ފެޝަން

މެޖެންޓާއަށް މަރުހަބާ: 2023ގެ ރަސްމީ ކުލަ އިއުލާންކޮށްފި

ކުލައެއް ހޮވަނީ އެކި ބައިނަލްއަގްވާމީ ޓްރެންޑުތައް، ފެޝަން، އިޖުތިމާއީ ކަންކަން، ސޯޝަލް މީޑިއާ އަދި ސިޔާސީ ކަންކަން ބަލައި ދިރާސާކުރުމަށް ފަހު
3 ޑިސެމްބަރު 2022

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ކުލައިގެ މާހިރުން ކަމަށްވާ 'ޕެންޓޯން ކަލާ އިންސްޓިޓުޓް'އިން އަންނަ އަހަރުގެ ކުލަ އަކީ 'މެޖެންޓާ' ކަމަށް ނިންމައި އެކަން އިއުލާންކޮށްފި އެވެ. 

ކޮންމެ އަހަރަކު ޕެންޓޯން އިން އެ އަހަރެއްގެ ކުލަ ކަނޑައަޅަ އެވެ. އެ އިންސްޓިޓިއުޓުން ކުލައެއް ހޮވަނީ އެކި ބައިނަލްއަގްވާމީ ޓްރެންޑުތައް، ފެޝަން، އިޖުތިމާއީ ކަންކަން، ސޯޝަލް މީޑިއާ އަދި ސިޔާސީ ކަންކަން ބަލައި ދިރާސާކުރުމަށް ފަހު އެވެ. އަދި މިކަންކަން ދިރާސާކުރުމަށް ފަހު ކުރިއަށް އޮންނަ އަހަރަށް އެންމެ ކަމުދާ ކުލައެއް އިއުލާން ކުރެ އެވެ.

އަންނަ އަހަރަށް ހޮވި 'ވީވާ މެޖެންޓާ 750-18' އަކީ ފިޔާތޮށި، ރަތް އަދި ދަނބު އެއްވެގެން ނުކުތް ކުލައެކެވެ. ޕެންޓޯންގެ އެކި ޕްލެޓްފޯމްތަކުން ބުނި ގޮތުގައި، މިއީ މި ތަފާތު ޒަމާނަށް އެކަށީގެންވާ ތަފާތު ކުލައެކެވެ. 

މި ގަދަ ކުލަ ގެނެސްދެނީ އެކި އިހުސާސްތަކެވެ. އޭގެ ތެރޭގައި ޖެހިލުންކުޑަ، ހިތްވަރު، ވަރުގަދަ އަދި އުފާވެރިކަމުގެ އިހުސާސުތައް ހިމެނެ އެވެ. މިއީ ކެރިގެން ކަންކަމާ ކުރިމަތިލާކަން ދައްކުވައިދޭ ކުލައެއް ވެސްމެ އެވެ. އަދި ފާގަތި މުސްތަގުބަލަކަށް އޮތް އުއްމީދު ވެސް މި ކުލައިން ދައްކުވައިދެ އެވެ.

'ވީވާ މެޖެންޓާ' ނެރެން ކުރި ދިރާސާތަކުން ބެލި މައިގަނޑު އެއް ކަމަކީ މީހުންގެ ތަބިއްޔަތާއި ކަމުދާ ކަންކަމެވެ. އެގޮތުން، ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު މީހުން ތިމާވެއްޓަށް އިތުރު ޝައުގެއް އުފެދި އެކަންކަމާ މެދު އިތުރަށް ވިސްނާ ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ. މެޖެންޓާ އަކީ ވެސް ތިމާވެއްޓާއި ގުދުރަތީ އެކި އަޖައިބުތަކުން ފެންނަ ކުލައެކެވެ. އަދި މީގެ އެތައް ހާސް އަހަރެއް ކުރިން މެޖެންޓާ ކުލައާ ގާތް ކުރާ ކުލައެއް 'ރެޑް ކާމައިން' ތައްޔާރުކުރީ 'ކޮޝިނިލް' ކިޔާ ސުއިއްޕެއް ބޭނުންކޮށްގެނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު މިހާރު އޮތް އިގުތިސާދީ ގޮންޖެހުންތައް، އިޖުތިމާއީ ހަމަނުޖެހުންތައް އަދި ދުނިޔެ ހޫނުވުމުގެ މައްސަލަތައް ކުރިމަތިލަމުންދާ ޒަމާނެއްގައި މީހުންނަށް ހިތްވަރު ލިބޭ ކުލައަކަށް މެޖެންޓާ ހުށަހެޅި އެވެ.

މިފަހަރު ކުލައެއް ހޮވަން ބައިވެރިވީ ޕެންޓޯންގެ ކުލަ މާހިރުންގެ ޓީމާ އެކު 'މިޑްޖޯނީ' ކިޔާ އޭއައި ވަސީލަތެކެވެ. އަދި 'މެޖެންޓާވާސް'ގެ ނަމުން މުޅިން އާ ދުނިޔެއެއް ދައްކާލާނެ ކަމަށް ޕެންޓޯން ބުންޏެވެ. 

އޭއައި އާއި އިންސާނުންގެ ދިރާސާތައް ގުޅުވައިގެން ނެރުނު މި ކުލަ އަކީ ތަކެތި އުފެއްދުމާއި ފެޝަން އަދިޑިޒައިން ފަދަ އެކި 'ވިޝުއަލް' ކަންކަމަށް އަހައްމިއްޔަތުކަން ދޭ ދާއިރާތަކަށް ބޭނުންތެރި ކުލައަކަށް ވެގެންދާނެ އެވެ. އެގޮތުން، މިހާރު ވެސް 'މެޖެންޓާވާސް'ގެ ތެރެއިން އެކި ޕާޓްނާޝިޕްތައް އުފެދިއްޖެ އެވެ. އެއީ މޮޓޮރޮލާ، ސްޕޫންފަލަވާ އަދި ކަރިއުމާ ފަދަ ބައިނަލްއަގްވާމީ ކުންފުނިތަކާ އެކު މެޖެންޓާ ބޭނުންކޮށްގެން މޮބައިލް ފޯނު، ވޯލްޕޭޕާ އަދި ސްކޭޓް ކުރާ ބޫޓު އުފައްދަން މަސައްކަތް ވަނީ ފަށައިފަ އެވެ.

'ވީވާ މެޖެންޓާ'ގެ ކުލަ އަންނަ އަހަރުގެ އެކި ފެޝަން ޝޯތަކުންނާއި އެކި ފެޝަން ކަލެކްޝަންތަކުން ފެނިގެންދާނެކަން ޔަގީނެވެ. މި އަހަރު މަގުބޫލުވި ވެލެންޓީނޯގެ ފިޔާތޮށި ކުލަ ނުވަތަ މި އަހަރުގެ 'ވެރި ޕެރި' މަޑު ދަނބު ކުލައަށް ވުރެ ތަފާތު މި ގަދަ ކުލަ އެކި ޑިޒައިންތަކަށް ފަރުމާކޮށްފައި ވަރަށް އަވަހަށް ފެންނާނެ އެވެ. 

މެޖެންޓާގައި އެކުލެވޭ މުއްސަނދި އަދި ހިތްގައިމު ކުލައަކީ ހަމުގެ ގިނަ ކުލަތަކާ ވެސް ގުޅޭ ކުލައެއްކަން ޕެންޓޯން އިން ފާހަގަކުރި އެވެ. އެގޮތުން، މި ކުލަ އެކުލަވާލައިގެން ހެދުމެއްގެ ގޮތުގައި ނުވަތަ އެކްސެސަރީޒް ބޭނުންކޮށްގެން ސްޓައިލު ކޮށްލެވިދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް