަންތައް މުހިއްމެވެ.

އެމްއެންޔޫގެ ފުރަތަމަ ޖޮބް ފެސްޓިވަލް 'ފަހި ފުރުސަތު'. (ދައުރު ފޮޓޯ)

ބެކަޕް ޕްލޭނެއް އަބަދުވެސް އޮންނަން ޖެހެ އެވެ. ދިރިއުޅުމުގައި ކަންކަން ވާނެ ގޮތެއް ބުނާކޮށް އެއްވެސް މީހަކަށް ނޭނެގޭނެ އެވެ. ފެއިލްވެއްޖެ ނަމަ ދެން ހަދަންވީ ގޮތެއް އޮންނަ ނަމަ ނުތަނަވަސްކަން އަންނަ ކޮންމެ ދަނޑިވަޅެއްގައި މީހާ ހުންނާނީ އެ ދަނޑިވަޅަކަށް ތައްޔާރަށެވެ.

މީގެ ބަދަލުގައި، އަތުގައި ފައިސާ އޮވެއްޖެ ނަމަ އެންމެ ފަހުގެ ފޯނާއި ފައިވާން ގަނެ އެ ފައިސާ ވިސްނުމަކާ ނުލާ ތަޅާބުރުވާލުމަކީ އާދައެކެވެ. މާދަން ކުއްލިއަކަށް ކަމެއް ދިމާވާ އިރު އަތުގައި އެކައްޗެއް ވެސް ނޯވެ އެވެ. އެހެން މީހުންނަށް ބަރޯސާވާން ޖެހެ އެވެ. ބޭންކް ލޯނެއް ނަގަން ޖެހެ އެވެ. ބެކަޕް ޕްލޭނެއް އޮންނަންވީ މާލީ ކަންކަމުގައި އެކަންޏެއް ނޫނެވެ. މުޅި ދިރިއުޅުމުގަ އެވެ.

އިރުއޮއްސުނު ވަގުތު ބަޔަކު އިށީނދެލައިގެން (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ހުރިހާ ކަމެއް އެއްފަހަރާ ކުރަން އުޅުމުގެ ބަދަލުގައި ބޯބަހައްޓައިގެން ފަހަރަކު ކަމަކާ ކުރިމަތިލާ ނަމަ ލިބޭ ނަތީޖާ ރަނގަޅުވެ އެވެ. ހުރިހާ ކަމެއް އެއްފަހަރާ ކުރަން އުޅުމުން މީހާގެ ސިކުނޑިއަށް ނުތަކާ ވަރަށް ކަންކަން ގިނަވެގެން ސްޓްރެސް އިންތިހާ އަށް މަތިވެ އެވެ. ފުރަތަމަ ކުރަން އުޅޭ ކަމެއް ކޮށް ނިންމާފައި އެހެން ކަމަކާ އުޅުމަށް ތަޖުރިބާކާރުން ބުނެ އެވެ. ސަބަބަކީ އެއް ކަމެއް ނުނިމެނީސް ދެވަނަ ކަމެއް ފެށުމުން ފުރަތަމަ ކުރަން އުޅުނު ކަންތައް ކުރަން ނަގާ ވަގުތު އިތުރުވާތީ އެވެ. މާ ގިނަ ކަންކަން އެއްފަހަރާ ކުރަން އުޅޭ ނަމަ މީހާ އެއްކޮށް ވަރުބަލިކޮށްލާ ހަކަތަ ހުސްކޮށްލާ "ބާންއައުޓް" އިހްސާސްކުރެވެ އެވެ.

މަސައްކަތުގެ ސަބަބުން ދިރިއުޅުމުގެ އެހެން ކަންކަމަށް ބުރޫ އަރާ ނަމަ އެ ދިރިއުޅުން އަދި ފުރިހަމަ އަށް ބެލެންސެއް ނުވެ އެވެ. އޮފީހުން ވެސް ބްރޭކް ނަގަން ޖެހެ އެވެ. އެކަމަކު އެއީ މީހާގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމަށް ބުރޫ ނާރާ ގޮތަށެވެ. އެހެން މީހުންނާ އެކަހެރިކޮށް މަސައްކަތްކޮށްގެން ނުވަތަ ފްލެކްސިބަލް ގަޑިތަކެއްގައި މަސައްކަތްކޮށްގެން ވޯކް-ލައިފް ބެލެންސް ހޯދުމަކީ މިހާރަކަށް އައިސް އާއްމު ކަމެކެވެ.

ވިޔަފާރިވެރިންގެ މިސްކިތުގައި ރޯދަ ވީއްލުމަށް ތައްޔާރުވަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

 ކާމިޔާބު ދިރިއުޅުމެއްގެ ސިއްރަކަށް ދެން އޮތީ "ލިވް އިން ދަ މޮމެންޓް" އެވެ. މާނައަކީ މާޒީގައި ކުރިމަތިވި ހިތްހަމަނުޖެހުންތަކާއި މުސްތަގުބަލުގައި ކުރިމަތިވެދާނެ ކަމަކާ މެދު ނުވިސްނާ ހަމައެކަނި މި ވަގުތަށް ފޯކަސް ކޮށްގެން ދިރިއުޅުމެވެ.  

ދިރިއުޅުމުގައި އުފާވަނީ އަދި ހަމަޖެހުން ލިބެނީ އެހެން މީހުންނަށް އެއްޗެއް ދިން ވަރަކުންނޭ ބުނާ އަޑު އަހަން ހެއްޔެވެ؟ މުޖުތަމައު އަށް އަނބުރާ ދިނުމަކީ ތިމާ އަށް ހީވެސް ނުކުރާހާ ހަމަޖެހުމެއް ލިބޭނެ ކަމެކެވެ. އެއީ ލޭ ހަދިޔާ ކުރުން، ވޮލަންޓިއާ ކުރުން ނުވަތަ އެހެން ވެސް ކޮންމެވެސް ގޮތަކުން އެހެން މީހަކަށް އެހީތެރިވުން ކަމުގައި ވިޔަސް މެ އެވެ.

ދިރިއުޅުމުގައި އުފާވެރިކަން އިތުރުވަނީ ހުރިހާ ކަމެއް ބެލެންސްކުރެވޭ ނަމަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް